އަންނަ މަހުން ފެށިގެން ކޮންމެ ހަފްތާއަކު އެއް ދުވަހު ނޫސްވެރިންނާ އެ މަނިކުފާނު ބައްދަލުކުރައްވާނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ރައީސް މުއިއްޒު އެންމެ ފަހުން ނޫސްވެރިންނާ ބައްދަލުކުރެއްވީ މީގެ ނުވަ މަސް ކުރިން، މިދިޔަ އަހަރު މެއި މަހު އެވެ.
ނަމަވެސް އަންނަ މަހުން ފެށިގެން ހަފްތާއަކު އެއް ފަހަރު ނުސްވެރިންނާ ބައްދަލުކުރައްވާނެ ކަމަށް ރައީސް އިއުލާން ކުރެެއްވީ މިއަހަރަށް މަޖިލިސް ހުޅުވުމަށް މިއަދު ބޭއްވި ޖަލްސާގައި އެ މަނިކުފާނު އިއްވެވި ރިޔާސީ ބަޔާނުގަ އެވެ.
ރައީސް ވިދާޅުވި ގޮތުގައި، ކޮންމެ ހަފްތާއަކު އެއް ގަޑިިއިރަށް ނޫސްވެރިންނާ އެ މަނިކުފާނު ބައްދަލުކުރައްވާނެ އެވެ.
ބުނީ ކީކޭ؟ - "މީޑިއާއާ އަޅުގަނޑު ބާއްވަމުން އަންނަ ގާތް ރަހުމަތްތެރި ގުޅުން އިތުރަށް ގާތް ކުރުމަށްޓަކައި، މީޑިއާއަށް ސީދާ އަޅުގަނޑު މައުލޫމާތު ދިނުމުގެ ގޮތުން މިއަހަރުގެ މާޗު މަހުން ފެށިގެން އާންމު އުސޫލެއްގެ ދަށުން އިރާދަކުރެއްވިއްޔާ ކޮންމެ ހަފްތާއަކު ހޯމަ ދުވަހެއްގެ ހެނދުނު 10 އިން 11އަށް ނޫސްވެރިންނާ އަޅުގަނޑު ބައްދަލުކުރާނަން،" ވެރިކަމުގައި މިވީ ދެ އަހަރު ތެރޭ ޖުމްލަ ހަތަރު ނޫސްވެރިންގެ ބައްދަލުވުން ބޭއްވެވި ރައީސް މުއިއްޒު ވިދާޅުވި އެވެ.
"ދަތުރެއް ކުރަން ޖެހުން ނުވަތަ ބަންދު ދުވަހަކާ ދިމާވުން ނުވަތަ އެ ނޫން ވެސް މި ޝެޑިއުލަށް ބަދަލު އަންނަ ފަދަ ކަމެއް މެދުވެރި ނުވާހާ ހިނދަކު އިރާދަކުރެއްވިއްޔާ މިކަން މިގޮތުގައި ކުރުމުގައި ދެމިހުންނާނެ ކަމުގައި ދަންނަވަން."
އޭގެ އިތުރުން، ރައީސް ވިދާޅުވީ އަންނަ މަހުން ފެށިގެން ކެބިނެޓުގެ ކޮންމެވެސް އެއް ވަޒީރަކު ހަފްތާއަކު އެއް ފަހަރު، އެއް ގަޑިއިރަށް ނޫސްވެރިންނާ ބައްދަލުކުރައްވާނެ ކަމަށެވެ. އަދި އެ ބައްދަލުވުންތަކުގެ ތާވަލު ރައީސް އޮފީހުން ހާމަކުރާނެ ކަމަށް ވެސް އެ މަނިކުފާނު ވިދާޅުވި އެވެ.
ސަރުކާރުން މިދިޔަ އަހަރު މައުލުމާތު ދިނުމުގައި ކުރި މަސައްކަތަކާ ގުޅޭ ގޮތުން ރައީސް ވިދާޅުވީ:
ރާއްޖެ އާއި ރާއްޖެއިން ބޭރުގެ މީޑިއާތައް ހިމެނޭހެން 424 ފަހަރު ސީދާ ވަޒީރުން ވަނީ އެ މީޑިއާތަކަށް މައުލޫމާތާއި އިންޓަވިއު ދެއްވުމަށް ވަޑައިގެންފައި
އޭގެ އިތުރުން، 493 ފަހަރު ވުޒާރާތަކުގެ އެހެނިހެން އިސްވެރިން ވަނީ ރައްޔިތުންނަށް ބޭނުންވާ މައުލޫމާތު މީޑިއާގެ ޒަރިއްޔާއިން ހިއްސާކުރައްވާފައި
ރައީސް އޮފީހާއި މިނިސްޓްރީތަކަށް 1،300އެއްހާ އާރުޓީއައި ފޮނުވާފައިވާއިރު، އޭގެ ތެރެއިން 1،251 އާރުޓީއައިއަށް ވަނީ ޖަވާބުދީ ނިންމާފައި؛ އެއީ ހުށަހެޅި އާރުޓީއައިގެ %93 އަދި ނުދީ ހުރި ޖަވާބުތަކަށް މިހާރު ވެސް ދަނީ މަސައްކަތް ކުރަމުން
ރައްޔިތުންނަށް މައުލޫމާތު ފޯރުކޮށްދިނުމަށް ސޯޝަލް މީޑިއާގެ އެކި މަންސަތަަކުގައި ސަރުކާރުން ވަނީ މިދިޔަ އަހަރު 40،000އަށް ވުރެ ގިނަ ޕޯސްޓުކޮށްފައި
އެ ތަފާސްހިސާބުތަކާ އެކު ރައީސް މުއިއްޒު ވިދާޅުވީ، މީީޑިއާތަކުންނާއި ފަރުދީ ގޮތުން ވެސް ސަރުކާރު ތެރެއިން މައުލޫމާތު ހޯދުމުގައި "ކުޑަ ވެސް ހުރަހެއް ނެތް" ކަމަށެވެ.
ރައީސް އެގޮތަށް ވިދާޅުވި ނަމަވެސް، ސަރުކާރު ތެރެއިން ނޫސްވެރިން ހޯދަން ބޭނުންވާ މައުލުމާތުތައް ހޯދުމަކީ އަދިވެސް ގޮންޖެހުން ބޮޑު ކަމެކެވެ.
ރައީސް ކޮންމެ ހޯމައެއްގައި ނޫސްވެރިންނާ ބައްދަލުކުރަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ