އެމްޔޫ މަނިކާއި އިބްރާހިމް ނޫރައްދީން ވަކިކޮށް އެމްއޭސީއެލް ފުނޑާލި ގޮތް

ރާއްޖޭގެ މައި އެއާޕޯޓް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ހިންގާ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ ބޯޑުން އިބްރާހިމް ނޫރައްދީން 2024ގެ އޮކްޓޯބަރު މަހުގެ ތެރޭގައި ކުއްލިއަކަށް ވަކިކުރި އެވެ. ސަބަބެއް އޭރު ސަރުކާރުން ނުބުނެ އެވެ. ރަށު ތެރޭ އޭރު އަޑުތައް ހުރީ ސަރުކާރުގެ އެންގުންތަކަށް އޭނާ އާ ބަސް ވިދާޅުނުވުމެވެ. ސުވާލުކުރުމުން ވެސް އިބްރާހިމް އޭރު އެކަމާ އެއްޗެއް ވިދާޅެއް ނުވެ އެވެ. 
އިބްރާހިމް ބޯޑުން ބޭރުކޮށްލުމުގެ ކުރިން އެމްއޭސީއެލްގެ ޗެއާމަންކަން ގިނަ ދުވަހު އަދާކުރެއްވި ޓޫރިޒަމްގެ އެއް ބާނީ، މުހައްމަދު އުމަރު މަނިކު (އެމްޔޫ މަނިކު) ޗެއާމަންކަމުން އިސްތިއުފާ ދެއްވި އެވެ. އެވެސް މަތިން އެންގި މަޖުބޫރު އިސްތިއުފާއެއްކަން ފަހުން ކަށަވަރުކުރެވުނެވެ. އެއަށް ފަހު އެމްއޭސީއެލްގެ ޗެއާއަކަށް ހަމަޖެއްސީ ރައީސްގެ އިގްތިސާދީ އެޑްވައިޒަރު ވިޔަފާރިވެރިޔާ މުހައްމަދު އަލީ ޖަނާހު (ޖަނާ)ގެ ދަރިކަނބަލުން ނޫރައިން ޖަނާހު އެވެ. 
ދެން ފެނުނީ ސިޔާސީ ވަޒީފާތަކުން އެމްއޭސީއެލް ފުރާލި ތަނެވެ. ކުންފުންޏާ އެއްވެސް ގުޅުމެއް ނެތް ބިން ހިއްކުމާއި ޒުވާނުންގެ މަރުކަޒުތައް ރަށްރަށުގައި ހެދުމުގެ މަސައްކަތްތައް އެ ކުންފުނިން ކުރަން ފެށި އެވެ. ހިފެހެއްޓުމެއް ނެތި ސަރުކާރުގެ ހަރަދުތަކަށް ލޯން ނަގައިދޭން ފެށި އެވެ. ކުރުކޮށް ބުނާ ނަމަ ކިރިޔާ ވެސް ރަނގަޅޭ ބުނެވެން އޮތް ސަރުކާރުގެ ކުންުފުނި ފުޑާލި އެވެ. އިނދަޖައްސާލި އެވެ. 
އެމްއޭސީއެލްގެ ހާލަތު އެކި ފަރާތްތަކުން އިއްޔެ އާއި މިއަދު އެކްސްގައި ކިޔައިދޭން ފެށުމާ އެކު އިބްރާހިމް ނޫރައްދީން ވަނީ އޭނާ ބޯޑުން ވަކިކުރި ގޮތް ފުރަތަމަ ފަހަރަށް ވިދާޅުވެ ދެއްވައިފަ އެވެ. އެމްއޭސީއެލްއަށް ވަމުންދާ ގޮތާ މެދު އޭޭނާ ހުންނެވީކަންބޮޑު ވަޑައިގެންނެވެ. 
"އެމްއޭސީއެލްއަށް މިހާރު ވަމުން އެދާގޮތް ފެނިފައި ދެރަވޭ." އިބްރާހިމް ނޫރައްދީން އެކްސްގައި ލިޔުއްވި އެވެ. އެއަށް ފަހު ދެން ވިދާޅުވެދެއްވީ އޭނާ އެމްއޭސީއެލްގެ ބޯޑުން ވަކިކުރި ސަބަބެވެ. 
ގާބިލްކަމާއި ތަޖުރިބާ ނެތް ނަމަވެސް އެއްވެސް ބީލަމަކަށް ނުގޮސް އާރުޑީސީއަށް 93 މިލިއަން ރުފިޔާގެ މަޝްރޫއެއް ހަވާލުކުރަން "މަތީ ފަރާތުން އެންގި އެންގުމާ" އޭނާ ބޯޑުގައި ދެކޮޅު ހެއްދެވީ އެވެ. 
"ގެއަށް ނުވަދެވޭ ބޯޑުން ވަކިކުރިކަމުގެ އީމެއިލް ލިބިއްޖެ،" ބޯޑުން ވަކިކުރި ދުވަހު ކަން ހިނގި ގޮތް އިބްރާހިމް ނޫރައްދީން ލިޔުއްވި އެވެ. 
އޭނާ ވަނީ ވީއައިއޭގެ ސީއައިޕީ/ވީއައިޕީ ޓާމިނަލް ހިންގަން ދުބާއީގެ ކުންފުންޏެއް ކަމަށްވާ 'ޖެޓެކްސް' ކިޔާ ކުންފުންޏަކާ ހަވާލުކުރަން އެމްއޭސީއެލްއިން ހިންގި މުއާމަލާތާ ގުޅޭ ގޮތުން ވެސް ވާހަކަ ދައްކަވައިފަ އެވެ. އޭނާ ލިޔުއްވި ގޮތުގައި ރައީސްގެ އެޑްވައިޒަރު ވެސް ބޭނުންފުޅުވީ، ޖެޓެކްސްއަށް 25 އަހަރަށް އެ ޓާމިނަލް ދޭށެވެ. އެކަން ކުރަން އުޅުނީ ވާދަވެރި ބީލަމެއްގައެއް ނޫނެވެ. އަދި ވިދާޅުވީ އެކަން ކުރަން އުޅުނީ ދިވެހި ކުދި ވިޔަފާރިތަކަށް ގެއްލުންވާ ގޮތަށް ކަމަށެވެ. 
"[ޖެޓްތަކަށް ހިދުމަތް ދިނުން] މިއީ ދިވެހި ކުދި ކުންފުނިތަކުން ތަރައްގީކޮށްފައި އޮތް ކަމެއް. އޭގެ ބައެއް ބޭފުޅުން ބޯޑުގައި ވެސް ތިއްބެވި. އެކަމަކު [ޖެޓްޓާމިނަލް ދޭން އުޅުނުއިރު] ޕީސީޕީން އޮތީ ހިމޭނުން،" އިބްރާހިމް ނޫރައްދީން ލިޔުއްވި އެވެ. 
އެންމެ ފަހުން އާންމުކޮށްފައި ހުރި އެމްއޭސީއެލްގެ މާލީ ހިސާބުތަކަށް ބަލާއިރު، އެ ކުންފުންޏަށް 2024 ވަނަ އަހަރު ލިބުނު ސާފު ފައިދާ ކަމަށްވާ 1.1 ބިލިއަން ރުފިޔާއަށް ވުރެ އިތުރަށް އެ ކުންފުނިން ވަނީ ސަރުކާރުގެ ހަރަދުތަކަށް ލޯނު ނަގައިދީފަ އެވެ. އެގޮތުން: 
ސަރުކާރުގެ ޓީބިލް ގަންނަން 80 މިލިއަން ޑޮލަރު (1.2 ބިލިއަން ރުފިޔާ)ގެ ލޯން ނަގާފައިވޭ 
އެމްއޭސީއެލްގެ ދަރަނި 13 ބިލިއަން ރުފިޔާއަށް އަރާއިރު އޭގެ %9އަކީ ސަރުކާރު ހިންގަން ނަގައިދިން ލޯން
މީގެ އިތުރަށް ސަރުކާރަށް ދޭން ޖެހޭ ޑިވިޑެންޑަށް ވުރެ ބޮޑު އަދަދެއް ލޯނުގެ ގޮތުގައި އެމްއޭސީއެލްއިން ވަނީ ސަރުކާރަށް ނަގައިދީފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ