ގަބޫލު ކުރޭ، ކަނޑުގެ ލޮނުގަނޑު އުފުލެމުންދާ ދިޔުމަކީ ހަގީގަތެއް: މައުމޫން

ދުނިޔެ ހޫނުވުމުގެ ސަބަބުން ކަނޑުގެ ލޮނުގަނޑު އުފުލެމުންދާ ދިޔުމަކީ ސައިންޓިފިކް ހަގީގަތެއް ކަމަށާއި އެފަދަ ހަގީގަތްތައް އެންމެން ވެސް ގަބޫލުކުރަން ވާނެ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.
ބުނީ ކީކޭ؟ - މައުމޫން މިރޭ 'އެކްސް'ގައި ކުރެއްވި ޕޯސްޓެއްގައި ފާއިތުވެދިޔަ 30 އަހަރުގެ ތެރޭގައި ކަނޑުގެ ސަތަހައަށް ބަދަލު އައިސްފައިވާ ގޮތް ދައްކުވައިދޭ ސެޓެލައިޓް މައުލޫމާތު ވަނީ ހިއްސާކުރައްވާފަ އެވެ.
"އެންމެންވެސް ސައެންޓިފިކް ހަގީގަތްތައް ގަބޫލުކުރަން ޖެހޭނެ. ދުނިޔެ ހޫނުވުމުގެ ސަބަބުން ކަނޑުގެ ލޮނުގަނޑު އުފުލެމުންދާ ދިޔުމަކީ އެފަދަ ހަގީގަތެއް،" އެ ޕޯސްޓުގައި މައުމޫން ވިދާޅުވި އެވެ.
"ސެޓެލައިޓް މައުލޫމާތު ދައްކާ ގޮތުގައި މިވޭތުވެދިޔަ 30 އަހަރުގެ ތެރޭގައި ކަނޑުގެ ސަތަހަ 3.4 މިލިމީޓަރު އުފުލިއްޖެ."
ގުޅުންހުރި ކަމެއް - ކަނޑުގެ ލޮނުގަނޑު އުފުލުމާ ބެހޭގޮތުން މައުމޫން ކުއްލިއަކަށް ހިޔާލު ކުރެއްވި އިރު، އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ގަތަރުގެ އަލް-ޖަޒީރާއަށް މިފަހުން ދެއްވި އިންޓަވިއުގައި މޫސުމީ ބަދަލުތަކާ ގުޅޭ ގޮތުން ކުރި ސުވާލުގެ ޖަވާބުގައި ވިދާޅުވެފައިވަނީ، ރާއްޖޭގެ މޫސުމީ ބަދަލުތަކާ ގުޅޭ ގޮތުން ބައިނަލްއަގުވާމީ އިދާރާތަކުން ފާހަގަކުރާވަރުގެ ކަންބޮޑުވުމެއް ނެތް ކަމަށެވެ.
އެ އިންޓަވިއު ބެއްލެވުމަށް ފަހު 'އެކްސް'ގައި ކުރިން ކުރެއްވި ޕޯސްޓެއްގައި މައުމޫން ވަނީ މުއިއްޒުއަށް ތައުރީފު ކުރައްވައި، ކާމިޔާބަށް އެދިވަޑައިގެންފަ އެވެ.
އަލް-ޖަޒީރާއަށް މުއިއްޒު ދެއްވި އިންޓަވިއުގައި މޫސުމީ ބަދަލުތަކާ ގުޅޭ ގޮތުން މާ ބޮޑު ކަންބޮޑުވުމެއް ނެތް ކަމަށް ވިދާޅުވުމާ އެކު އާންމުންގެ ބައެއް މީހުންގެ ފާޑުކިޔުން އެމަނިކުފާނަށް އަމާޒުވި އެވެ. އޭގެ ފަހުން މުއިއްޒުގެ ތަރުޖަމާނު މުހައްމަދު ފިރުޒުލް ވިދާޅުވީ މޫސުމީ ބަދަލުތަކާ މެދު މުއިއްޒުގެ ކަންބޮޑުވުން ހުރި ކަމަށާއި އެ މައްސަލަ ހައްލުކުރަން ވެސް އިސްކަން ދެއްވާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ