ޙަމަލާ ބަދަލު ކުރުން ހުއްޓައިލުމުގެ އެއްބަސްވުމުގެ ދެލިކޮޕީ އެމެރިކާއިން ލުބްނާނާ ހިއްސާކޮށްފި

ލުބްނާންގެ މުސްލިމުންގެ ނަސްލުހޭދު ކުރަން ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޖަރީމާތައް ހުއްޓުވުމާ ގުޅޭ އެއްބަސްވުމެއްގެ ދެލިކޮޕީ އެމެރިކާއިން ލުބްނާނާ ހިއްސާ ކޮށްފައިވާ ކަން ހާމަވެއްޖެއެވެ. ލުބްނާންގެ މުޖާހިދުންގެ ޖަމާޢަތް، ޙިޒްބުاللهއާއި ޔަހޫދީ ފައުޖާ ދެމެދު ބަދަލު ކުރަމުންދާ ޙަމަލާތައް ހުއްޓުމަކަށް ގެނައުމަށް ހުށަހަޅާފައިވާ އެއްބަސްވުމުގެ ދެލިކޮޕީ ލުބްނާންގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސް ނަބީޙް ބައްރީއަށް އަރުވާފައި ވަނީ ލުބްނާންގައި ހުންނަވާ އެމެރިކާގެ ސަފީރު ކަމުގައި ލުބްނާންގެ މަޞްދަރުތަކުން ހާމަކުރިއެވެ.
އެއްބަސްވުމުގެ ދެލިކޮޕީ ޔަހޫދީންނާ ހިއްސާ ކޮށްފައިވާ ކަމުގައި ވެސް ރިޕޯޓުތައް ބުނެއެވެ. ލުބްނާންގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީން ހިންގަމުންދާ ލާއިންސާނީ ޖަރީމާތައް ހުއްޓުމަކަށް ގެނައުމަށް އެމެރިކާއިން ދަނީ ފާޅުގައި މަސައްކަތް ކުރަމުންނެވެ. އަނެއްކޮޅުން، ލުބްނާންގެ އިތުރުން ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުންގެ ނަސްލުހޭދު ކުރަން ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގެ އެންމެ ބޮޑު މަދަދުގާރަކީ ވެސް އެމެރިކާއެވެ. ޔަހޫދީންގެ ޢުދުވާނީ ޙަމަލާތަކުގައި ބޭނުން ކުރަމުންދާ ނުރައްކާތެރި އަދި ފަނާކުރަނިވި ހަތިޔާރުތައް، އެއްވެސް ހައްދެއް އަދި އިމެއް ނެތި ޔަހޫދީނަށް ފޯރުކޮށްދެމުން ދަނީ އެމެރިކާގެ ރައީސް ޖޯ ބައިޑަންގެ ސަރުކާރުންނެވެ.
ޙިޒްބުاللهއާއި ޔަހޫދީންނާ ދެމެދު ޙަމަލާ ބަދަލު ކުރަން ފަށާފައި ވަނީ، މީގެ 13 މަސް ކުރިން ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ ފައުޖުން ފެށި ލާއިންސާނީ ޢުުދުވާނާ ގުޅިގެންނެވެ. ޙިޒްބުاللهން ޒަޔަނިސްޓު އިސްރާއީލުގެ ރަށްތަކާއި ޔަހޫދީ ފައުޖުގެ އަމާޒުތަކަށް ޙަމަލާ ދޭން ފަށާފައި ވަނީ ފަލަސްޠީނުގެ މިނިވަންކަމަށް ޖިހާދު ކުރަމުންދާ މުޖާހިދުންނާއި، ފަލަސްޠީނުގެ މުސްލިމުންނަށް ވާގިވެރިވުމުގެ ގޮތުންނެވެ. އަމާޒަކީ، ޢުދުވާންތައް ހުއްޓައިލުމަށް ޔަހޫދީންނަށް ބާރު އެޅުމެވެ.
ނަމަވެސް، އެ ކަމުގެ ބަދަލު ހިފުމުގެ ގޮތުން ލުބްނާންގެ ޢާންމު ރައްޔިތުން ޝަހީދުކޮށް ނެތިކޮށްލަން ސެޕްޓެންބަރު 23ވަނަ ދުވަހު ޔަހޫދީ ފައުޖުން ވަނީ ލާއިންސާނީ ޖަރީމާތަކެއް ފަށާފައެވެ. އެންމެ ނުރައްކާތެރި ޙަމަލާތަކެއް އަމާޒު ކުރަމުން ދަނީ ވެރިރަށް ބައިރޫތާއި، ދެކުނުގެ ރަށްތަކުގެ އިތުރުން އަލް-ބިޤާޢު ވާދީގައި ޢާންމުން ދިރިއުޅޭ އިމާރާތްތަކަށެވެ. އެއަށްފަހު، އޮކްޓޫބަރު 1ވަނަ ދުވަހު ޔަހޫދީ ފައުޖުން ވަނީ އެއްގަމު މަގުން ލުބްނާންގެ ދެކުނުގެ ރަށްތަކަށް އަރައިގަނެ، ޤަތުލުޢާންމު އިތުރަށް ފުޅާކޮށްފައެވެ.
ލުބްނާންގެ ސިޔާސީ ދާއިރާގެ މަޞްދަރުތަކުން ބުނީ، އެ ޤައުމަށް އެމެރިކާއިން ކަނޑައަޅާފައި ހުންނަވާ ސަފީރު ލީސާ ޖޮންސަން ނޮވެންބަރު 14ވަނަ ދުވަހު ބައްރީއާ ބައްދަލު ކުރައްވާފައިވާ ކަމުގައެވެ. އަދި، ޙަމަލާ ބަދަލު ކުރުން ހުއްޓައިލުމަށް އެމެރިކާއިން އެކުލަވައިލާފައިވާ އެއްބަސްވުމުގެ ދެލިކޮޕީ ބައްރީއާ ހިއްސާ ކުރައްވާފައިވާ ކަމުގައެވެ. ބައްރީއަކީ ޙިޒްބުاللهއާ ގާތް ގުޅުންތަކެއް ބާއްވަމުން ގެންދަވާ، އެ ޖަމާޢަތަަށް ތާޢީދު ކުރައްވާ ބޭފުޅެކެވެ.
ލުބްނާންގެ މަޞްދަރުތަކުން ބުނީ، ޙަމަލާ ބަދަލު ކުރުން ހުއްޓައިލުމަށް އެމެރިކާއިން ހުށަހަޅާފައިވާ ހުށަހެޅުމާ މެދު ލުބްނާންގެ ސަރުކާރުން ދެކޭ ގޮތް ބެލުމަށް އެމެރިކާއިން އެދިފައިވާ ކަމުގައެވެ. އަދި، އެއްބަސްވުމުގެ ދެލިކޮޕީ ހިއްސާ ކުރުމުގެ ބޭނުމަކީ އެއީ ކަމުގައެވެ. މި ކަމާ ގުޅޭ ގޮތުން ބައިރޫތުގައި ހުންނަ އެމެރިކާގެ އެމްބަސީން ވަކި އެއްޗެއް ހާމަކޮށްފައެއް ނެތެވެ.
ޙަމަލާ ބަދަލު ކުރުން ހުއްޓައިލުމާ ގުޅޭ އެއްބަސްވުމެއްގެ ދެލިކޮޕީ ލުބްނާނާ ހިއްސާ ކޮށްފައިވާ ކަމުގައި މީގެ ކުރިން ވެސް ރިޕޯޓުކޮށްފައިވެއެވެ. ނަމަވެސް، ޙިޒްބުاللهން ވަނީ، އެއްވެސް ހުށަހެޅުމެއް އެ ޖަމާޢަތަށް ލިބިފައި ނުވާ ކަން ހާމަކޮށްފައެވެ. މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުނީ، އެމެރިކާގެ ހުށަހެޅުން ބިނާކޮށްފައި ވަނީ، 2006ވަނަ އަހަރު އދގެ ސަލާމަތީ މަޖިލީހުން ފާސްކޮށްފައިވާ 1701 ނަންބަރު ޤަރާރު ތަންފީޒު ކުރުމުގެ މައްޗަށް ކަމުގައެވެ.
އެއީ، އެ އަހަރު ޙިޒްބުاللهއާއި ޔަހޫދީންނާ ދެމެދު ކުރި ހަނގުރާމަ ނިމުމަކަށް ގެނައުމަށް ފާސްކޮށްފައިވާ ޤަރާރެކެވެ. މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ޤަބޫލު ކުރާ ގޮތުގައި، އެއީ ޔަހޫދީންގެ މަސްލަޙަތު ޙިމާޔަތް ކުރުމަށް އިސްކަން ދީފައިވާ ޤަރާރެކެވެ. އިސްރާއީލާއި ލުބްނާން ގުޅޭ ސަރަޙައްދީ ރޮނގު ކައިރީގައި ލުބްނާންގެ ރަށްތަކުގައި ހަތިޔާރު ގެންގުޅުން އެ ޤަރާރުގެ ދަށުން ވަނީ މަނާކޮށްފައެވެ.
އދ ސަލާމަތީ މަޖިލީހުގެ ޤަރާރު ތަންފީޒު ކުރަން ލުބްނާނުން އޮތީ ތައްޔާރަށެވެ. ލުބްނާންގެ ޢާންމު ރައްޔިތުންނާ ދެކޮޅަށް ޔަހޫދީން ހިންގަމުންދާ ލާއިންސާނީ ޖަރީމާތައް ހުއްޓުމަކަށް ގެނެވޭނެ ގޮތަކީ އެ ޤަރާރު ތަންފީޒު ކުރުން ކަމުގައި އެ ޤައުމުން ދެކެއެވެ. ނަމަވެސް، ޒަޔަނިސްޓުންގެ ހައްދުފަހަނަ އެޅި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ދަނީ އެ ކަމަށް އިންކާރު ކުރަމުންނެވެ. އަދި، ބޭނުން ވަގުތަކު، ބޭނުން ހަތިޔާރެއް ބޭނުން ކޮށްގެން، ޙިޒްބުاللهއަށް ޙަަމަލާ ދިނުމުގެ ނަމުގައި ލުބްނާންގެ ޢާންމުންގެ ގެދޮރަށް ބޮންއެޅުމުގެ ޙައްޤު ޔަހޫދީންނަށް އޮންނަން ޖެހޭނެ ކަމުގައި އޭނާ ދަނީ ބުނަމުންނެވެ. މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުނީ، ނިރުބަވެރި ނަތަންޔާހޫގެ އެ ޝަރުޠު އެމެރިކާއިން ފުއްދައިދޭނެ ކަމަށް ޤަބޫލުކުރާ ކަމުގައެވެ.
ޔަހޫދީ ފައުޖުން މިހާރު ވެސް ދަނީ ލުބްނާންގެ ރަށްތަކުގައި ޢާންމުން ދިރިއުޅޭ ސަރަޙައްދުތަކަށް ނިރުބަވެރި ޙަމަލާތައް އަމާޒު ކުރަމުންނެވެ. މި ގޮތުން، ލުބްނާންގެ ބަޢަލަބަކައިގައި ހުރި މަދަނީ ދިފާޢާ ބެހޭ މަރުކަޒަކަށް ދިން ރަޙުމު ކުޑަ ޙަމަލާތަކެއްގައި 12 މީހުން ޝަހީދުކޮށްލިއެވެ. އަދި، އެހެން ޙަމަލާއެއްގައި އަށް މީހުން ޝަހީދު ކޮށްލާފައިވާއިރު، އޭގެ ތެރޭގައި ފަސް އަންހެނުން ހިމެނޭ ކަމުގައި ލުބްނާންގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ހާމަކުރިއެވެ. އެ ޙަމަލާގައި 27 މީހުން ޒަޚަމު ކޮށްލިއެވެ. މީގެ އިތުރުން، ލުބްނާންގެ ދެކުނުގައި އޮތް ޢަރަބި ސަލީމް އަވަށަށް ދިން ޙަމަލާއެއްގައި އިތުރު ހަ މީހުން ޝަހީދުކޮށްލިއެވެ. އޭގެ ތެރޭގައި ހަތަރު ޞިއްޙީ ޚިދުމަތްތެރިން ހިމެނެއެވެ.
ލުބްނާނުގެ މުސްލިމުންނާ ދެކޮޅަށް ހިންގަމުންދާ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ ޢާންމުންގެ ޢަދަދު ވަނީ 3,386އަށް އުފުލިފައެވެ. އޭގެ ތެރޭގައި ގިނަ ޢަދަދެއްގެ އަންހެނުންނާއި ކުޑަކުދިން ހިމެނޭ ކަމުގައި ލުބްނާނުގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ބުންޏެވެ. އަދި, ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު 14,417އަށް އަރައެވެ. ޔަހޫދީންގެ ޢުދުވާނުގައި ގެދޮރު ނެތިކޮށްލާފައިވާ މީހުންގެ ޢަދަދު 1.2 މިލިޔަނަށް އުފުލިފައިވާއިރު, އދން ބުނީ އޭގެ ތެރެއިން ގިނަ ޢަދަދެއްގެ ބަޔަކު މި ވަގުތު ދިރިއުޅެމުން ދަނީ މަގުތަކުގެ މަތީގައި ކަމުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ