އެމެރިކާގެ އިންޓަރ މައޭމީއަށް މެސީ ބަދަލުވެއްޖެ

ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިންގެ ތެރޭގައި ހިމެނޭ އާޖެންޓީނާގެ ތަރި ލިއޮނެލް މެސީ، އެމެރިކާގެ މޭޖާ ލީގު ސޮކާ (އެމްއެލްއެސް) ގެ އިންޓަރ މައޭމީއަށް ބަދަލުވެއްޖެއެވެ.
މެސީ މިކަން ހާމަކޮށްފައިވަނީ ޑިއާރިއޯ ސްޕޯޓްސްއާ މުންޑޯ ޑިޕޯޓިވޯ ނޫހަށް ދިން އިންޓަރވިއުއެއްގައެވެ.
މެސީ ވަނީ އޭނާ މިދިޔަ ދެސީޒަންގައި ކުޅުން ފްރެންޗް ލީގުގެ ޗެމްޕިއަން ޕީއެސްޖީއާ މިފަހަރުގެ ސީޒަން ނިމުމުން ވަކިވެފައެވެ. އެއާއެކު މެސީ ހޯދުމަށް ބައެއް ކްލަބްތަކުން މަސައްކަތް ކުރިއެވެ. އޭގެތެރެއިން އެންމެ ބޮޑަށް މަސައްކަތް ކުރި އެއް ކްލަބަކަށް ވެގެންދިޔައީ އޭނާގެ ހަޔާތުގެ ބޮޑު ބައި ހޭދަކުރި ސްޕެނިޝް ލީގުގެ ޗެމްޕިއަން ބާސެލޯނާއެވެ. ނަމަވެސް ފައިނޭންޝިއަލް ފެއަރ ޕްލޭގެ ސަބަބުން ބާސާއަށް ދިމާވެފައިވާ މާލީ ދަތިތަކުގެ ސަބަބުން އެޓީމަށް މެސީ ގެންދެވޭގޮތެއް ނުވިއެވެ.
މީގެއިތުރުން ޔޫރަޕްގެ އިތުރު އެއް ކްލަބާއި ސައުދީ އަރަބިއާއިން ވަނީ މެސީއަށް ރަނގަޅު ހުށަހެޅުމެއް ހުށަހަޅާފައެވެ. ނަމަވެސް މެސީ ހާމަކުރިގޮތުގައި އޭނާ މިހާރު ވަނީ ޔޫރަޕް ދޫކޮށްދާން ނިންމާފައެވެ. އެގޮތުން އޭނާ ގެންދިއުމަށް ޔޫރަޕްގެ އެހެން ކްލަބަކުން ހުށަހަޅާފައިވާ ކަމަށާއި ނަމަވެސް، އޭނާ ޔޫރަޕްގައި މަޑުކުރާނަމަ ބޭނުންވީ ބާސެލޯނާއަށް ބަދަލުވާން ކަމަށާއި، އެކަން ވާގޮތް ނުވުމުން ޔޫރަޕްގެ އެހެން ކްލަބަކަށް ދާން ބޭނުން ނުވީ ކަމަށް މެސީ ވަނީ ބުނެފައެވެ.
މެސީ ބުނީ މިހާރު ވޯލްޑް ކަޕް ކާމިޔާބު ކުރެވި ބާސާއަށް ދެވޭގޮތް ނުވުމުން، އެމްއެލްއެސްއަށް ބަދަލުވާން ނިންމީ ކަމަށެވެ. އަދި މިހާރު ބެނުންވަނީ ތަންކޮޅެއް ހަމަޖެހިގެން ދިރިއުޅުމަށް އިސްކަން ދީގެން ފުޓްބޯޅަ ކުޅުމަށް ކަމަށްވެސް ވަނީ ބުނެފައެވެ. މިހެން ބުނި ކަމުގައިވީ ނަމަވެސް އަދިވެސް ކުޅެނީ ޒިންމާދާރުކަމާއެކު ކާމިޔާބީ ހޯދަންކަމަށްވެސް އޭނާ ބުންޏެވެ.
މެސީ ހާމަކުރިގޮތުގައި އަލުން ބާރސާއަށް ދިއުމަށް ވަރަށް ބޮޑަށް ޝައުގުވެރިވި ކަމަށާއި ނަމަވެސް ފަހުން ފަހަރު ވީގޮތަށް ބަލައި، އެ ހިތްދަތިކަން އިހުސާސް ކުރަން އިތުރަށް މަޑުކުރަން ބޭނުން ނުވީ ކަމަށެވެ. 2021 ވަނަ އަހަރުވެސް އެންމެ ފަހުވަގުތާ ޖެހެންދެންވެސް މެސީ ހުރީ ބާސާއާއެކު އެއްބަސްވުން އާކުރެވި އަލުން ސޮއި ކުރެވޭނެކަމުގެ އުންމިދުގައެވެ. ނަމަވެސް އެންމެ ފަހު ވަގުތު އެކަން ނުވުމުން އޭނާ އަށް ޖެހުނީ މާޔޫސްކަންމަތީ ޕީއެސްޖީއަށް ސޮއިކުރާށެވެ.
ބާސާއިންވެސް މިހާރުވަނީ މެސީ އެ ޓީމާ ގުޅުމުގެ ބަދަލުގައި އިންޓަރ މައޭމީއަށް ބަދަލުވާން ނިންމާފައިވާކަން ހާމަކޮށްފައެވެ. މެސީ ހާމަކުރިގޮތުގައި ބާސާއިން އޭނާ ގެންދިއުމަށް ކުޅުންތެރިން ވަކިކޮށް ބައެއްް ކުޅުންތެރިންގެ މުސާރަ ކުޑަކޮށްފައިވާ ކަމަށާއި، މިއީ އޭނާ އެކަން ކުރަން ބޭނުންވި ގޮތް ނޫން ކަމަށެވެ. އިންޓަރ މައޭމީގެ އެއްބަސްވުމުގެ ދަށުން އަޑިޑާސް އާއި އެޕަލްއާ ގުޅިގެން މަސައްކަތްތަކެއް ކުރުމަށްވެސް މެސީއަށް ފުރުސަތު ހުޅުވިގެންދެއެވެ. މިއީ ޔޫރަޕުން ބޭރުގެ ކްލަބަކަށް މެސީ ކުޅޭ ފުރަތަމަ ފަހަރަށް ވެގެންދާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ