އަގުވައްޓާލުމަށް ދައްކާ ވާހަކަތަކަށް ރައްދު ނުދެއްވަނީ އެއީ ހަގީގަތެއް ނޫންކަމުގެ ޔަގީންކަން އޮންނާތީ ކަމަށާއި، ފޭކު އޯޑިއޯ އާއި ފޭކު ވީޑިއޯ ނޫން އެއްޗެއް ދެކޮޅަށް ދެއްކެން ނޯންނާނެ ކަމަށް، ޕީޕީއެމް-ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - މުއިއްޒުގެ ދޮންމަންމާފުޅާ، ގުޅުވައިގެން 'އަދަދު' ނޫހުން މިފަހުން ވަނީ ޑޮކިއުމަންޓްރީއެއް ހަދައި އާންމުކޮށްފަ އެވެ. އަދި މިވަގުތު ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ ޕީޕީއެމް-ޕީއެންސީގެ ލީޑަރު، އަދި ކުރީގެ ރައީސް ޔާމީން މިނިވަން ނުކުރާނެ ކަމަށް ވިދާޅުވެ، މުއިއްޒު ވާހަކަދައްކަވާ އޯޑިއޯއަކާއި، މި ސަރުކާރުން ދީފައިވާ ގޯތިތައް އަތުލާނެ ކަމަށް ވިދާޅުވެ ދައްކަވާފައިވާ ވާހަކަތަކެއްގެ އޯޑިއޯ ވެސް މި ފަހުން ވަނީ އާއްމުވެފަ އެވެ.
އެއީ، މުއިއްޒުއަށް ފުރަތަމަ ބުރުގައި ލިބުނު ތާއީދު ކުޑަކުރުމަށް އޭނާއާ ދެކޮޅަށް ވާދަވެރިން ހިންގާ އެންޓި ކެމްޕެއިންގެ އަމަލެއް ކަމަށް ޕީޕީއެމުން ބުނެފައިވީ ނަމަވެސް، އެކަމަށް ސީދާ ރައްދެއް މުއިއްޒު މިހާތަނަށް ދެއްވާފައެއް ނުވެ އެވެ.
މިރޭ ރަސްރަނި ބަގީޗާގައި، 'ރައްޔިތުންގެ ގާތަށް' ނަމުގައި މިހާރު ބާއްވަމުންދާ ކެމްޕެއިން އިވެންޓުގައި މީހަކު ވަނީ އެ ވާހަކަތަކަށް ރައްދު ނުދެއްވަނީ ކީއްވެތޯ ސުވާލުކޮށްފަ އެވެ.
ބުނީ ކީކޭ؟ - ޖަވާބުގައި މުއިއްޒު ވިދާޅުވީ، އެހެން މީހުން ވެއްޓޭ ދަށް ފެންވަރަށް އޭނާ ވެއްޓެން ޖެހޭނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށާއި، އަމިއްލަ ނަފްސަށް އިތުބާރު އޮންނައިރު ތެޅިގަނެގެން އެހާ ދަށް ފެންވަރަށް ވެއްޓިގެން ޖަވާބު ދެއްވުމަކީ ގަބޫލުކުރާ ހަމައެއް ނޫން ކަމަށެވެ.
"މިހާތަނަށް އެއިން އެއްވެސް ކަމެއް ނެތް އަޅުގަނޑާ ދެކޮޅަށް ސާބިތު ކުރެވިފައެއް ވެސް. ނުވެސް ކުރެވޭނެ. ހަމަ ޖެހޭނީ ފެބްރިކޭޓު ކުރަން. މިހާރު އެ ހަދާހެން ފޭކު އޯޑިއޯ އާއި، ފޭކު ވީޑިއޯ އާއި ފޭކު ހަދަން ޖެހޭނީ. ނުހުންނާނެ އަޅުގަނޑާ ދެކޮޅަށް ހަގީގީ އެއްޗެއް ދެއްކޭ ކަށެއް،" މުއިއްޒު ވިދާޅުވި އެވެ.
މުއިއްޒު ވިދާޅުވީ އެ ވާހަކަތަކަށް އޭނާ ޖަވާބު ދެއްވާނީ ޖުމްލަކޮށް ކަމަށެވެ. އަދި ރަސްމީ އިދާރާއަކަށް ގެންގޮސް ސުވާލުކޮށްފި ނަމަ ޖަވާބު ދެއްވާނެ ކަމަށާއި، މިހާތަނަށް ވެސް ޖަވާބު ދެއްވާފައިވާނެ ކަމަށް ވިދާޅުވި އެވެ.
ހުޅުމާލެއިން ގޯތި ލިބުނު މީހުންގެ އަތުން ގޯތި އަތުލައި، ތިން މަސް ދުވަސް ތެރޭ ފުށި ދިއްގަރު ފަޅަށް ބަދަލުކުރާނެ ކަމަށް މުއިއްޒު ވިދާޅުވާ އޯޑިއޯއާ ގުޅޭ ގޮތުން ކުރިމަތިވި ސުވާލަށް މުއިއްޒު ވިދާޅުވީ، އެ އޯޑިއޯ އޭނާއަށް ވެސް ލިބިވަޑައިގެންނެވި ކަމަށެވެ. އެ އޯޑިއޯ ޓުވީޓުކޮށްފައިވާ މީހާއަށް ޓެގުކޮށް އެއީ ފޭކެއް ކަމަށާއި، ހަދާފައިވާ އެއްޗެއް ކަމަށް ވިދާޅުވެ ޓުވީޓު ކުރެއްވުމުން އެ އޯޑިއޯއާ އެކު ކުރި ޓުވީޓު ޑިލީޓު ކޮށްލާފައިވާ ކަމަށެވެ.
މުއިއްޒު ވިދާޅުވި ގޮތުގައި އެފަދަ ފޭކު އޯޑިއޯއެއް މިއަދު ވެސް ދައުރުވަމުން ދެ އެވެ. އެއީ "އެންޓި ކެމްޕެއިންގައި ޑެސްޕަރޭޓް ވެގެން ގޮސް، ކުރާނެ ކަންކަން ހުސްވެގެން ކުރާ ކަންކަން" ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑަކީ ދައްކާ ވާހަކާގައި ތެދު ބަހުން ނޫނީ ނުބުނާނަން. އަމަލާއި ބަހާ ދިމާވާނެ. ތެދަށް ނޫނީ އެއްޗެއް ނުދަންނަވާނަން އިރާދަކުރެއްވިއްޔާ. މިހާރު ތަފާތު އޯޑިއޯތައް ހެދެން އެބަ ހުރޭ. އެއީ ވެސް ހަދާފައިވާ އޯޑިއޯއެއް،" މުއިއްޒު ވިދާޅުވި އެވެ.
މުއިއްޒު ވިދާޅުވީ އެކަން ކުރާ މީހުން ފަލީހަތް ވެސް ވަނީ އަމިއްލައަށް ކަމަށެވެ. އޭނާ ފޮރުވާނެ ކަމެއް ވެސް ނެތް ކަމަށާއި، ކުރާ ތުހުމަތަކަށް ކަންބޮޑު ވެސް ނުވާ ކަމަށް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ސަރުކާރުގެ ބާރާއި ނުފޫޒުގެ ތެރެއިން ވެސް އޭނާއާ ދެކޮޅަށް ދައްކާނެ އެއްޗެއް ނުފެނުމުން ކަމަށެވެ.
"އެއީ ދައްކާނެ އެއްޗެއް ނެތީމަ. އެއްޗެއް އޮތް ނަމަ ދައްކާނެ. އެ ބޭފުޅުން ނުތިބޭނެ އެއްޗެއް އޮތް ނަމަ ނުދައްކައެއް. މޭޔަރު ކަމަށް ކުރިމަތިލިއިރު ވެސް އަޅުގަނޑު ދަންނަވާފައި އޮންނާނެ. އަޅުގަނޑު އެދެމޭ ތިހެން ހުރި ހުރިހާ އެއްޗެއް ދައްކަން. އެއީ އަޅުގަނޑު ބޭނުން އަޅުގަނޑުގެ ނަން ސާފުކުރަން،" މުއިއްޒު ވިދާޅުވި އެވެ.
ހަދަން ޖެހޭނީ ފޭކް ވީޑިއޯ އާއި ފޭކް އޯޑިއޯ، ދެއްކޭނެ އަސްލު އެއްޗެއް ނޯންނާނެ: މުއިއްޒު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ