ރިޔާސީ އިންތިހާބު 2023: ގާސިމް ވޯޓު ލައްވައިފި

ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓު ގާސިމް އިބްރާހިމް ރިޔާސީ އިންތިހާބުގައި ވޯޓު ލައްވައިފިއެވެ.
ގާސިމް ވޯޓު ލައްވާފައިވަނީ ސޯޝަލް ސެންޓަރުގައި ބަހައްޓާފައި ހުރި މާފަންނު ހުޅަނގު-1 ފޮއްޓަށެވެ.
މި އިންތިހާބުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވޯޓު ލައްވަން ވަޑައިގަންނަވަނީ މިއަދު 10-10:30 ދޭތެރޭގައެވެ. ޕީއެންސީގެ ކެންޑީޑޭޓު ވޯޓު ލައްވަން 8030ގައި ވަޑައިގަނތުމަށް ހަމަޖެހިފައިވާއިރު ޑިމޮކްރެޓްގެ ކެންޑިޑޭޓު އިލްޔާސް ލަބީބް ވޯޓު ލައްވަން ވަޑައިގަތުމަށް ހަމަޖެހިފައިވަނީ 10 ޖަހާއިރުއެވެ. އަދި އެމްއެޕީގެ ކެންޑިޑޭޓު މުހައްމަދު ނާޒިމް ވޯޓު ލެއްވުމަށް ހަމަޖެހިފައިވަނީ 10 ޖަހާއިރުއެވެ.
ރިޔާސީ އިންތިހާބުގެ ވޯޓުލުން މިއަދު 8 ޖަހާއިރު ފަށާފައިވާއިރު މި އިންތިހާބުގައި ވޯޓުލުމުގެ ހައްގު 282،395 މީހަކަށް ލިބިފައިވާއިރު އޭގެ ތެރޭގައި 138،196 އަންހެނުންނާ 144،199 ފިރިހެނަކު ހިމެނެއެވެ. އަދި މި އިންތިހާބުގައި ވޯޓުލުމަށް އަލަށް ޝަރުތު ހަމަވި 21،000 ޒުވާނުން ހިމެނެއެވެ.
މި އިންތިހާބުގައި ޖުމްލަ 574 ވޯޓު ފޮއްޓެއް ބަހައްޓާފައިވާއިރު އޭގެ ތެރޭގައި 142 ފޮށި ބަހައްޓާފައިވަނީ މާލޭގައެވެ. އެ ފޮށިތަކުގެ ތެރެއިން 61 ފޮއްޓަކީ މާލޭގެ ރައްޔިތުންނަށް ހާއްސަަކުރެވިފައިވާ ފޮށިތަކެވެ. އަދި ބާކީ 81 ފޮއްޓަކީ އަތޮޅު ތެރޭގެ މީހުންގެ ތެރެއިން މާލޭގައި ވޯޓުލުމަށް ރަޖިސްޓްރީކުރި މީހުންނަށް ހާއްސަކުރެވިފައިވާ ފޮށިތަކެވެ.
21 ފޮއްޓެއް ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި ބައްޓާފައިވާއިރު ހުޅުމާލެ ދެވަނަ ފިޔަވަހީގައި ބަހައްޓާފައިވަނީ ހަ ފޮއްޓެވެ. ވިލިމާލޭގައި ހަތް ފޮށި ވަނީ ބަހައްޓާފައެވެ. އަދި ޖަލުތަކުގައި ފަސް ފޮށި ބަހައްޓާފައިވާއިރު ހުޅުލޭގައި ބަހައްޓާފައިވަނީ އެންމެ ފޮއްޓެކެވެ.
މީގެ އިތުރުން ރާއްޖެއިން ބޭރުގައި 8 ފޮއްޓެއް ބަހައްޓާފައިވާއިރު އެ ފޮށިތައް ބެހެއްޓިފައިވަނީ އިންޑިއާގެ ޓްރިވެންޑްރަމާއި ސްރީލަންކާގެ ކޮލަމްބޯއާއި މެލޭޝިއާގެ ކުއަލަމްޕޫރާޢި އިނގިރޭސި ވިލާތުގެ ލަންޑަން އަދި ޔުނައިޓެޑް އެރެބް އެމިރޭޓްސްގެ އަބޫދާބީ ހިމެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ