ހއ.ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފު (ފުނަމާ ލަތީފު) ދިން ދައުވަތަކަށް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އިން އެކުވެރިކަމުގެ މެޗުތަކެއް ކުޅުމަށް ދިއްދޫ އާއި އެ ސަރަހައްދުގެ ބައެއް އެހެން ރަށްތަކަށް ޓުއާއެއް ކުރަން އެ ކްލަބުން ނިންމައިފި އެވެ.
އަންން މަހުގެ 4 އިން 8 އަށް މާޒިޔާ އިން ކުރާ ޓުއާގައި ދިއްދޫގައި ދެ މެޗު ކުޅުމަށް ވަނީ ހަމަޖެހިފަ އެވެ. އެއީ އަންނަ މަހުގެ ފަސް ވަނަ ދުވަހު ދިއްދޫ އިން ހޮވާލެވޭ ޓީމަކާއެކު ކުޅޭ މެޗާއި އަންނަ މަހުގެ ހަތް ވަނަ ދުވަހު ހއ. އަތޮޅުން ހޮވާލެވޭ ޓީމާ ދެކޮޅަށް ކުޅޭ މެޗެވެ. މި ދަތުރުގައި މާޒިޔާ އިން ހދ. ކުޅުދުއްފުއްޓާއި ހދ. ނޮޅިވަރަމަށް ވެސް ޒިޔާރަތްކޮށް، މެޗުތަކެއް ކުޅޭނެ އެވެ.
ގަލޮޅު ދަނޑުގައި މިއަދު މެންދުރު ފަހު ބޭއްވި ނޫސްވެރިން ބައްދަލުވުމުގައި ވާހަކަދައްކަމުން ލަތީފު ވިދާޅުވީ ދިއްދޫގައި ފުޓްބޯޅައިގެ ފޯރި ގަދައިރު، ގައުމީ ޓީމުގެ ގިނަ ކުޅުންތެރިންތަކެއް ކުޅެމުންދާ މާޒިޔާ ކަހަލަ ޓީމަކާއެކު މެޗެއް ކުޅުމަކީ ދިއްދޫގެ ޒުވާނުން ބޭނުންވެފައި ތިބި ކަމެއް ކަމަށެވެ.
"ދިއްދޫގެ ޒުވާނުންގެ ހުނަރު ދައްކާލަށް ލިބޭ ފުރުސަތެއް. މާޒިޔާގެ މެނޭޖްމަންޓާއި ކޯޗަށް ޝުކުރު އަދާކުރަން އަޅުގަނޑުގެ ދައުވަތު ގަބޫލްކުރެއްވީތީ. އަޅުގަނޑު ދިއްދޫގެ ޒުވާނުންނަށް އިސްކަންދޭނަން ކަންކަން ކުރުމުގައި. މާލޭގެ ބޮޑެތި ޓީމުތައް ދިއްދޫ އަށް ގެންދިއުމަކީ ދިއްދޫ ޒުވާނުންގެ އެދުމެއް. މިކަން މި ކުރަނީ ވަރަށް ގިނަ ފަރާތްތަކެއް ހާއްސަކޮށް ސަރުކާރުގެ ބައެއް ކުންފުނިތަކުގެ އެހީތެރިކަމާއެކު،" ލަތީފު ވިދާޅުވި އެވެ.
މާޒިޔާގެ ކޯޗު އަލީ ސުޒޭން ބުނީ މި ދަތުރުގައި ހއ. އަތޮޅުގައި ތިބި ހުނަރުވެރި ކުޅުންތެރިން ފާހަގަވާނެ ކަމަށާއި ރަނގަޅު ކުޅުންތެރިންނަށް މާޒިޔާގެ ދޮރު ހުޅުވިފައިވާ ކަމަށެވެ.
"ހަމަ ޔަގީން އެއް ސަރަހެއްގައި މި ގޮތަށް މެޗުތަކެއް ކުޅެމުންދާއިރު ގެންނަން މަޖުބޫރު ހަތަރު ވަަރަކަށް ކުޅުންތެރިން ފެނިގެންދާނެ. މާޒިޔާގެ ދޮރު އޮތީ ކުޅުންތެރިންނަށް ހުޅުވިފައި،" ސުޒޭން ބުންޏެވެ.
ސުޒޭން ބުނީ މި ޓުއާގެ ސަަބަބުން މާޒިޔާ އަށް ވެސް ފައިދާތަކެއް ކުރާނެ ކަމަށާއި މި ދަތުރުގެ ސަަބަބުން މާޒިޔާގެ ޓީމު ރޫހާއި އެއްބައިވަންތަކަން އިތުރުވެގެންދާނެ ކަމަށެވެ.
މެމްބަރު ލަތީފުގެ ދައުވަތަކަށް މާޒިޔާ ދިއްދޫ އަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ