ސީއެޗްއެސްއީގެ ކުރީގެ އިމާރާތް އަމީނިއްޔާ ސްކޫލް ހިންގަން ދެނީ

ސެންޓާ ފޯ ހަޔާ ސެކަންޑްރީ އެޑިއުކޭޝަން (ސީއެޗްއެސްއީ)ގެ ކުރީގެ އިމާރާތް އަމީނިއްޔާ ސްކޫލް ހިންގުމަށް ދޭން އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފިއެވެ. އެޑިއުކޭޝަން މިނިސްޓްރީގެ މީޑިއާ އޮފިޝަލަކު 'ސަން'އަށް ވިދާޅުވީ ސީއެޗްއެސްއީ ގެ ކުރީގެ އިމާރާތް އަމީނިއްޔާ ސްކޫލަށް ދޭން ނިންމީ، އެ ސްކޫލްގެ ކިޔެވުން އެއް ދަންފަޅިއަށް ބަދަލުކުރުމަށް ކަމަށެވެ. ސީއެޗްއެސްއީގެ ކުރީގެ އިމާރާތް ބޭނުން ކުރުން ހުއްޓާލީ މިދިޔަ އޮގަސްޓު މަހުއެވެ. އެއަށްފަހު އެ ސްކޫލް ވަނީ ހުޅުމާލޭގައި ހެދި އާ އިމާރާތަށް ބަދަލުކޮށްފައެވެ. ސީއެޗްއެސްއީގެ ކުރީގެ އިމާރާތާއެކު އަމީނިއްޔާ ސްކޫލް ވާނީ ރާއްޖޭގައި ހުރި އެންމެ ބޮޑު ސްކޫލަށެވެ. މި ފަހުން އެ ސްކޫލްގައި ވަނީ އަށް ބުރީގެ އިމާރާތެއް ވެސް އަޅައިފައެވެ. އަންނަ ޖެނުއަރީ މަހު ފަށާ ދިރާސީ އަހަރުގެ ދެވަނަ ޓާމާއެކު އަމީނިއްޔާ ސްކޫލްގައި ވެސް އެއްދަންފަޅިއަށް ކިޔަވައިދޭން ފެށުމުން މާލެ ސަރަޙައްދުގައި އެއް ދަންފަޅިއަށް ކިޔަވައިދޭ ސްކޫލްގެ އަދަދު ތިނަކަށް އަރާނެއެވެ. މާލެ ސަރަހައްދުގައި އެއް ދަންފަޅިއަށް ކިޔަވައި ދެނީ މިހާރު ދެ ސްކޫލެއްގައެވެ. އެއީ މާލޭގައި ހުރި އިއްޒުއްދީން ސްކޫލްގެ އިތުރުން ވިލިމާލޭ މުހިއްޔުއްދީން ސްކޫލެވެ. އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ މީގެ ކުރިން ވަނީ އެއްދަންފަޅިއަށް ސްކޫލްތައް ބަދަލު ކުރުމަށް ޕްލޭންތަކެއް ހުރިކަން ފާހަގަކުރައްވާފައެވެ. މިނިސްޓަރު ވިދާޅުވީ ބަޖެޓް ތަންދިން މިންވަރަކުން މާލޭގެ އެންމެ ދުވަސްވީ ދެ ސްކޫލް ކަމަށްވާ އަމީނިއްޔާ ސްކޫލާއި މަޖީދިއްޔާ ސްކޫލް އެއްދަންފަޅިއަށް ބަދަލު ކުރުމުގެ މަސައްކަތް ފަށާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ