ޓޫރިޒަމާ ބެހޭ ކަންކަމަށް ރަށްރަށާއި ބިން އަދި ފަޅުތައް، އިއުލާން ކުރުމަކާ ނުލައި ކުއްޔަށް ދޫކުރެވޭ ގޮތަށް ޓޫރިޒަމް ގާނޫނަށް ސަރުކާރުން ހުށަހަޅާފައިވާ އިސްލާހަށް ޕީޕީއެމްގެ އެއްވެސް މަޖިލިސް މެމްބަރަކު ވޯޓު ނުދެއްވުމަށް ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫން އެދިވަޑައިގަތުމުން، ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ތާއީދު ކުރައްވައިފި އެވެ.
ސަރުކާރު ދިފާއުކުރެއްވުމުގައި ހުންނެވި އުމަރު މިދިޔަ ހަފުތާގައި އިސްތިއުފާ ދެއްވައި ކުރެއްވި ފުރަތަމަ ޓުވީޓްގައި ވަނީ މައުމޫންގެ ނިންމެވުން ރަނގަޅު ކަމަށް ވިދާޅުވެފަ އެވެ. އުމަރު ވިދާޅުވީ ދެ ފުށް ފެންނާނީ އަދި އިންވެސްޓަރުންގެ އިތުބާރު ލިބޭނީ ރަށްތައް ބިޑަށް ހުޅުވާލައިގެން ދޫކުރުމުން ކަމަށެވެ.
Open-bidding is the only way to ensure transparency and build investor confidence. I support the stand of RM.https://t.co/zpylzleZ7L— Umar Naseer (@UmarNaseerPPM) June 28, 2016
އުމަރުގެ ޓުވީޓްއުމަރު އިސްތިއުފާ ދެއްވި ސީދާ ސަބަބެއް މިހާތަނަށް ވިދާޅެއް ނުވެ އެވެ. އެކަމަކު އެ މަނިކުފާނު އިސްތިއުފާ ދެއްވާފައި ވަނީ މަގާމުގެ ބައެއް ބާރުތައް ރައީސް އަބްދުﷲ ޔާމީން އަތުލައްވައި ގޭންގްތަކުގެ މީހުންގެ ފައިގައި ޓެގް އަޅުވަން އުމަރު ކުރެއްވި މަސައްކަތަށް ވެސް ހުރަސްތަކެއް ކުރިމަތިކޮށްފައި ވަނިކޮށެވެ.
އުމަރުގެ އިސްތިއުފާއާ ގުޅިގެން މައުމޫން ވަނީ އޭނާ އަށް ތައުރީފް ކުރައްވާފަ އެވެ. އެ މަނިކުފާނު ވިދާޅުވީ އުމަރަނީ ނަޒާހާތްތެރި އަދި ޝަރަފުވެރި ބޭފުޅެއް ކަމަށެވެ.
@UmarNaseerPPM is a man of honour and integrity. I wish him good health and success.— Maumoon Abdul Gayoom (@maumoonagayoom) June 22, 2016
މައުމޫން އޭރު ކުރެއްވި ޓުވީޓްއުމަރު އިސްތިއުފާ ދެއްވާފައި މިވަނީ، 2018 ގެ ޕީޕީއެމްގެ ރިޔާސީ ޓިކެޓް ޕްރައިމަރީއަކާ ނުލައި ރައީސް އަބްދުﷲ ޔާމީނަށް ދެއްވުމަށް ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕާއި ކައުންސިލް މެމްބަރުންތަކެއް ވެސް މަސައްކަތް ފަށާފައިވާ ދަނޑިވަޅެއްގަ އެވެ. ރިޔާސީ ކެންޑިޑޭޓަކު ކަނޑައަޅަން ޖެހޭނީ ޕާޓީގެ އަސާސީ ގަވާއިދުގައި ކަނޑައަޅާފައިވާ ރިވެތި އުސޫލްގެ މަތިން ކަމަށް ވިދާޅުވެ މައުމޫން ވަނީ ޕްރައިމަރީއަކާ ނުލައި ޕާޓީގެ ޓިކެޓް ދެއްވަން ހިތްހަމަޖެހިވަޑައިނުގަންނަވާ ކަން ހާމަކުރައްވައިފަ އެވެ.
ރައީސް އަބްދުﷲ ޔާމީނާއި ރައީސް މައުމޫން ސަލާމް ކުރައްވަނީ.---ފޮޓޯ: ރައީސް އޮފީސް
އެކަމަކު ޕްރައިމަރީއާ ނުލައި ޔާމީނަށް ޓިކެޓް ދޭން ހުރަހެއް ނެތް ކަމަށް އުމަރު ވަނީ ވިދާޅުވެފަ އެވެ.
އިއުލާން ކުރުމަކާ ނުލައި ރަށްތައް ދޫކުރުމަށް ނިންމުމާ ގުޅިގެން ޕީޕީއެމްގެ މެމްބަރުންނަށް މައުމޫން ފޮނުއްވި މެސެޖްގައި ވިދާޅުވީ އިއުލާން ކުރުމަކާ ނުލާ ރަށްތައް ދޫކުރުމަކީ، އެ ޕާޓީގެ އަސާސީ ގަވާއިދުގެ ވެސް ރޫހާ ހިލާފު ކަމެކެވެ. އެހެންވެ ޕާޓީގެ ރައީސްގެ ހައިސިއްޔަތުން އެ ބިލަށް ވޯޓު ނުދޭން އެދިވަޑައިގަތުމަކީ އެމަނިކުފާނުގެ މަސްއޫލިއްޔަތެއް ކަމަށް ދެކެވަޑައިގަންނަވާ ކަމަށް މައުމޫން ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ރާއްޖޭގެ ބިންތަކާއި ކަނޑުތަކާއި އެތަންތަނާ ގުޅިފައިވާ އެންމެހާ ގުދުރަތީ ވަސީލަތްތަކުގެ ހަގީގީ މުއްސަނދިކަން އިންސާފުވެރިކަމާ އެކު ރައްޔިތުންނަށް ލިބިދީގެން ރައްޔިތުންނަށް ތަނަވަސްކަމާ އެކު ތިޔާގިކަން ގެނެސްދިނުމަކީ ޕާޓީގެ މައިގަނޑު މަގްސަދުތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށެވެ. ޕާޓީގެ އަސާސީ ގަވާއިދުގެ 10 ވަނަ މާއްދާގެ މ. ގައި އެގޮތަށް ލިއެފައިވާ ކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވި އެވެ.
މި އިސްލާހަށް މައުމޫން ދެކޮޅު ހެއްދެވިއިރު، ރާއްޖޭގެ ބިންތައް ބޭރުގެ ފަރާތްތަކަށް ދިގު މުއްދަތަށް މިލްކުކުރެވޭ ގޮތަށް މަޖިލީހުން ފާސްކުރި އިސްލާހާ ވެސް އެމަނިކުފާނު ވަނީ ކުރިން ދެކޮޅުހައްދަވައިފަ އެވެ. އެ އިސްލާހު ފާސްކުރުމުގެ ކުރިން، އެއީ ރައްޔިތުންނަށް ގެއްލުން ބޮޑުވާނެ އިސްލާހެއް ކަމަށް ވިދާޅުވެ، ވޯޓު ނުދެއްވަން އޭރު ވެސް މައުމޫން މެމްބަރުންގެ ކިބައިން އެދިވަޑައިގަތެވެ.
އިއުލާން ނުކޮށް ރަށްތައް ދޫނުކުރަން މައުމޫން އެދިވަޑައިގަތުމުން އުމަރު ތާއީދުކުރައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ