ރައީސްކަމަށް ކުރިމަތިލަނީ ނަޒާހަތްތެރިއަކު ގައުމަށް ބޭނުންވާތީ: އުމަރު

އަންނަ ރިޔާސީ އިންތިހާބަށް ކުރިމަތިލައްވަން ނިންމެވީ، ރާއްޖޭގެ ވެރިކަމަށް ނަޒާހަތްތެރިއަކު ބޭނުން ވާތީ ކަމަށް ދާދި ފަހުން ހޯމް މިނިސްޓަރުކަމުން އިސްތިއުފާދެއްވި އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
އުމަރު ދާދެންމެ އަކު އަވަސް އަށް ދެއްވި އިންޓަވިއުއެއްގައ ވިދާޅުވީ ރާއްޖޭގެ ވެރިކަން ހިންގުމަށް ނަޒާހާތްތެރިއަކު ބޭނުންވެފައިވާ ކަމަށާއި މިނިވަން ކަންމަތީގައި އޮތް ދިވެހި ރާއްޖެއަށް ވެރިކަން ހިންގާނެ ނަޒާހާތްތެރިއެއް ބޭނުންވުން ފިޔަވައި އިތުރު އެއްވެސް ކަމެއް ބޭނުން ނުވާ ކަމަށާއި ކުއްލި ގޮތަކަށް ގޮތް ނިންމަވައި 2018 ގައި ވާދަ ކުރައްވަން ބޭނުންފުޅުވެ އެކަން އިއުލާން ކުރެއްވީ އެހެންވެގެން ކަމަށެވެ.
އުމަރު އަވަސް އަށް އިންޓަވިއު ދެއްވީ ރިޔާސީ އިންތިހާބުގައި ވާދަކުރަން ނިންމެވިކަން އިއުލާން ކުރެއްވިތާ ކުޑައިރުކޮޅެއްގެ ތެރޭގަ އެވެ. އުމަރު ވިދާޅުވީ، މީގެ ކުރިން 2018 ގައި ވާދަނުކުރައްވާނެ ކަމަށް ވިދާޅުވި ނަމަވެސް އެ ނިންމުން ބަދަލު ކުރެއްވީ ރާއްޖޭގެ ވެރިކަން ހިންގުމަށް ނަޒާހާތްތެރި ބޭފުޅަކު ބޭނުންވެފައި ވާތީ އެމަނިކުފާނަކީ އެފަދަ ބޭފުޅެއްކަމަށް ގަބޫލު ކުރެއްވިގެން ކަމަށެވެ. އުމަރު ވިދާޅުވީ، މިނިވަން ކަންމަތީގައި އޮތް ދިވެހި ރާއްޖެއަށް ވެރިކަން ހިންގާނެ ނަޒާހާތްތެރިއެއް ބޭނުންވުން ފިޔަވައި އިތުރު އެހެން އެއްވެސް ސަބަބެއް އޭނާގެ ނިންމެވުމުގައި ނެތެވެ.
"އެހެން އެއްވެސް ސަބަބެއް އަޅުގަނޑުގެ ނެތް. ހެޔޮ ނިޔަތުގައި އަޅުގަނޑު މި ނިންމުން މި ނިންމީ މި މިނިވަން ދިވެހި ރާއްޖޭގެ ވެރިކަމަށް ނަޒާހަތްތެރިއަކު ބޭނުން ވާ ކަމަށް އަޅުގަނޑަށް ގަބޫލު ކުރެވިގެން،" މީގެ ކުރިން ވެސް ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރެއްވި އުމަރު ވިދާޅުވި އެވެ. އޭނާ އަދި ވިދާޅުވީ ރާއްޖޭ ސިޔާސީ ޒިންމާދާރު އިސް ފަރާތްތައް ތިއްބެވީ އޭނާގެ ފަހަތްޕުޅުގައި ކަމަށާއި ރިޔާސީ ޕްރައިމަރީއެއް ކާމިޔާބު ކުރެއްވޭނެ ކަމުގެ ފުރިހަމަ ޔަގީންކަން ވެސް އެބައޮތް ކަމަށެވެ.
މަގާމުން އިސްތިއުފާ ދެއްވުމަށް ފަހު ރައީސް މައުމޫނަށް ވަރަށް ބޮޑަށް ތާއީދުކޮށް ވާހަކަފުޅު ދައްކަވަމުން ވަޑައިގަންނަވާ އުމަރު ވިދާޅުވީ ރިޔާސީ އިންތިހާބުގައި ވާދަ ކުރެއްވުމަށް އެމަނިކުފާނު ދެ އުސޫލެއް ގެންގުޅުއްވާ ކަމަށާއި ފުރަތަަމަ ގޮތަކީ ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީއެއް ބާއްވައި އެ ޕްރައިމަރީ ކާމިޔާބު ކުރައްވައިގެން އިންތިހާބުގައި ވާދަ ކުރެއްވުން ކަމަށެވެ. އަނެއް ގޮތަކީ އަމިއްލަފުޅު ހައިސިއްޔަތުން ސީދާ އިންތިހާބީ ރޭހަށް ވަޑައިގެންނެވުން ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ ބޭނުން ވަނީ ޕީޕިއެމްގެ ރިޔާސީ ޕްރައިމަރީއަށް ވަޑައިގަތުމަށް ކަމަށެވެ.
"އަޅުގަނޑު ބޭނުން ވަނީ ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީއެއް ބާއްވަން. އަދި އެ ޕްރައިމަރީ ވިންކޮށްގެން އިންތިހާބުގައި ވާދަ ކުރައްވަން. ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީއެއް ނުބާއްވާނަމަ އަޅުގަނޑު ދާނީ އަމިއްލަ ގޮތުން ސީދާ ރިޔާސީ ރޭހަށް، އެއާ ހިލާފަށް ޕްރައިމަރީއެއް ބާއްވާ އަޅުގަނޑު ބަލިވެއްޖެނަމަ އަޅުގަނޑު އަމިއްލަ ގޮތުން ވެސް ވާދައެއް ނުކުރާނަން، އަނެއްކާވެސް މަޑުކޮށްލާނީ،" އުމަރު ވިދާޅުވި އެވެ.
ޕީޕީއެމްގެ އެތެރޭގެ ކޯޅުންތައް ވެސް ބޮޑުވެފައި ވަނީ، އަންނަ ރިޔާސީ ޕްރައިމަރީގެ ޓިކެޓް ޕްރައިމަރީއަކާ ނުލާ ރައީސް އަބްދުﷲ ޔާމީންއަށް ދިނުމަށް ޕީޕީއެމްގެ ކައުންސިލްގެ މެންބަރުން މަސައްކަތް ފެއްޓެވުމުންނެވެ. އެ ކޯޅުންގަނޑުގެ ތެރެއިން ރައީސް މައުމޫން ވަނީ ޕީޕީއެމްގެ ކައުންސިލާއި ކޮމިޓީތައް ސަސްޕެންޑްކޮށް، ޕީޕީއެމްގެ އިސްލާހީ އެޖެންޑާއެއް ގެންދިޔުމަށް އަށް މެންބަރުންގެ މައްޗަށް އެކުލެވޭ މަޝްވަރާ މަޖިލީހެއް އުފައްދައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ