މުސާރަ ބޮޑުކުރަން ނިންމީ އަމިއްލަ އެދުމެއް އޮވެގެނެއް ނޫން: މެމްބަރު ޔާސިރު

ސަރުކާރުގެ އިސް ފަރާތްތަކާއި، މަޖިލިސް މެމްބަރުންގެ މުސާރަ ބޮޑުކުރަން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ނިންމީ އެމްޑީޕީ މެމްބަރުންގެ އަމިއްލަ އެދުން ބޮޑުވެގެން ނޫން ކަމަށް ކުޅުދުއްފުށީ އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބްދުއްލަަތީފް ވިދާޅުވެއްޖެއެވެ.
މިނިސްޓްރީ އޮފް ޔޫތު އެމްޕަވާމަންޓް، އިންފޮމޭޝަން އެންޑް އާޓްގެ ޑެޕިއުޓީ މިނިސްޓަރު މަލްޝާ ޝަރީފް ކުރެއްވި ޓުވީޓަކަށް ރައްދު ދެއްވަމުން ޔާސިރު ވިދާޅުވީ، މުސާރަ ބޮޑުކުރުމުގެ ކަންތަކަކީ އެމް.ޑީ.ޕީގެ މެމްބަރުން އަމިއްލަ އެދުން ބޮޑުވެގެން ކުރަންއުޅޭ ކަމެއް ކަމުގައި ސަރުކާރުގެ އިސްމަގާމެއްގައި ހުންނަވައިގެން ރައްޔިތުންނަށް ވިސްނަދެއްވަން މަލްޝާ އުޅުއްވުމަކީ ދެރަކަމެއް ކަމަށާއި، އެމް.ޑީ.ޕީގެ މެމްބަރުން މިކަން ބޭނުންވި ނަމަ މިކަން ކުރާނީ 2020 އަހަރު އޮންނާނީ ކޮށްފައި ކަމަށެވެ.
މި އަހަރަށް ފާސްކުރެވުނު ބަޖެޓުގައި ދައުލަތުގެ މުސާރަދޭ ފަރާތްތަކުގެ ޕޭ ހާރމަނައިޒޭޝަން ބަޖެޓު ކުރެވިފައިވާނެކަން ފާހަގަކުރައްވާ ޔާސިރު ވިދާޅުވީ، އެކަން އަދުގެ މާލީވަޒީރަށް އެނގިލައްވާނެ ކަމަށާއި، އޭގެ ތެރެއިން އެއްބަޔަކަށް މުސާރަތައް ކަނޑައެޅުމުގެ ޒިންމާ މަތިކުރެވިފައި އޮންނަނީ ރައްޔިތުންގެ މަޖިލީހަށް ކަމަށްވެސް ޔާސިރު ވިދާޅުވިއެވެ.
އަންނަ އަހަރު ކުރަން ކަނޑައެޅި ކަންތައް މަޖިލިސް ރިސެސްއަށް ދިއުމުގެ ކުރިން ނިންމަންޖެހޭ ކަމުގައި ގަބޫލުކުރާ ކަމަށާއި، މިހާރު ކުރެވުނީ އެމަސައްކަތް ކަމަށްވެސް ޔާސިރު ވިދާޅުވިއެވެ. އަދި މުސާރަތައް ކަނޑައެޅުމުގައި ދައުލަތުގެ މާޤާމްތައް އެތުރިފައިވާ ގޮތަށް ރިޢާޔަތްކުރެވިފައި ވާނެ ކަމަށާއި، އެކިމަޤާމްތަކަށް ކުރިއެރުން ލިބިފައިވާ އިންސައްތަ އާއި މެދު ހިޔާލް ތަފާތުވުމަކީ މައްސަލައެއް ނޫން ކަމަށްވެސް ޔާސިރު ވިދާޅުވިއެވެ.
މީގެއިތުރުން ޔާސިރު ވިދާޅުވީ، ކޮމިޓީގެ ނިންމުމަށް ހިޔާލުވެސް ދެވޭނެ ކަމަށާއި، ބަހުސް ހިންގައި ތަޅުމުގައި އިސްލާހުވެސް ހުށަހެޅޭނެ ކަމަށެވެ. އަދި މިއިން ކޮންމެ ނިންމުމެއްވެސް ފާސްވާނީ ތަޅުމުންކަންވެސް ޔާސިރު ފާހަގަކުރެއްވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ