ޢިރާޤުގެ ހަނގުރާމަވެރިން ޔަހޫދީންނަށް ވަރުގަދަ ޙަމަލާތަކެއް ދީފި

ޢިރާޤުގައި ހަރަކާތްތެރިވާ ހަތިޔާރު އެޅި ޖަމާޢަތް, އިސްލާމިކް ރެސިސްޓެންސް އިން ޢިރާޤުން ޒަޔަނިސްޓު ޔަހޫދީ ފައުޖުގެ އަމާޒުތަކަށް ވަރުގަދަ ޑްރޯން ޙަމަލާތަކެއް ދީފިއެވެ. އެ ޖަމާޢަތުން ބުނީ ޔަހޫދީން ވެރިިވެގަނެފައިވާ ފަލަސްޠީނުގެ ބިންތަކުގައި ބިނާ ކޮށްފައިވާ އަސްކަރީ މަރުކަޒުތަކަށް އަމާޒުކޮށް ޑްރޯން ޙަމަލާތަކެއް ދީފައިވާނެ ކަމުގައެވެ.
އެ ޙަމަލާތައް އަމާޒު ކޮށްފައި ވަނީ އަލް-ޖޫލާންގެ އުސް ބިންތަކުގެ އިތުރުން ފަލަސްޠީނުގެ ހުޅަނގު އައްސޭރިއާއި ޒަޔަނިސްޓް ދައުލަތާ ގުޅޭ ސަރަޙައްދީ ރޮނގުގައި އޮތް އުރުދުން ވާދީގައި ހުރި ޔަހޫދީ ފައުޖުގެ އަސްކަރީ މަރުކަޒުތަކަށެވެ. އެއީ ވެސް ޔަހޫދީން ވެރިވެގަނެފައިވާ ބިމެކެވެ. އެއީ, ފަލަސްޠީނުގެ މިނިވަން ކަމަށް ޖިހާދު ކުރަމުންދާ ޖަމާޢަތްތަކަށް ވާގިވެރިވުމުގެ ގޮތުން ދީފައިވާ ޙަމަލާތަކެއް ކަމުގައި އިސްލާމިކް ރެސިސްޓެންސް އިން ޢިރާޤުން ބުންޏެވެ.
މެދުއިރުމަތީގެ ޤައުމުތަކުގައި ހަރަކާތްތެރިވާ މުޖާހިދުންނާއި ހަތިޔާރު އެޅި ޖަމާޢަތްތަކުން ޒަޔަނިސްޓު އިސްރާއީލާއި ޔަހޫދީ ފައުޖުގެ ހައްދުފަހަނަ އެޅި ސިފައިންގެ އަމާޒުތަކަށް ޙަމަލާ ދޭން ފަށާފައި ވަނީ, ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުން ޝަހީދުކޮށް ނެތިކޮށްލަން މީގެ 11 މަސް ކުރިން ޔަހޫދީ ފައުޖުން ފެށި ލާއިންސާނީ ޢުދުވާނާ ގުޅިގެންނެވެ. އެ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 41,431އަށް އުފުލިފައެވެ. އޭގެ ތެރޭގައި 17,000އެއްހާ ކުޑަކުދިން ހިމެނެއެވެ. އަދި, ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު 95,818އަށް އަރައެވެ.
ޣައްޒާ ޢުދުވާނާ ގުޅިގެން ޔަހޫދީންނަށް ޙަމަލާ ދޭން ފަށާފައިވާ ޖަމާޢަތްތަކުގެ ތެރޭގައި އިސްލާމިކް ރެސިސްޓެންސް އިން ޢިރާޤުގެ އިތުރުން ލުބްނާންގެ މުޖާހިދުންގެ ޖަމާޢަތް, ޙިޒްބުاللهއާއި ޔަމަންގައި ހަރަކާތްތެރިވާ ހަތިޔާރު އެޅި ޖަމާޢަތް, ޙޫޘީން ހިމެނެއެވެ. ޙިޒްބުاللهން ދަނީ ކޮންމެ ދުވަހަކު ވެސް ޔަހޫދީންނާ ޙަމަލާތައް ބަދަލު ކުރަމުންނެވެ. އަދި, ޙޫޘީން ދަނީ ރަތް ކަނޑު ހުރަސްކޮށް ދަތުރުކުރާ ޔަހޫދީންނާ ގުޅުން އޮތް އާގުބޯޓުފަހަރަށް ޙަމަލާތައް އަމާޒު ކުރަމުންނެވެ.
އިސްލާމިކް ރެސިސްޓެންސް އިން ޢިރާޤުން ބުނީ, ޔަހޫދީންނާ ދެކޮޅަށް ދެމުންދާ ޙަމަލާތައް ކުރިއަށް އޮތް ދުވަސްތަކުގައި އިތުރުކޮށް ވަރުގަދަ ކުރާނެ ކަމުގައެވެ. ޔަހޫދީންނަށް އަމާޒުކޮށް އެ ޖަމާޢަތުން ވަރުގަދަ ޑްރޯން ޙަމަލާތަކެއް ދީފައިވާ ކަން ޔަހޫދީ ފައުޖުން ވެސް ވަނީ ކަށަވަރު ކޮށްދީފައެވެ. ނަމަވެސް, އޭގެ ތެރެއިން ގިނަ ޑްރޯންތައް ދިފާޢުކޮށް ވައްޓައިލާފައިވާނެ ކަމުގައި ޔަހޫދީ ފައުޖުން ބުންޏެވެ. ޙަމަލާތަކުގައި އެއްވެސް މީހެއްގެ ފުރާނައަށް ނުރައްކާވި ކަމުގެ ރިޕޯޓެއް ކޮށްފައެއް ނެތެެވެ.
ދާދި ފަހުން ޙިޒްބުاللهން ވެސް ވަނީ ޔަހޫދީންގެ މުހިންމު ރަށެއް ކަމުގައިވާ ޚައިފާއަށް އަމާޒުކޮށް ނުރައްކާތެރި ޙަމަލާތަކެއް ދީފައެވެ. އެއީ, ލުބްނާންގެ ޢާންމު ރައްޔިތުން މުއާޞަލާތު ކުރަން ބޭނުން ކުރާ ޕޭޖަރާއި ވޯކީޓޯކީތަކުގައި ގޮވާތަކެތި ހަރުކޮށް, އެ ތަކެތި ގޮއްވައިލައިގެން ޔަހޫދީން ދިން ނިރުބަވެރި ޙަމަލާތަކުގެ ބަދަލު ހިފުމުގެ ގޮތުން ދީފައިވާ ޙަމަލާތަކެވެ. ޔަހޫދީ ފައުޖުގެ ޙަމަލާގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 39އަށް އުފުލިފައެވެ.
ޚައިފާއަށް ދިން ޙަމަލާތަކުގައި ބައެއް އިމާރާތްތަކާއި އެއްގަމު އުޅަނދުފަހަރަށް ބޮޑެތި ގެއްލުންތަކެއް ލިބުނެވެ. އަދި, ބައެއް މީހުންނަށް ޒަޚަމުވެގެން ފަރުވާ ދޭން ޖެހުނެވެ. ޙިޒްބުاللهގެ ޙަމަލާތަކާ ގުޅިގެން އިސްރާއީލުގެ އުތުރުގެ ރަށްތަކުގައި އިންޒާރުގެ ރަނގަބީލު އެޅިއެވެ. އަދި, ލުބްނާނުގެ އިތުރުން ޢިރާޤުން ފޮނުވައިލި ރޮކެޓުތައް ދިފާޢު ކުރަން, އެ ޤައުމުގެ ވައިގެ ދިފާޢީ ނިޒާމު ބޭނުން ކުރިއެވެ. ޙަމަލާތަކާ ގުޅިގެން ޔަހޫދީ ދައުލަތުގެ އުތުރުގެ ރަށްތަކާއި, ޔަހޫދީން ވެރިވެގަނެފައިވާ ޖޫލާންގެ އުސް ބިންތަކުގައި މަދަރުސާތައް ބަންދުކޮށް, ޢާންމު އެއްވުންތައް މަނާ ކުރިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ