މެރިން ޕޮލިސްގެ ކުރީގެ ވެރިޔާ ސްޕްރިޓެންޑެންޓް އޮފް ޕޮލިސް އިބްރާހިމް އަދުނާން އަނީސް ވަޒީފާއިން ވަކިކުރަން ފުލުހުންގެ ޑިސިޕްލިނަރީ ބޯޑުން ނިންމި ނިންމުން ސިވިލް ކޯޓުން މިއަދު ބާތިލްކޮށްފި އެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި މެރިން ޕޮލިހުގެ ވެރިއަކަށް ހުންނެވި އަދުނާން 2012 ގައި ވަޒީފާއިން ވަކިކުރަން ފުލުހުންގެ ޑިސިޕްލިނަރީ ބޯޑުން ނިންމުމުން އެ މައްސަލަ އަދުނާންގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅުމުން ދެ އަހަރު ދުވަހަށް ދެމިގެން ޝަރީއަތަކަށް ފަހު އެ ކޯޓުން އިއްޔެ ނިންމީ ޑިސިޕްލިނަރީ ބޯޑުގެ ނިންމުން ބާތިލް ކަމަށެވެ. ނަމަވެސް އެ ހުކުމުގައި އަދުނާނަށް އޭނާ ކުރިން ހުރި ވަޒީފާ ވަޒީފާ ދޭން ފުލުހުންނަށް އަންގާފައެއް ނުވެއެވެ.
ފުލުހުންގެ ސިއްރު މައުލޫމާތުތަކެއް ލީކުކުރި ކަމަށް ފުލުހުން އަދުނާނަށް ތުހުމަތުކުރޭ
އަދުނާނުގެ މައްޗަށް ތުހުމަތުކުރަނީ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ބަދަލުވި ގޮތާ ބެހޭގޮތުން ތައްޔާރުކުރި ރިޕޯޓަކަށް ސިއްރު މައުލޫމާތުތަކެއް ހިއްސާ ކުރިކަމުގެ ތުހުމަތުގަ އެވެ. އެ މައްސަލައިގައި އަދުނާން ފުލުހުންގެ ތަހުގީގަށް ވެސް ހާޒިރުކުރި އެވެ. ނަމަވެސް އޭރު އަދުނާން ވަނީ ހަނު ހުރުމުގެ ހައްގުގެ ބޭނުން ކުރައްވައިފަ އެވެ. އަދުނާން ވަކިކުރީ އެ މައްސަލައިގެ ތުހުމަތުގައި ނަމަވެސް ސިވިލް ކޯޓުން އިއްޔެ ކުރި ހުކުމުގައިވަނީ އަދުނާން ވަކިކުރީ ޑިސިޕްލިނަރީ ކުށްތައް އަދަބު ދިނުމާ ބެހޭ ގަވާއިދާ އަދުލު އިންސާފުގެ ހަމަތަކާ ޚިލާފަށް ކަމަށެވެ.
އެ ރިޕޯޓަށް ފުލުހުންގެ ސިއްރު މައުލޫމާތުތަކެއް ދިން ކަމަށް ބުނެ ފުލުހުންގެ އިންޓެލިޖެންސްގެ ކުރީގެ ވެރިޔާ މުހައްމަދު ހަމީދު(އެމްސީ) ވެސް ފުލުހުންގެ ވަޒީފާއިން ވަކިކުރި އެވެ. ނަމަވެސް އޭނާ ވެސް ވަޒީފާއިން ވަކިކުރަން ނިންމި ނިންމުން ބާތިލްކޮށް، އޭނާ ކުރިން ހުރި ފެންވަރުގެ ވަޒީފާއެއް ދިނުމަށް ސިވިލް ކޯޓުން ކުރިން ވަނީ ހުކުމްކޮށްފަ އެވެ. އެ ހުކުމް ދައުލަތުން ވަނީ އިސްތިއުނާފްކޮށްފަ އެވެ.
ވަޒީފާއިން ވަކިކުރާ ފުލުހުންނަށް ވަޒީފާ ދެނީ ސުޕްރީމް ކޯޓުން ހުކުމް ކުރުމުން
އަދުނާން ވަޒީފާއިން ވަކިކުރަން ނިންމި ނިންމުން ދަށު ކޯޓުން މިއަދު ބާތިލްކޮށްފައި ވިޔަސް އޭނާއަށް އަލުން ވަޒީފާ ދޭނީ އިތުރު މަރުހަލާތަކަކަށް ފަހު ކަމަށް ބެލެވެ އެވެ. ފުލުހުން ކުރިން ބުނެފައިވާ ގޮތުގައި ވަޒީފާއިން ވަކިކުރާ ފުލުހަކަށް ވަޒީފާ ދޭނީ އެ މީހަކަށް ވަޒީފާދޭން ޖެހޭނެ ކަމަށް ސުޕްރީމް ކޯޓުން ހުކުމް ކުރުމުންނެވެ. އަދި އެފަދަ ގޮތަކަށް ހައި ކޯޓު ނުވަތަ ދަށު ކޯޓުތަކުން ކުރާ ހުކުމްތައް ދައުލަތުން އިސްތިއުނާފް ކުރާނެ ކަމަށް ވެސް ފުލުހުން ކުރިން ބުނެފައިވެ އެވެ.
އެގޮތުން ފަހުގެ ތާރީޚެއްގައި ފުލުހުންގެ ވަޒީފާއިން ވަކިކުރި މީހުންގެ ތެރެއިން ބައެއް މީހުންނަށް އަލުން ވަޒީފާދޭން ދަށު ކޯޓުން ހުކުމްކުރި ނަމަވެސް އިސްތިއުނާފް މަރުހަލާގައި މައްސަލަ އޮތުމުން އެ މީހުންނަށް ވަޒީފާ ދީފައެއް ނުވެއެވެ.
އެގޮތުން ފުލުހުންގެ އިންޓެލިޖެންސްގެ ކުރީގެ ވެރިޔާ އަހްމަދު ހަމީދު (އެމްސީ ހަމީދު)ގެ މައްސަލަ ހައި ކޯޓުގައި އޮތުމުން އޭނާއަށް ވެސް މިހާތަނަށް ވަޒީފާ ދީފައެއް ނުވެއެވެ. އަދި ރޭޕް ތުހުމަތެއްގައި ވަކިކުރި ޗީފް އިންސްޕެކްޓާ ރިޝީފް ތޯހާއަށް ވެސް ވަޒީފާ ދޭން ހައި ކޯޓުން ހުކުމް ކުރުމުން ވެސް އެތައް ދުވަހެއް ވަންދެން ވަޒީފާ ނުދީ ބެހެއްޓުމަށް ފަހު އޭނާއަށް ވަޒީފާދިނީ ހައި ކޯޓުގެ ހުކުމަށް ތާއީދުކޮށް، ރިޝީފަށް ވަޒީފާ ދޭން ސުޕްރީމް ކޯޓުން ހުކުމް ކުރުމުންނެވެ.
މެރިން ޕޮލިސްގެ ކުރީގެ ވެރިޔާ އަދުނާން ވަޒީފާއިން ވަކިކުރަން ނިންމި ނިންމުން ކޯޓުން ބާތިލްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ