ކުޅުދުއްފުށި ފަޅުތެރޭގައި މަރުވެފައި އޮއްވާ ފެނުނު މީހާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށްފަހު ރާއްޖެ ގެނެސްފި

ކުޅުދުއްފުށި ފަޅުތެރޭގައި މަރުވެފައި އޮއްވައި ފެނުނު މީހާގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހެދުމަށްފަހު މިއަދު ހެނދުނު މާލެ ގެނެސްފިއެވެ.
ކުޅުދުއްދުށި ސިޓީ ޑެއިޒީ ފެހި މުހައްމަދު ހަސަން (36އ) އެ ރަށު އުތުރު ބަނދަރު ފަޅުތެރޭގައި މަރުވެފައި އޮއްވާ ފެނުނީ މި މަހުގެ 11 ވަނަ ދުވަހުއެވެ.
އޭނާގެ ހަށިގަނޑު އެރޭ މާލެ ގެނެސްފައި ވާއިރު، ޕޯސްޓްމޯޓަމް ހެދުމަށް އޭނާގެ ހަށިގަނޑު ރާއްޖެއިން ބޭރަށް ގެންގޮސްފައި ވަނީ މިދިޔަ ބުދަ ދުވަހުއެވެ.
ޕޯސްޓްމޯޓަމް ހެދުމަށް މުހައްމަދުގެ ހަށިގަނޑު ރާއްޖެއިން ބޭރަށް ފޮނުވުން ލަސްވެފައިވާ ސަބަބާ ގުޅޭ ގޮތުން ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެޑް އޮފް މޭޖާ ކްރައިމް އިންވެސްޓިގޭޝަންސް، ޗީފް ސުޕްރިޓެންޑެންޓް އޮފް ޕޮލިސް ހަސަން ޝިފާއު ވިދާޅުވީ އޭނާގެ ހަށިގަނޑު ބޭރަށް ފޮނުވުން ލަސްވީ އެކަމަށްޓަކައި ކުރަންޖެހޭ ބައެއް އިންތިޒާމްތައް ހަމަޖެހުމުގައި ލަސްތަކެއް ދިމާވުމުން ކަމަށެވެ.
އެކަމުގެ ސަބަބެއްގެ ގޮތުން ޝިފާއު ފާހަގަ ކުރެއްވީ އިންޑިއާގެ ސަރުކާރު ބަންދު ދުވަސްތަކަކާ ދިމާވުމެވެ.
މުހައްމަދުގެ މައްޗަށް ކުރެވޭ ކަށުނަމާދު ކުރުމަށް ހަމަޖެހިފައި ވަނީ މިއަދު އަސުރު ނަމާދަށްފަހު ހުޅުމާލެ ސަހަރާ މިސްކިތުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ