އިންޓަނެޓް ބޭންކިން ޔޫޒާ ނޭމާއި ޕާސްވޯޑް ހޯދާ މައްސަލަތަކެއް، ސަމާލުވާން އެދިއްޖެ

އިންޓަނެޓް ބޭންކިން ޔޫޒާ ނޭމާއި ޕާސްވޯޑް ހޯދުމަށްފަހު ތަފާތު ގޮތްތަކަށް ފައިސާގެ މުއާމަލާތްތައް ހިންގުމުގެ މައްސަލަތަކެއް ދިވެހި ފުލުހުންގެ ޚިދުމަތަށް ހުށަހެޅެމުންދާތީ އެކަމާ ސަމާލުވުމަށް އެ ޚިދުމަތުން އެދިއްޖެއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވެފައިވާ ގޮތުގައި، އިންޓަނެޓް ބޭންކިން ޔޫޒާ ނޭމާއި ޕާސްވޯޑް ހޯދުމަށްފަހު، އެކައުންޓުގައި ހުންނަ ފައިސާ އެހެން އެކައުންޓުތަކަށް ޓްރާންސްފާ ކުރަމާއި އިންޓަނެޓް ބޭންކިން އެޕްލިކޭޝަން ބޭނުންކޮށްގެން އެކި ފިހާރަތަކުން ކިއު.އާރު ސްކޭން މެދުވެރިކޮށް މޯބައިލް ފޯނާއި އިލެކްޓްރޯނިކް ޑިވައިސް އާއި ތަފާތު މުދާ ގަނެފައިވާ މައްސަލަތަކެއް ފެންމަތިވެފައިވާ ކަމަށެވެ.
ފުލުހުންނަށް ހުށަހަޅާފައިވާ މިފަދަ މައްސަލަތަކުގައި ލޮގްއިން ކްރެޑެންޝަލްސް ކޮމްޕްރޮމައިޒް ވެފައިހުންނަ ގޮތްތައް ތަހުގީގުތަކަށް ފާހަގަކުރެވިފައިވާކަމަށާއި، އެގޮތުން އެކި މުއައްސަސާތަކާއި ޖަމުއިއްޔާތަކުގެ ނަމުގައި އޮޅުވާލައިގެން އެސް.އެމް.އެސް އަދި އީމެއިލް މެދުވެރިކޮށް ފޮނުވާ (ޕިޝިންގ) ލިންކުތަކަށް ވަދެ އެ މައުލޫމާތުތައް ހިއްސާކުރުމަށް އެދިފައި ހުންނަކަން ފާހަގަ ކުރެވޭ ކަމަށް ފުލުހުން ވަނީ ވިދާޅުވެއެވެ.
ފުލުހުން ވިދާޅުވެފައިވާ ގޮތުގައި މި ގޮތަށް ފޮނުވާ ލިންކުގެ ބޭނުމަކީ އީމެއިލް އެޑްރެސް ކޮމްޕްރޮމައިޒް ކޮށްލުމެވެ. އަދި ފޮނުވާ ލިންކަށް ފިތާލުމުން އެ މީހަކު ބޭނުންކުރާ އީމެއިލް އެޑްރެހާއި ޕާސްވޯޑް ޖެހުމަށް އަންނައިރު، މި މައުލޫމާތު ފުރިހަމަކޮށްފިނަމަ އެ މީހަކު ބޭނުންކުރާ އީމެއިލް އެޑްރެހާއި ޕާސްވޯޑް ސްކޭމް ހިންގާފަރާތްތަކަށް އެނގިގެންދާކަން ފުލުހުން ވަނީ ފާހަގަ ކުރައްވާފައެވެ.
''މި ބާވަތުގެ ލިންކުތައް، ކުށްކުރާ މީހުން އެކި މުއައްސަސާގެ ނަމުގައި ތައްޔާރުކުރޭ، މިސާލަކަށް، އެޗްޑީސީގެ ފަރާތުން ޕޯޓަލްއަޕްޑޭޓް ކުރުމަށް ނުވަތަ އެނޫންވެސް ސަބަބަކާހުރެ ކަމަށްބުނެ ފޮނުވާ ލިންކަށް ފިތާލުމުން، އެ ލިންކު ހުޅުވައިލާއިރު އެއީ އެޗްޑީސީގެ ވެބްސައިޓުކަމަށް ގަބޫލުކުރެވޭ ގޮތަށް ފަރުމާކޮށްފައިހުރޭ، އަދި ލިންކަށް ފިތާލުމުން ހުޅުވޭ ވެބްސައިޓަކީ ސައްހަނޫން ސައިޓެއްކަން ދެނެގަންނާނެ ގޮތް ގިނަ މީހުންނަށް ނޭނގި އަދި އެ ވެބްސައިޓަކީ ސައްހަ ވެބްސައިޓެއްކަމަށް އިތުބާރުކޮށް ލޮގްއިން ކުރަން ބޭނުންކުރާ މައުލޫމާތުދެވިފައި ހުންނަކަން ފާހަގަކުރެވިފައިވޭ'' ފުލުހުން ވިދާޅުވެފަވެއެވެ.
މީގެ އިތުރުން، އިންޓަނެޓް ބޭންކިން ރަޖިސްޓްރީ ކުރުމަށްޓަކައި ބެންކަށް ދީފައިވާ އީމެއިލް އެޑްރެސް ބޭނުންކޮށްގެން ސޯޝަލް މީޑިއާގެ ޕްލެޓްފޯމްތަކުގައި އެކައުންޓްތައް ހެދުމާއި، އީ ކޮމާސް ވެބްސައިޓުތަކުގައި ރަޖިސްޓްރީކުރުމާއި، މިނޫންވެސް އޮންލައިން ގިނަ ސާވިސްތަކެއްގައި އެއް އީމެއިލް އެޑްރެސްއެއް މެދުވެރިކޮށް ރަޖިސްޓްރީ ކޮށްފައި ހުންނަކަން ފާހަގަކުރެވޭކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ. މިގޮތަށް އޮންލައިން ސާވިސްތަކުގައި ރަޖިސްޓްރީކުރާއިރު ގިނަ ފަހަރު އީމެއިލް އެޑްރެސް އަދި ޕާސްވޯޑް ޖަހަންޖެހުމުން، އެ ޚިދުމަތްތަކުގައިވެސް އަސްލު އީމެއިލްގެ ޕާސްވޯޑް ބޭނުންކޮށްފައިވާކަން ފާހަގަކުރެވޭއިރު، މިގޮތުން ހުރިހާ ސާވިސްއެއްގައި އެއް ޕާސްވޯޑް ޖަހާފައި ހުންނަކަމާ އަދި ބޭނުންކުރާ އީމެއިލް އެޑްރެސްވެސް އެ އީމެއިލް ސަރވިސްއިން ދީފައި ހުންނަ ސެކިއުރިޓީ ފީޗާސް އެކްޓިވޭޓްކޮށް ރައްކާތެރިކަމުގެ ގޮތުން އެޅެން ހުންނަ ފިޔަވަޅުތައް ސެކިއުރިޓީ ސެޓިންގްސް ކޮންފިގަރ ކޮށްފައި ނުހުންނަކަން ފާހަގަކުރެވޭ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.
''އާންމުކޮށް އިންޓަނެޓް ބޭނުންކުރާ ފަރާތްތަކުން ބޭނުންކުރާ ސޯޝަލް މީޑިއާ ޕްލެޓް ފޯމްތަކުގެ (ފޭސްބުކް ޓުވިޓަރ، އިންސްޓަރގްރާމް) ޑޭޓަރ ބްރީޗްތަކުގައި ވެސް ދިވެހިރާއްޖޭގެ އެތައް ބައެއްގެ ޑޭޓާ (ލޮގްއިން ކްރެޑެންޝަލްސް) މިހާރުވެސް އިންޓަނެޓްގައި ލީކުވެފައިވޭ، މިފަދަ ހާދިސާތައް ހިނގުމުން، މިއީ ކިހިނެއް ހިނގާ ކަމެއްކަން ގިނަ މީހުންނަށް އެނގިފައެއް ނުހުރޭ، އަދި އެފަދަ އެޕްލިކޭޝަންތައް ބޭނުންކުރަމުންދާއިރު އެ އެޕްލިކޭޝަންތަކުންވެސް ޕާސްވޯޑް ބަދަލުކުރުމަށް އާންމުކޮށް އަންގައި އިއުލާނުކުރާއިރުވެސް ހަނދާންނެތި ނުވަތަ އެހެން ސަބަބަކާ ލައިގެން ނަމަވެސް އެކަން ނުކޮށް ހުންނަކަން ފާހަގަކުރެވިފައިވޭ'' ފުލުހުން ވިދާޅުވިއެވެ.
ފުލުހުން ވިދާޅުވީ، އިންޓަނޭޝަނަލް އެއްވެސް ޑޭޓާ ބްރީޗެއްގައި އެއްވެސް މީހެއްގެ އީމެއިލް އެޑްރެސް އަދި ޕާސްވޯޑް އިންޓަނެޓްގައި ލީކުވެފައިވޭތޯ https://haveibeenpwned.com ލިންކް މެދުވެރިކޮށް ބަލާލެވޭނެ ކަމަށެވެ.
ބައެއް މައްސަލަތަކުގައި، އީމެއިލް އެކައުންޓުގެ ޕާސްވޯޑް މެނޭޖަރގައި އިންޓަނެޓް ބޭންކިންގ ޔޫސަރ ނޭމާއި ޕާސްވޯޑް ސޭވްކޮށްފައި ހުންނަކަން ފާހަގަކުރެވިފައިވާކަމަށާއި، އެހެންކަމުން މި މައުލޫމާތު ސޭވްކުރެވިފައިވާނަމަ އީމެއިލް ކޮމްޕްރަމައިޒް ވުމުން ސްކޭމް ހިންގާ މީހުންނަށް މި މައުލޫމާތު ލިބިގެންދާކަމަށް ފުލުހުން ވިދާޅުވެއެވެ. އަދި އިތުރު އެއްވެސް ހުރަހެއް ނެތި އިންޓަނެޓް ބޭންކިންގއަށް އެކްސެސް ލިބިގެންދާ ކަމަށާއި، އަދި އަމިއްލަ ޑިވައިސް ނޫން އެހެން ޑިވައިސްތަކުން (އިތުބާރު ނުހިފޭ ޑިވައިސްއަކުން) އިންޓަނެޓް ބޭންކިންގ އަދި އީމެއިލް ސަރވިސްތަކަށް އެކްސެސްވެ އެފަދަ ޑިވައިސްތަކުގެ ބްރޯޒާގައި ޕާސްވޯޑް ސޭވްކުރެވިފައި ހުންނަ ކަމަށް ވެސް ވިދާޅުވެފަވެއެވެ.
''އިންތިޒާމްވެގެން މިފަދަ އަމަލުތައް ހިންގާ މީހުން ހޯދުމަށްޓަކައި މިހާތަނަށް ގިނަ މަސައްކަތްތަކެއް ދިވެހި ފުލުހުންގެ ޚިދުމަތުން ކޮށްފައިވާއިރު މިހާރުވެސް މިފަދަ ގިނަ މަސައްކަތްތަކެއްދަނީ ކުރެވެމުން، އެހެންކަމުން އިންޓަނެޓް ޚިދުމަތްތައް ހޯދައި ލިބިގަތުމުގައި ބޭނުންކުރާ އީމެއިލް އެޑްރެސް އަދި ޕާސްވޯޑުތަކަށް މިހާރަށް ވުރެ ބޮޑަށް ސަމާލުވެ، ޓޫ ފެކްޓަރ އޮތެންޓިކޭޝަން ފީޗަރސްތައް ބޭނުންކުރުމާއި، ދޭތެރެ ދޭތެރެއިން ޕާސްވޯޑް ބަދަލުކުރުމާއި އެއް ޕާސްވޯޑެއް ގިނަ އެކައުންޓްތަކުގައި ބޭނުން ނުކުރުމަށް މި ފުރުސަތުގައި އިލްތިމާސްކުރަން'' ފުލުހުން ވިދާޅުވެފަވެއެވެ.
މިފަދަ މައްސަލަތަކުގައި ތަހުގީގަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު މިހާރުވެސް ގިނަ އީމެއިލް އެޑްރެސްތަކެއް ކޮމްޕޮމައިޒްވެފައި ހުރިކަން ފާހަގަ ކުރެވޭތީ އީމެއިލް ޕާސްވޯޑާއި އިންޓަނެޓް ބޭންކިންގ ޕާސްވޯޑް ބަދަލުކޮށް ރައްކާތެރިކަމުގެ ފިޔަވަޅުއެޅުމަށް ވެސް ފުލުހުންގެ ޚިދުމަތުން ވަނީ އިލްތިމާސްކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ