ސްކޫލް ބަންދުގައި ދަރިންނާ އެކު ވަގުތު އެބަ ހޭދަ ކުރަންތަ؟

އީދަށް ފަހު އޮފީސްތައް ހުޅުވިފައިވީ ކަމުގައިވިޔަސް ސްކޫލް ދަރިވަރުންގެ ބޮޑު ޗުއްޓީ އަދިވެސް ދަނީ ކުރިއަށެވެ. މި ޗުއްޓީގައި ދަރިފުޅު ވަގުތު ހޭދަކުރަނީ ކިހިނެއް ހެއްޔެވެ؟
ޗުއްޓީގައި ރަށުން ބޭރަށް ނުދިޔަޔަސް އުފާވެރި، ހަނދާނުން ނުފިލާ ދުވަސްކޮޅެއް  ހޭދަކޮށްލެވިދާނެ އެވެ.
އެންމެ ރަނގަޅު ގޮތަކީ، ސްކޫލަށް ދާ ދުވަސްވަރު ކުދިން ވަގުތު ހޭދަ ކުރާ ގޮތާ މުޅިން ތަފާތު ގޮތަކަށް ވަގުތު ހޭދަކުރުމެވެ. ދަރިފުޅަކީ އާއްމުކޮށް އަހަރުގެ ބޮޑު ބަައި ކްލާސްރޫމެއްގައި ޓީޗަރުން ދައްކާ ވާހަކަ އަޑުއަހަން ގޮނޑިއެއްގައި އިންނަން މަޖުބޫރުވެފައިވާ ކުއްޖެއް ކަމުގައިވާ އިރު، ޗުއްޓީ ހޭދަކުރަންވީ ދަރިފުޅަށް ވީހާވެސް ބޮޑަކަށް ހަރަކާތްތެރިވާން ފުރުސަތު ދީގެންނެވެ.
ތިރީގައި މިވަނީ މި ބަންދު ތެރޭ ދަރިފުޅާ އެކު ކުރެވިދާނެ ކަންކަމެވެ. މާ ބޮޑެތި އަދި ކަންކަން ކަމުގަ ނުވިޔަސް އެކަމުން ދަރިފުޅަށް ލިބޭ ހިތްހަމަޖެހުން ބޮޑު ކަންކަމެވެ.
ތޮއްޖެހިފައިވާ މާލޭގައި ކުއްޖަކު ގޮވައިގެން ހިނގާާލަން ދާނެ ޖާގައެއް ނެތެވެ. ކާރޫބާރޫ ބޮޑުކަމުން މަގެއްމަތީ ކުއްޖަކު ގޮވައިގެން އުޅުމަކީ އިންތިހާއަށް އުނދަގޫ ކަމެކެވެ. އެކަމަކު، ހެދިބޮޑުވަމުން އަންނަ ކުއްޖަކަށް، ގައިގެ ބޮޑެތި މަސްތަކުގައި ވަރުޖެއްސުމަށް ދުވެ، ފުމެ ހަރަކާތްތެރިވުން މުހިއްމެވެ.
މާލޭގައި ދިރިއުޅޭ ނަމަ، ދުވާ ޓްރެކް، ހެލިޕެޑް ސަރަހައްދު ނުވަތަ ބްރިޖަށް ހިނގާލަން ދެވިދާނެ އެވެ. ގަޑިއެއްހާ އިރު މިގޮތަށް ބޭރުގައި ހޭދަކޮށްފި ނަމަ ތާޒާ ވައި ލިބި، ހަށިގަނޑަށް ކަސްރަތު ލިބި، މީހާ އެއްކޮށް ތާޒާކޮށްލާނެ އެވެ. ދަރިފުޅު އެކަންޏެއް ނޫނެވެ. ތިމާ ވެސް އެވެ.
ޗުއްޓީގައި ދަރިންނަށް އެކި ހުނަރުތައް ދަސްކޮށްދިނުމަށް ހޮލިޑޭ ޕްރޮގްރާމްތަކުގައި ބައިވެރި ކުރެވިދާނެ އެވެ. އިންސްޓަގްރާމުން މި ދުވަސްވަރު މިފަދަ އެކިއެކި ޕްރޮގްރާމް ފެނެ އެވެ. މަސައްކަތަށް ނުކުންނަ ބެލެނިވެރިންނަށް މި ޕްރޮގްރާމާތަކުގައި ދަރިން ބައިވެރިކުރުމުން، އެކުދިން ތިބީ ރައްކާތެރި މާހައުލެއްގައި ކޮންމެވެސް ބޭނުންތެރި ހުނަރެއް ދަސްކުރުމުގައި ވަގުތު ހޭދަކުރަން ކަމުގެ ޔަގީންކަން އޮވެ އެވެ.
އަނެއްބައި ބެލެނިވެރިންނަށް، މިފަދަ ޕްރޮގްރާމްތަކުގައި ބައިވެރިކުރަން ކިތަންމެ ބޭނުންވިޔަސް އަގު ބޮޑީ އެވެ. ނަމަވެސް ކުރެވޭނެ ކަމެއް އެބަ އޮތެވެ. ޕިންޓްރެސްޓްގައި ފުރާ އެ އޮތީ އެކިއެކި ކްރާފްޓްތައް ހަދާނެ ގޮތެވެ. ކުޑަކުޑަ ރޭވުންތެރިކަމަކާ އެކު މިކަން ކުދިންނާ އެކު ކުރެވިދާނެ އެވެ. ޗުއްޓީގައި ކޮންމެ ދުވަހަކު ކޮންމެވެސް އެއް ކްރާފްޓެއް ހެދުމަށް އަޒުމު ކަނޑައަޅާށެވެ.
ވާހަކަ ފޮތުން ކުއްޖާ ގެންގޮސްދެނީ މުޅިން އާ ހިޔާލީ ދުނިޔެއަކަށެވެ. ފޮތް ކިޔުމަށް ކުޑަކުދިންގެ ޝައުގުވެރިކަން އުފެދެނީ ސްކޫލުން، ނުވަތަ އެހެން ކުދިން ފޮތް ކިޔާތަން ފެނިގެން ނުވަތަ ޓީޗަރުންގެ ކިބައިންނެއް ނޫނެވެ. ފޮތަށް ކުއްޖާގެ ޝައުގުވެރިކަން ގެނެސްދެނީ މައިންބަފައިންނެވެ.
މަންމަ ނުވަތަ ބައްޕަގެ އުނގުުގައި ދަރިފުޅު ބައިންދައިގެން ފޮތެއް ކިޔައިދިނުމަކީ އެއިން އެތަކެއް ފައިދާއެއް، ހެދިބޮޑުވަމުން އަންނަ ކުއްޖެއްގެ ސިކުނޑިއަށް ލިބޭނެ ކަމެކެވެ. އުމުރުން 4 މަހުން ފެށިގެން ކުއްޖާއަށް ފޮތް ކިޔައިދޭން ޖެހެނީ އެހެންވެ އެވެ.
ކުރިން ފޮތް ކިޔައިދެވިފައި ނެތް ނަމަ، މި ބަންދުގައި ދަރިފުޅަށް ފޮތް ކިޔައިދިނުމަށް ހާއްސަ ސަމާލުކަމެއް ދޭށެވެ. ކައިރީގައި ބައިންދަައިގެން ދެ މީހުން އެއްކޮށް ފޮތް ކިޔާށެވެ.
އިނގިރޭސި ފޮތަށް ދަރިފުޅު މިހާރު ޝައުގުވެރިކަން ހުރި ނަމަ، ދިވެހި ފޮތް ކިޔައިދޭށެވެ. މިފަހުގެ ލިޔުންތެރިން ނެރެފައިވާ ދިވެހި ވާހަކަ ފޮތްތައް ހުންނަނީ މި ޖީލުގެ ކުދިންނާ ގުޅޭ ގޮތަށް އަދި މަންޒަރުތައް ހިތްގައިމުކޮށެވެ. ދިވެހި ބަހުން ކިޔައިދިނުމުން ކުދިންނަށް ދިވެހި ބަސް ފަރިތަވެ އެވެ. މާދަރީ ބަހުން ވާހަކަ ދެއްކުން ބޮޑަށް އިހްތިޔާރު ކުރެ އެވެ. މީހުން ދައްކާ ވާހަކަ ދޭހަވެ އެވެ. ބަސްކޮށާރު މުއްސަނދިވުމަށް އެހީތެރިވެ އެވެ.
ރެސިޕީއެއް ބަލައިގެން، ދަރިފުޅު ކާ ހިތްވާ ކޮންމެވެސް ހާއްސަ އެއްޗެއް އޭނާ ބައިވެރިކޮށްގެން ތައްޔާރު ކުރުމަކީ ކުރެވިދާނެ ކަމެކެވެ. ކުދިންނަކީ އާއްމުކޮށް ބަދިގޭގައި ކައްކާ އިރު މާ ބޮޑަށް ޝާމިލުވެ އުޅޭ ބަޔަކަށް ނުވެދާނެ އެވެ.
މިގޮތަށް ކައްކާއިރު އެއްޗެއް ތައްޔާރު ކުރާނެ ގޮތުގެ އިރުޝާދުތައް ކިޔަަން ދަރިފުޅާ ހަވާލު ކުރާށެވެ. އެ ތަކެތި މިނަން ދަސްކޮށްދޭށެވެ. މިކަހަލަ ކަންކަމުން، ކުއްޖާ އަށް ކްލާސްރޫމެއްގެ ހަތަރު ފާރުތެރެއިން އަދި ފޮތާއި ދެލިގަނޑުން ކަންކަން ދަސްވާ ވަރަށް ވުރެ ބޮޑަށް، އަމަލީ ތަޖުރިބާ އިން ކަންކަން ދަސްކުރުމުގެ ފުރުސަތު ލިބެ އެވެ.
ދަރިފުޅު ގޮވައިގެން ބީޗަށް ދާ އިރު އަބަދު ފެންނަ އެއް މަންޒަރަކީ އެއް ފަހަރު ބޭނުންކޮށްފައި އެއްލާލާ ޕްލާސްޓިކް ފުޅި އާއި ކޮތަޅު ފަދަ ތަކެތި ފަރުވާލެއް ނެތި އުކާލާފައިވާ މަންޒަރެވެ.
މިކަމާ މެދު ޝަކުވާ ކުރުމުގެ ބަދަލުގައި ނުވަތަ އެހެން މީހަކު ސާފު ކުރާނެ ކަމަށް ބެލުމުގެ ބަދަލުގައި އެ ތަކެތި ނަގައި ބީޗް ސާފު ކުރުމަށް ގަޑިއެއްހާ އިރު ހޭދަކޮށްލާށެވެ.
ތިމާވެށި ހިމާޔާތް ކުރާ ވާހަކަ ސްކޫލްތަކުން އާއްމުކޮށް ކުދިންނަށް ކިޔައިދީފައި އޮތަސް އަމަލީ ގޮތުން މިކަން ކުދިން ބައިވެރިކޮށްގެން ނުކުރެވި އޮވެދާނެ އެވެ. އަދި މިފަދަ ކަމެއް ކުރުމަށް ހުރިހާ ކުދިންނަށް ފުރުސަތު ނުލިބި ހިނގައިދާނެ އެވެ. މިކަަމުން ކުދިންނަށް ލިބޭ ހިތްހަމަޖެހުން އިންތިހާ އަށް ބޮޑެވެ. ޓީމުތަކަކަށް ބަހާލައިގެން ވާދަވެރިކޮށް ކޮށްފިއްޔާ މިއީ ފޯރިގަދަ ހަރަކާތެކެވެ.
ގޭގައި ކިރިޔާ ވެސް ޖާގައެއް އޮތް ނަމަ، އަބަދު މާ ގަސް އިންދުމުގެ ބަދަލުގައި، އޮށަކުން ކޮންމެވެސް އެއް ބާވަތެއްގެ މޭވާ ނުވަތަ ތަރުކަރީ އަޅާ ގަހެއް ހެއްދުމަކީ ކުރެވިދާނެ ކަމެކެވެ. ކުދިންނަށް ދަނޑުތަކުގައި ކާބޯތަކެތި ހައްދާ ގޮތް ފެނިފައި ނުހުރެދާނެ އެވެ. އަދި އަަހަރެމެންގެ ސުފުރާތަކަށް އެ އެއްޗެހި އަންނަ ގޮތް އަދި އެއީ ބައެއްގެ ކިހާ ބުރަ މަސައްކަތަކުން ކުރާ ކަމެއްކަން ވަޒަންނުކުރެވި އޮވެދާނެ އެވެ.
މިގޮތަށް ގަސް އިންދައި މިރުސް ފަދަ ބާވަތެއް ހައްދަން މަސައްކަތްކޮށްފި ނަމަ އެކުދިންނަށް މިކަން ތަޖުރިބާ ކޮށްލެވޭނެ އެވެ.
ކުދިންގެ ކިބައިގައި ތަފާތު ހިޔާލުތައް ހުރެ އެވެ. ބައެއް ފަހަރު އަހަރެމެން ބޮޑެތި މީހުންނަށް ނުވިސްނޭ ގޮތްގޮތަށް ވެސް ކުދިން ކަންކަމާ މެދު ވިސްނަ އެވެ. އަދި މިކަމުގެ ސަބަބުން ބައެއް ކަންކަން ކުރާނެ ލުއި ގޮތް ވެސް ކުދިންގެ ތަނަވަސް ހިޔާލުތަކުން އީޖާދުވެ އުފަންވެގެން ބޮޑެތި ވިޔަފާރިތަކަށް ވެސް ބަދަލުވެފައި ހުރެ އެވެ.
ވިޔަފާރިއެއް ފައްޓާނެ ހިޔާލާ މެދު ދަރިފުޅާ މަޝްވަރާކޮށް ޕްލޭނެއް ހަދާށެވެ. އަދި އެކަން ކުރާނެ ގޮތް ހޯދާ މަޝްވަރާކުރާށެވެ. ވިޔަފާރިއެއް ނުފެށިޔަސް މިކަމާ މެދު މަޝްވަރާ ކުރުމުން، ދަރިފުޅަށް ތިމާގެ ހިޔާލުތަކަކީ މުހިއްމު އެއްޗެއްކަން އެނގެ އެވެ. އެ ހިޔާލުތައް އަޑުއަހާނެ ޝައުގުވެރިކަން ހުރި ބަޔަކު ތިބިކަން އިހްސާސް ކުރެވެ އެވެ.
މިކަމުގެ އެންމެ ބޮޑު ފައިދާ އަކީ ކުދިން އަމިއްލަ ނަފްސަށް ކުރާ އިތުބާރު ބޮޑުވުމެވެ. ކުދިންނަށް ލިބޭ އެހެން ފުރުސަތުތަކުގައި އަމިއްލަ ހިޔާލު ފާޅުކުރާކަށް ފަހެއްނުޖެހޭނެ އެވެ. މިއީ ކޮންމެ ކުއްޖެއްގެ ކިބައިގައި ވެސް ހުންނަން ޖެހޭ މުހިއްމު ސިފަ އެކެވެ.
ކިޔާފައިވާ ފޮތްތަކާއި ކުޅޭ ސާމާނާ އެކު ބައެއް ގޭގެ ފުރިބާރުވެ އަހަރު ނިމޭއިރު ތަރުތީބު ގެއްލިފައިވާ ވާހަކަ އަބަދުވެސް އަޑުއިވެ އެވެ. މި ދުވަސްވަރަކީ މާލޭގައި ދިރިއުޅޭ މީހުން ގިނައިން ރަށްރަށަށް ޒިޔާރާތް ކުރާ ދުވަސްކޮޅެއް ކަމުން، ދަރިފުޅު ކިޔާފައިވާ އެކަމަކު ރަނގަޅު ހާލާތުގައި ހުރި، މޮޅެތި ލިޔުންތެރިންގެ ފޮތްތައް ހަދިޔާ ކުރުމުގެ ހިޔާލު ދަރިފުޅަށް ދޭށެވެ.
އަދި ކުދިން ގޮވައިގެން ދާ ރަށެއްގެ ލައިބްރަރީ އަށް ކުދިންގެ ނަމުގައި ފޮތްތައް ހަދިޔާ ކުރާށެވެ. މިއީ ދެވޭ ސަދަގާތެކެވެ. އަދި ދަރިފުޅުގެ ކިބައިގައި އެހެން މީހުންނަށް އެހީތެރިވުމާއި ދީލަތިވުމުގެ މުހިއްމު ސިފަ އަށަގަންނުވާނެ ކަމެކެވެ.
މިހާރު ބޮޑުވަމުން އަންނަ ޖީލުތައް ދިވެހިންގެ ތާރިހާއި ސަގާފާތާ ބީރައްޓެހިކަން އެންމެންނަށް ވެސް އެނގެ އެވެ. ދަރިފުޅަށް ދިވެހިރާއްޖޭގެ ތާރީހާ ބެހޭ ވާހަކަތައް ކިޔައިދޭށެވެ. ފާހަގަ ކުރާ މުހިއްމު ދުވަސްތައް ވެސް ކިޔައިދޭށެވެ. މުހިއްމު ބިނާތަކާއި ތަންތަން ދައްކާށެވެ. އެތަންތަނުގެ ވާހަކަ ކިޔައިދީ ތަން ބަލަން ގޮސް، އެތަނުން ފެނުނު އެއްޗެއް ސިފަކުރަން، ނުވަތަ ކުރަހަން ބުނާށެވެ.
ތާރީހާއި ސަގާފަތާ ގުޅޭ ގޮތުން ޕްރެޒެންޓޭޝަނެއް ހަދަން ބުނާށެވެ. މިގޮތަށް ކުދިން ގޮވައިގެން ނުކުންނަ އިރު ސަގާފީ ހެދުމުގައި ވެސް ނުކުމެވިދާނެ އެވެ.
ގިނައީ އޮފީހަށް ހާޒިރުވެގެން އާމްދަނީ ހޯދުމަށް މަސައްކަތް ކުރާ މީހުންނެވެ. މަންމަ އާއި ބައްޕަ މަސައްކަތް ކުރާކަން ދަރިފުޅަށް އެނގުނަސް، ކުރަނީ ކޮން މަސައްކަތެއް ކަމެއް އަދި ބިޒީވަނީ ކީއްވެގެން ކަމެއް ވިސްނިފައި ނޯވެދާނެ އެވެ.
އެހެންކަމުން ސުޕަވައިޒަރާ މަޝްވަރާކުރުމަށް ފަހު ރަސްމީ ގަޑީގައި ދަރިފުޅު އޮފީހަށް ގެންދާށެވެ. ތަން ހިނގާ ގޮތާއި މަސައްކަތް ހިނގާ ގޮތް އޭނާއަށް ދައްކާލާށެވެ. މިއީ ކުދިންގެ ހަޔާތުގެ އެންމެ މުހިއްމު އެއް ފީލްޑް ޓްރިޕް ކަމުގައި ވުން އެކަށީގެންވެ އެވެ.
ކިތަންމެ އަގު ބޮޑު ކުޅޭ ސާމާނު ދަރިފުޅަށް ގަނެދިނަސް އޭނާއަށް މުހިއްމު ވަނީ އެ ކުޅޭ އެއްޗަކަށް ވުރެ ބޮޑަށް، މަންމަ އާއި ބައްޕާއާ އެކު ހޭދަ ކުރާ ވަގުތެވެ. ތިއީ ބިޒީ މަންމައެއް ނުވަތަ ބައްޕައެއް ނަމަ ދަރިފުޅާ އެކު ކޮލިޓީ ވަގުތު ހޭދަ ކުރުމަށް އަޒުމު ކަނޑައަޅައިގެން މި ބަންދުގައި އެ ކުދިންނަށް އެ ވަގުތު ދޭށެވެ.
ހެނދުނު ހޭލާ ގޮތަށް ނިދަންދެން ސްކްރީން ދޮށުގައި ދެ ލޯ ދިގުވެފައި ދަރިފުޅު ނުބަހައްޓާށެވެ. ދަރިން ބަލަން މީހަކު ހުއްޓަސް އެމީހާއާ ދަރިފުޅުގެ ހުރިހާ ޒިންމާއެއް ހަވާލު ނުކުރާށެވެ.
ވަގުތު ހޯދައިގެން އަމިއްލަ ދަރިންގެ ޅަ ސިކުނޑިތައް ބޭނުން ގޮތަކަށް ތަރުބިއްޔަތު ކުރެވޭނެ އެވެ. ކުއްޖެއްގެ އުމުރުން ގާތްގަނޑަކަށް 10 އަހަރު ވަންދެން (އަމިއްލަ ރައްޓެހިން ހޯދުމުގެ ކުރިން) އޭނާގެ ހަޔާތުގެ އެންމެ މުހިއްމު ބަޔަކީ މަންމަ އާއި ބައްޕަ އެވެ. 
ދަރިފުޅަށް ބޭނުންވާ އަޅާލުމާއި އޯގާތެރިކަމާއި ލޯބި ދޭން ހޭދަކުރާ ވަގުތަކީ ބޭކާރު ގޮތުގައި ހޭދަވި ވަގުތު ކަމުގައި ދުވަހަކުވެސް ނުދެކޭށެވެ.
މަސައްކަތްކޮށް ފައިސާ އެއްކުރެވިދާނެ އެވެ. ރައްޓެހިންނާ އެކު ހޭދަ ކުރާނެ ވަގުތާއި އަމިއްލަ ނަފްސަށް ބޭނުންވާ ވަގުތު ލިބޭނެ އެވެ. އެކަމަކު ކުދިން އަބަދަކު ޅަފަތުގައި މައުސޫމްކޮށެއް ނުތިބޭނެ އެވެ. އެކަން ދަންނާށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ