މަސްވެރިންނަށް ހާއްސަ އަގެއްގައި 1.1 މިލިއަން ލީޓަރުގެ ތެޔޮ

ސަބްސިޑައިޒް އަގުގައި ތެޔޮ ދޫކުރާ ތަންތަނުން މިހާތަނަށް 1,106,230 މިލިއަން ލީޓަރުގެ ތެޔޮ މަސްވެރި އުޅަނދުފަހަރަށް އަޅާފައިވާ ކަމަށް މިނިސްޓަރ އޮފް ފިޝަރީޒް އެގްރިކަލްޗަރ އެންޑް އޯޝަން ރިސޯސް އަޙްމަދު ޝިޔާމް ވިދާޅުވެއްޖެ އެވެ.
މިނިސްޓަރ މިހެން ވިދާޅުވީ ހަނގުރާމައާއި ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ ކޮމެޓީން އިއްޔެ ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.
މިނިސްޓަރ ވިދާޅުވީ މި އުނދަގޫ ހާލަތުގައިވެސް މަސްވެރިން މަސް ކަނޑުތަކަށް ނެރުމަށްޓަކައި ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.
އެގޮތުން މިވަގުތު ލިމިޓޭޝަން ގެންނަންޖެހޭ ކަމަށާއި ސަބަބެއްކަމަށް ވިދާޅުވީ ހުރިހާ އިންޑަސްޓްރީއަކަށް ބޭނުންވާ ތެޔޮލުގެ ބޮޑުބައެއް އެތެރެކުރަނީ އެސްޓީއޯއިން ކަމުގައިވާތީ ކަމަށެވެ. އަދި ދޫކުރާ ލިމިޓޭޝަނަކީ އެވްރެޖްކޮށް މަސްވެރިކަމުގައި ބޭނުންވާ މިންވަރު ކަމަށް، މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކާއި މަޝްވަރާކުރުމުން އެނގިފައިވާކަމަށެވެ. އެއީ 85 ފޫޓުން މައްޗަށް 1500 ލީޓަރު، އެއީ މަހެއްގެ މައްޗަށް ފަސް ދަތުރުކަމަށް ބަލައިގެންނެވެ. 80 ފޫޓާއި 50 ފޫޓްގެ އުޅަނދުތަކަށް 1000 ލީޓަރު ދޭއިރު، ފަންސާސް ފޫޓުން ދަށުގެ އުޅަނދުތަކަށް ދޫކުރަނީ 600 ލީޓަރެވެ.
މިނިސްޓަރ ވިދާޅުވީ ސަރުކާރުން ސަބްސިޑައިޒް އަގުގައި ތެޔޮ ވިއްކަން ފެށިފަހުން މަސްވެރި އުޅަނދުތަކުން މިހާތަނަށް ގާތްގަނޑަކަށް 958 ފަހަރަކު ހިދުމަތް ހޯދާފައިވާިއރު، 1.1 މިލިއަން ލީޓަރަށްވުރެ ގިނަ ލީޓަރުގެ ތެޔޮ ސަބްސިޑައިޒް އަގުގައި ތެޔޮ ދޫކުރާ ތަންތަނުން މަސްވެރި އުޅަނދުފަހަރަށް އަޅާފައިވާކަމަށެވެ.
"މިހާތަނަށް 958 ފަހަރަކު ނޫނީ 958 ދޯންޏެއް. އެނގިވަޑައިގަންނަވާނެ، އެއް ފަހަރަށްވުރެ ގިނަ ފަހަރު މި ދޯނިތައް ޔަޤީނުންވެސް މި ދަންނަވާ ތެޔޮ ދޫކުރާ ތަންތަނުން ތެޔޮ ލިބިގަންނާނެ. އެގޮތުން، 1.1މިލިއަން ލީޓަރަށްވުރެ ގިނަ ލީޓަރުގެ ތެޔޮ މި ޙާލަތުގައި، ސަރުކާރުން މިދޭ އެހީތެރިކަމާއެކީގައި ޔަޤީނުންވެސް މަސްވެރި އުޅަނދުފަހަރަށް އަޅައިފި" ޝިޔާމް ިދާޅުވި އެވެ.
ރާއްޖޭގެ ހުރިހާ ހިސާބުތަކެއްގައި ސަބްސިޑައިޒް އަގުގައި މަސްވެރިންނަށް ތެޔޮ ލިބޭނޭ އިންތިޒާމު ހަމަޖެއްސުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ. އެގޮތުން މި ވަގުތު ސަބްސިޑައިޒް އަގުގައި މާލެ ސަރަހައްދުގެ އިތުރުން މި ލިބެނީ ފެލިވަރުންކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ މިހާރު އެއަށްވުރެދުރުން ، އެސްޓީއޯގެ ވަސީލަތްތައް ހުރި ތަންތަނުން ހއ،ހދ، ށ ގައި ވެސް ކުރިއަށް އޮތް ދުވަސްތަކުގައި ތެޔޮ ލިބޭނެ އިންތިޒާމު އެސްޓިއޯ އާއި ވާހަކަ ދައްކައިގެން ހަމަޖައްސަމުން އަންނަކަމަށް ވެސް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ