އާދޭސްކޮށްފައި ދަންނަވަން، ރޯދައަށް ރައީސް ޔާމީން ގެއަށް ބަދަލުކޮށްދެއްވާ: ޑރ މުއިއްޒު

ޕީޕީއެމްގެ ރައީސް އަަދި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ރޯދައަށް ގެއަށް ބަދަލުކޮށްދިނުމަށް އާދޭހަކު ދަންނަވާކަމަށް މާލޭ ސިޓީގެ މޭޔަރު އަދި ޕީޕީއެމްގެ ނައިބުރައީސް ޑރ މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. 
ޑރ މުއިއްޒު މިފަދައިން ވިދާޅުވެފައިވަނީ ރައީސް ޔާމީން މިނިވަންކުރުމަށް ގޮވާލާ މާލޭގައި ކުރި އިހުތިޖާޖުގައި ވާހަކަދައްކަވަމުން ނެވެ. 
އެ އިހުތިޖާޖުގެ ބައިވެރިންނާއި މުޚާތަބުކުރައްވާ ޑރ މުއިއްޒު ވިދާޅުވީ ރޯދަމަސް ބައްދަލުކުރާއިރު ރައީސް ޔާމީން ނުހައްގު ބަންދެއްގައި ޖަލުގައި ހުންނަވާތީ ނުހަނު ހިތާމަކުރައްވާ ކަމަށެވެ.
Advertisement
ރޯދައަށް އެމަނިކުފާނު ގެއަށް ބަދަލުކުރުމުގެ މަސައްކަތް އިދިކޮޅު ލީޑަޝިޕާއި ޕީޖީން ކުރަމުންދާކަން ފާހަގަކުރައްވާ ޑރ މުއިއްޒުވަނީ އެމަނިކުފާނު ގެއަށް ބަދަލުކޮށްދިނުމަށް ސަރުކާރަށް ގޮވާލައްވާފަ އެވެ. 
"އަޅުގަނޑުމެން ވަރަށް ހިތާމަކުރަން. ސަބަބަކީ ރައީސް ނުހައްގުން ޖަލުގައި އެ ހުންނަނީ ބަހައްޓާފަ. އަޅުގަނޑުމެން އެދި މި ދަންނަވަނީ މި ސަރުކާރުގައި މި ރަމަޟާން މަސް އައުމުގެ ކުރިން އެމަނިކުފާނު ގެއަށް ބަދަލުކޮށްދިނުމަށް. ލީޑަޝިޕްގެ ހުރިހާ އެންމެން ޕީޖީގެ ހުރިހާ އެންމެން އެކި ސިފަސިފައިގައި ސަރުކާރުގެ އެންމެ މަތިން ގޮސް އެކި ވެރިންނަށްވެސް އާދޭސްކޮށް ދަންނަވަމުން އެބަދަން އެމަނިކުފާނު ގެއަށް ބަދަލުކޮށްދިނުމަށް" 
މާލޭ ސިޓީގެ މޭޔަރު ޑރ މުޙައްމަދު މުއިއްޒު 
ޑރ މުއިއްޒު ވިދާޅުވީ މި ސަރުކާރަކީ އިންސާނިއްޔަތުކަމަށް ލޯބިކުރާ ބައެއް ނޫން ކަމަށެވެ. 
ރައީސް ޔާމީން ރޯދައަށް ގެއަށް ބަދަލުކޮށްގެން ސަރުކާރަށް ލިބޭނެ ގެއްލުމެއް ވިސްނި ވަޑައިނުގަންނަވާ ކަމަށާއި، ރައީސުލްޖުމްހޫރިއްޔާގެ ކިބައިގައި އިންސާނިއްޔަތުގެ ކަންފުޅެއްވެސް ހުރިނަމަ ރައީސް ޔާމީން ގެކޮޅަށް ބަދަލުކޮށްދެއްވާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ. 
ރައީސް ޔާމީން ގެކޮޅަށް ބަދަލުކޮށްދެއްވުމަށް އިދިކޮޅު ލީޑަޝިޕުން މަސައްކަތް ކުރައްވަމުންދާއިރު، އެމްއެމްޕީއާރުސީ މެދުވެރިކޮށް ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާއި ގުޅުވާ ދައުލަތުން ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތައް ސާބިތުވާކަމަށް ކަނޑައަޅާ އެމަނިކުފާނަށް 11 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވަނީ ނިމިދިޔަ ޑިސެމްބަރު މަހުގެ 25 ގައެވެ. 
އެއީ ސިޔާސީ ނުފޫޒު ފޯރުވައިގެން އިއްވި "ހަރާމް ހުކުމެއް" ކަމަށް އިދިކޮޅުން ބުނަމުންދާއިރު، އެ ހުކުން ބާތިލުކޮށް އެމަނިކުފާނު މިނިވަންކުރުމަށް އިދިކޮޅުން ދަނީ ކެނޑިނޭޅި މުޒާހަރާ ކުރަމުން ނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ