ނިސްބަތުން ޓީބީ މަދު ގައުމެއްގެ ގޮތުގައި ރާއްޖެ އޮތުމަކީ ލިބޭ ފަޚުރެއް: ރައީސް

ބަލީގެ ނިސްބަތުން ޓީބީ މަދު ގައުމެއްގެ ގޮތުގައި ރާއްޖެ އޮތުމަކީ ލިބޭ ފަޚުރެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ދުނިޔޭގެ ޓީބީ ދުވަހާއި ގުޅިގެން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ދުނިޔޭގެ ޓީބީ ދުވަސް ފާހަގަކުރަމުންދާއިރު، މިއީ ރައްކާތެރިވެވިދާނެ އަދި ފަރުވާކޮށްގެން ރަނގަޅުކުރެވޭ ބައްޔަކަށް ވީނަމަވެސް، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެތައް މިލިޔަން ބަޔަކަށް މިބަލީގެ ނުރައްކާ އަދިވެސް ކުރިމަތިވަމުންދާކަމަށެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިބަލި ނައްތާލުމަށްޓަކައި ހަރުދަނާ ޞިއްޙީ ނިޒާމެއް މުހިންމުކަމަށެވެ. އަދި ބަލި އަވަހަށް ދެނެގަތުމަށް މުޖުތަމައުގެ ފަރުދުންގެ ބައިވެރިވުން އިތުރުކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެއްކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ދިވެހިރާއްޖެއަކީ ޓީބީ ބަލީގެ ނިސްބަތް މަދު ގައުމެއްގެ ގޮތުގައި އޮތުމަކީ ފަޚުރުވެރިވާ ކަމެއްކަމަށެވެ. އަދި ޓީބީ ބަލި އަވަހަށް ދެނެގަތުމުގެ ނިޒާމު އިތުރަށް ހަރުދަނާކުރުމާއި، ޓެސްޓުތަކާއި ފަރުވާ ފަސޭހައިން ލިބޭނެ މަގު ތަނަވަސްކުރުމުގެ އިތުރުން، ބަލީގެ ނުރައްކާ ބޮޑު މީހުންނަށް ބޭނުންވާ އަޅާލުން ފޯރުކޮށްދިނުމުގައި ރާއްޖެއިން ގިނަގުނަ މަސައްކަތްތަކެއް ކުރަމުން އަންނަކަމަށް ވިދާޅުވިއެވެ.
ޓީބީ ދުވަސް މިއަދު ފާހަގަކުރަމުން އަންނައިރު ޓީބީން ސަލާމަތްވެފައިވާ މުސްތަގުބަލަކަށް ވާސިލުވުމަށްޓަކައި، ޞިއްޙީ ޚިދުމަތްތެރިންނާއި މުޖުތަމަޢު ގުޅިގެން، އާންމު ޞިއްޙަތު ރައްކާތެރިކުރުމަށް ކުރާ މަސައްކަތްތައް އިތުރަށް ވަރުގަދަކުރުމުގެ އަޒުމް ކަނޑައަޅަންޖެހޭކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ކޮންމެ އަހަރެއްގެ މާރިޗު މަހުގެ 24 ވަނަ ދުވަސް ފާހަގަކުރަނީ ދުނިޔޭގެ ޓީބީ ދުވަހުގެ ގޮތުގައެވެ. މިދުވަސް ފާހަގަކުރުމުގެ މައިގަނޑު ބޭނުމަކީ ބަލިން ރައްކާތެރިވުމަށް އާންމު ހޭލުންތެރިކަން އިތުރުކުރުމެވެ.
ޓިއުބަރކިއުލޯސިސް ނުވަތަ ޓީބީއަކީ މައިކްރޯ ބެކްޓީރިއަމް ޓިއުބަރކިއުލޯސިސް ކިޔާ ބެކްޓީރިއާއެއްގެ ޒަރިއްޔާއިން ޖެހޭ ބައްޔެކެވެ. ޢާއްމުގޮތެއްގައި ފުއްޕާމެއަށް ޖެހުނު ނަމަވެސް މިބަލި ހަށިގަނޑުގެ އެހެން ގުނަވަންތަކަށް ޖެހުމުގެ ފުރުޞަތުވެސް އޮންނަކަމަށް ޞިއްޙީ ދާއިރާގެ ބޭފުޅުން ވިދާޅުވެއެވެ. މިއީ ގައިންގަޔަށް އަރާ ބައްޔަކަށްވާއިރު މިބަލި ޖެހުމަށް މެދުވެރިވަނީ ނޭވާލާ ނިޒާމުގެ އެހެން ބަލިތައްވެސް ފެތުރޭ އުސޫލުންނެވެ.
ރާއްޖޭގައިވެސް މިބަލީގެ ފަރުވާ ދެވޭއިރު 1994 ވަނަ އަހަރުން ފެށިގެން ބައިނަލްއަޤުވާމީ މިންގަނޑުތަކާއި އެއްގޮތަށް ސީދާ ޑޮކްޓަރުންގެ އިރުޝާދާއެކު މިބައްޔަށް ރާއްޖޭގައި ފަރުވާދެވޭނެ އިންތިޒާމުވަނީ ހަމަޖެހިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ