ކަރަންޓް ސަބްސިޑީއަށް ރަޖިސްޓްރީ ކުރަން އިތުރު އެއް މަސް ދީފި

ކަރަންޓް ސަބްސިޑީއަށް ރަޖިސްޓްރީ ކުރުމަށް ދީފައިވާ މުއްދަތު އެއްމަސްދުވަހަށް އިތުރު ކުރަން ސަރުކާރުން ނިންމައިފި އެވެ.
މާދަމާ އަކީ ކަރަންޓް ސަބްސިޑީއަށް އެދުމުގެ އެންމެ ފަހުގެ މުއްދަތު ކަމުގައި ސަރުކާރުން ވަނީ މީގެ ކުރިން ހަމަޖައްސައިފަ އެވެ. ނަމަވެސް މިއަދު ބޭއްވި އިކޮނޮމިކް ކައުންސިލްގެ ބައްދަލުވުމުން ނިންމާފައި ވަނީ، ކަރަންޓް ސަބްސިޑީއަށް ރަޖިސްޓްރީ ކުރުމުގެ އެންމެ ފަހުގެ މުއްދަތަކީ އަންނަ މަހުގެ ނުވަ ވަނަ ދުވަސް ކަމުގައި ހަމަޖެއްސުމަށެވެ. އަދި އޭގެ ފަހުން ސަބްސިޑީ ދޭނެ ފަރާތްތައް ކަނޑައެޅުމަށް ފަހު، އެ މުއްދަތުގައި އެކަމަށް ނޭދޭ ފަރާތްތަކަށް އާންމުކޮށް ސަބްސިޑީއަށް އެދުމުގެ ފުރުސަތު ހުޅުވާލާފައި ބާއްވަން ވެސް ވަނީ ނިންމައިފަ އެވެ.
އިކޮނޮމިކް ކައުންސިލުން އެގޮތަށް ނިންމީ ސަބްސިޑީއަށް އެދުމަށް އަދިވެސް ގިނަ ބަޔަކު ތިބުމުން އާންމުންނަށް ފުރުސަތު ދިނުމަށެވެ. ސަބްސިޑީއަށް އެދުމުގެ މުއްދަތު މާދަމާއަށް ހަމަވާތީ ގިނަ ބަޔަކު ވަނީ ރަޖިސްޓްރީ ކުރުމަށް ބަހައްޓާފައިވާ މޭޒުތައް ކައިރީ ކިޔު ހަދައިފަ އެވެ.
ކަރަންޓް ސަބްސިޑީއަށް ހުށަހެޅުމަށް ހުޅުވާލާފައި ވަނީ މި އަހަރުގެ ފެބުރުއަރީ މަހުގެ ފުރަތަމަ ހަފްތާގަ އެވެ. އެހެން ނޫން ނަމަ، ސަބްސިޑީ ކަނޑާލެވޭނެ ކަމަށް ވެސް އެންސްޕާއިން ބުނެފައިވެ އެވެ. އެކަމަށް އެދޭ ހުރިހާ ގޭބިސީއަކަށް ވެސް ސަބްސިޑީ ދިނުމަށް ވަނީ ނިންމައިފަ އެވެ.
މާލޭ ސަރަހައްދުގެ 84 ޕަސެންޓް ގޭބިސީ އަށް ކަރަންޓް ސަބްސިޑީ ލިބޭއިރު އޭގެ ތެރޭގައި މުއްސަނދިން ވެސް ވަރަށް ގިނަ އެވެ. އަދި ރަށްރަށުގައި ވެސް ލިބެން ނުޖެހޭ ފަރާތްތަކަށް ސަބްސިޑީ ލިބޭ ކަމަށް އެންސްޕާ އިން ބުންޏެވެ.
ފެނަކަ ކޯޕަރޭޝަނުން ކަރަންޓްގެ ހިދުމަތް ދޭ ރަށްރަށުގެ ތެރެއިން ސަބްސިޑީ ލިބޭ 11 ޕަސެންޓް މީޓަރަކީ ވިޔަފާރި އަށް ރަޖިސްޓްރީ ކޮށްފައިވާ މީޓަރު ކަމަށާއި އެއީ ސަބްސިޑީ ހައްގުވާ ފަރާތްތަކެއް ނޫން ކަމަށް ވެސް އެންސްޕާ އިން ބުނެފައި ވެ އެވެ. ކަރަންޓް ސަބްސިޑީ ކަނޑާލުމުން ވިޔަފާރިތަކުގެ ކަރަންޓް ބިލް އަގު ބޮޑުވާތީ އަތޮޅުތަކުގެ ވިޔަފާރިވެރިން އަންނަނީ އެކަމާ އިހުތިޖާޖުކޮށް، ދެކޮޅު ހަދަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ