ރައީސް ޔާމީނަށްވެސް އިންސާފުވެރި ޝަރީއަތެއް ލިބެންޖެހޭ ކަމަށާއި އެއީ ދިވެހި ޖުމްހޫރިއްޔާގެ ގާނޫނު އަސާސީން ލިބިދޭ އަސާސީ ހައްގެއް ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓް އޮނަރަބަލް ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ގައުމުގައި ހުރި ބޮޑެތި މައްސަލަތަކާއި ގުޅޭގޮތުން އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނާއެކު ބޭއްވި މަޝްވަރާތަކަށްފަހު ކުރެއްވި ޓުވިޓެއްގައި އެމަނިކުފާނު ވިދާޅުވީ ޤާނޫނުއަސާސީ ވުޖޫދަށް އައުމުގެ އެއް މަޤްސަދަކީ މިނިވަންކަމާއި، އިންސާފުވެރިކަމާއެކު، ޢަދުލު އިންސާފު ޤާއިމުކޮށް ރައްޔިތުންގެ އަސާސީ ހައްްޤުތަކާއި މިނިވަންކަން ކަށަވަރު ކުރުން ކަމަށެވެ.
އެހެން ކަމުން ކޮންމެ ދިވެހިރައްޔިތަކަށްވެސް އިސްވެ މިދެންނެވި ހައްޤުތަައް ފުރިހަމައަށް ލިބެން ޖެހޭނެ ކަމަށާއި އެއީ، ރައީސް ޔާމީން ކަމަށްވިޔަސް ނުވަތަ އެހެން ދިވެހި ރައްޔިތެއްކަމަށް ވިއަސް އިންސާފުވެރި ޝަރީއަތެއް ލިބުމަކީ މިއަދު ޤާނޫން އަސާސީން ލިބިދޭ އަސާސީ އަދި އިންސާނީ ހައްްޤެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އެހެންކަމުން ލަސްވުމެއް ފަސްވުމެއް ނެތި ޢަދުލު ވެރިކަމާ، ހަމަ ހަމަކަމާއެކު، މި ޤައުމުގައި އިންސާފު ޤާއިމް ކުރެވެން ވާނެ ކަމަށެވެ. އެހެންނަމަވެސް މިއަދު އުފެދޭ ސުވާލަކީ، މިއަދުގެ ސަރުކާރުގެ މިސްރާބު މިހުރީ، އިންސާފުގެ މަގު ހޯދުމަށް ކުރި ދަތުރުގަައި ހުރިހާ ބާރުވެރިކަމެއް ލިބުމުން އެ ވަޢުދުވި ގޮތަށްތޯ އެމަނިކުފާނުވަނީ ސުވާލު އުފައްދަވާފައެވެ.
ރައީސް ޔާމީނަށްވެސް އިންސާފުވެރި ޝަރީއަތެއް ލިބެންޖެހޭ ކަމަށް ގާސިމް ވިދާޅުވިއިރު ގައުމީ މުހިންމު މައްސަލަތަކާއިމެދު އިދިކޮޅު ކޯލިޝަންގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ލަފާފުޅުގެ މަތިން އެ ކޯލިޝަނުންވަނީ އޮނަރަބަލް ގާސިމް އިބްރާހިމާއި މަޝްވަރާކުރައްވާފައެވެ.
މި މަޝްވަރާތަކުގައި ގައުމާއި ރައްޔިތުންގެ މަސްލަހަތު ހިމެނޭ ކަންކަމުގެ ތެރެއިން ދެ ފަރާތުންވެސް އެކީގައި މަސައްކަތް ކުރެވިދާނެ ކަންކަމާއި ގުޅޭގޮތުން ވާހަކަ ދައްކާފައިވާކަމަށް މައުލޫމާތު ލިބެއެވެ.
އަންނަ ރިޔާސީ އިންތިހާބުގައި ލީޑަރު ގާސިމް އިބްރާހިމް ވާދަކުރައްވަން ނިންމެވީ ރައްޔިތުންގެ އެންމެ މަތީ މަސްލަހަތު ކަށަވަރުކޮށްދޭނެ ކަމަށް ވައުދުވެ ދެއްވި ޔަގީންކަމުގެ މައްޗަށް ޖުމްހޫރީ ޕާޓީގެ ހިއްސާއާއެކު ގާއިމްވި ސަރުކާރުގެ ސަބަބުން ގައުމަށް މިހާރު ދިމާވެފައިވާ މައްސަލަތަކަށް ހައްލު ހޯއްދަވައިދެއްވައި ރައްޔިތުންގެ އިސްލާހީ މަސައްކަތުގައި އަމަލީގޮތުން ބައިވެރިވެވަޑައިގަތުމުގެ އަޒުމުގައެވެ.
ހާއްސަކޮށް އަދުލު އިންސާފުގެ މައްސަލަތަކާއި ފަނޑިޔާރުގެއަށް އަތް ބޭނުމަކީ ރައްޔިތުންގެ ފަރާތުން ސަރުކާރަށް ފާޑުކިޔުން އަމާޒުވަމުންދާ އެއް ކަންތަކެވެ.
ރައީސް ޔާމީނަށްވެސް އިންސާފުވެރި ޝަރީއަތެއް ލިބެންޖެހޭ: ގާސިމް އިބްރާހިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ