ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ބެލެނިވެރިންގެ ތެރެއިން، ސަރުކާރުގައި ވަޒީފާ އަދާ ކުރާ މީހުންނަށް ގޭގައި ތިބެގެން މަސައްކަތް ކުރެވޭ ގޮތް ނުވަތަ 'ވޯކްފްރޮމް ހޯމް' ހަދަން ނިންމާފައިވާ ކަމަށް ރައީސް މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ރައްޔިތުންގެ މަޖިލިސްގެ މި އަހަރު ހުޅުވުމަށް މިއަދު ބާއްވާ ޖަލްސާގައި ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ވިދާޅުވީ ތައުލީމު ފޯރުކޮށްދިނުމުގައި، ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދޭނެ ކަމަށެވެ. އެގޮތުން ކުރިއަށް އޮތް ދުވަސްތަކުގައި އެ ކުދިންނަށް ހާއްސަކޮށްގެން ގިނަ ކަންތައްތަކެއް ކުރަން ރާވާފައިވާކަން އެ މަނިކުފާނު ފާހަގަ ކުރެއްވި އެވެ.
ބުނީ ކީކޭ؟ - އެންމެ ބޮޑު ކަމެއްގެ ގޮތުގައި ފާހަގަ ކުރެއްވީ، ނުކުޅެދުންތެރިކަން ހުންނަ ކުދިން ގެންގުޅޭ، ސިވިލް ސާވިސްގައި ވަޒީފާ އަދާކުރާ ބެލެނިވެރިންގެ މަސައްކަތްތައް ގެއަށް ބަދަލު ކުރުމެވެ. އެ ބެލެނިވެރިންނަށް އަންނަ މާޗު މަހުން ފެށިގެން ގޭގައި ތިބެގެން މަސައްކަތް ކުރުމުގެ މަސައްކަތް ފަހިކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނު ފާހަގަ ކުރެއްވި އަނެއް ކަމަކީ، ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ގޭގައި ކިޔެވުން ނުވަތަ ހޯމްސްކޫލިންގެ ފުރުސަތު ފަހިކޮށްދިނުމެވެ.
ރައީސް ވިދާޅުވީ ދަރިވަރުންގެ ނުކުޅެދުންތެރިކަން ހުރި ނިސްބަތަށް ބެލުމަށް ހަދާ އެސެސްމެންޓެއްގެ މައްޗަށް ބިނާކޮށް، ކަނޑައަޅާ ގަވައިދަކާ އެއްގޮަތަށް އެ ކުދިންނަށް ހޯމް ސްކޫލިން ދިނުމަށް، ގާނޫނަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގައި ހުށަހަޅުއްވާނެ ކަމަށެވެ.
ރިޔާސީ ބަޔާނުގައި ރައީސް ވިދާޅުވީ:
ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް، އެކި މާއްދާތަކުގެ ފޮތްތައް ތައްޔާރުކޮށްދޭނެކަމަށް
އެ ކުދިންގެ ނުކުޅެދުންތެރިކަމާ އެކަށީގެންވާ ގޮތެއްގައި އޯލެވެލްއަށް ތައްޔާރުކުރުމަށް ހާއްސަ މަސައްކަތްތަކެއް ރާވާ ތަންފީޒު ކުރުމުގެ މަސައްކަތް މި އަހަރު ފައްޓަވާނެ ކަމަށް
ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ކިޔަވައިދޭ ޓީޗަރުން އުފެއްދުމުގެ މަސައްކަތް ފުޅާ ކުރައްވާނެ ކަމަށް
އެ ކުދިންނަށް ހާއްސަ ވަސީލަތްތަކާއި އާލާތްތައް ހުރިހާ ސްކޫލެއްގައި ވެސް ގާއިމުކޮށް، އެ ކުދިންނަށް ބޭނުންވާނެ ހާއްސަ ކްލާސްރޫމުތަކާއި ޕްރައިވަސީ ބޮޑަށް ލިބޭނެ ފަދަ ގޮތަކަށް ޑިޒައިންކޮށްފައިވާ ފާހާނާތައް ގާއިމު ކުރައްވާނެ ކަމަށް
ރައީސްގެ ވާހަކަފުޅުގައި ވިދާޅުވީ ތައުލީމީ ގޮތުން ގާބީލް ޖީލެއް ބިނާކުރެވޭނީ މަދުރަސީ ތައުލީމުގެ ފެންވަރު ރަނގަޅުކޮށްގެން، ހުރިހާ ކުދިން ވެސް ބައިވެރިކޮށްގެން ކަމަށެވެ. އަދި މިހާތަނަށް ތައުލީމީ ދާއިރާގައި އަޅާނުލާ ދޫކޮށްލާފައިވާ ގިނަ ކަންތައްތަކަކަށް ހައްލު ގެނައުމުގެ ގިނަ މަސައްކަތް މި ސަރުކާރުން ފަށާފައިވާ ކަމަށް ވިދާޅުވި އެވެ.
ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ބެލެނިވެރިން ގޭގައި ތިބެގެން ވަޒީފާ އަދާކުރެވޭ ގޮތް ހަދަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ