މަޖިލިހުގެ ވައިކަރަދޫ ދާއިރާގެ އަދާލަތު ޕާޓީގެ ޓިކެޓު ޘަޤީފަށް ލިބިއްޖެ

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި އަދާލަތު ޕާޓީގެ ޓިކެޓުގައި ވައިކަރަދޫ ދާއިރާގެ ގޮނޑިއަށް ވާދަކުރުމަށް މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) ގެ ކުރީގެ ނައިބު ރައީސް ޙުސައިން ޘަޤީފަށް ދިނުމަށް އަދާލަތު ޕާޓީން ނިންމައިފިއެވެ.
ރައްޔިތުންގެ މަޖިލިހުގެ އިންތިހާބު، އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބޭއްވުމަށް ހަމަޖެހިފައި ވަނީ އަންނަ މާޗް މަހުގެ 17 ގައެވެ.
އަދާލަތު ޕާޓީން ނެރުނު ބަޔާނެއްގައި ބުނީ މަޖިލިހުގެ އިންތިހާބުގައި އަދާލަތު ޕާޓީގެ ޓިކެޓުގައި ވާދަކުރުމަށް ހުޅުވާލި ފުރުސަތުގައި ކުރިމަތިލި ބޭފުޅުންގެ ތެރެއިން ހަތަރު ބޭފުޅަކަށް ޓިކެޓު ދިނުމަށް ޕާޓީގެ ތިން ވަނަ ދައުރުގެ މަޝްވަރާ މަޖިލިހުގެ 33 ވަނަ ބައްދަލުވުމުގައި ފާސްކޮށްފައިވާ ކަމަށެވެ.
އެހެންވެ، އެ ބޭފުޅުންނަށް ޓިކެޓު ދިނުމަށް ނިންމާފައިވާ ކަމަށް ވެސް އަދާލަތު ޕާޓީގެ ބަޔާނުގައިވެއެވެ. އޭގެ ތެރެއިން އެއް ބޭފުޅަކީ ޘަޤީފެވެ.
މީގެ ކުރިން ހދ. އަތޮޅު ކައުންސިލްގެ ރައީސްކަން ކުރައްވާފައިވާ ޘަޤީފް މީގެކުރިން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، މާތް ﷲ ގެ ވާގިފުޅާއި އެކު، ރައްޔިތުން މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެންބަރުކަމަށް ކުރިމަތިލާން ނިންމާފައިވާކަމަށެވެ.
"ތިލަދުންމަތީ ނެއްލައިދޫ، ކުރިނބީ އަދި ވައިކަރަދޫ ރައްޔިތުންގެ ފުރިހަމަ ތާޢީދާއި އެއްބާރުލުމާއި، ހެޔޮ ނަސޭހަތާއި މަޝްވަރާ ލިބޭނެކަމަށް އުންމީދުކުރަމެވެ. ވަރަށް ބޮޑަށް ޝުކުރިއްޔާ"
ހދ. ވައިކަރަދޫއަށް އުފަން، ޘަޤީފް ވަނީ 2019 ވަނަ އަހަރު އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވެސް ވާދަކުރައްވާފަ އެވެ. 995 ވޯޓާއެކު ދެވަނަ އަށް ދިޔައީ އޭނާއެވެ.
ޘަޤީފްގެ އިތުރުން އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ މަކުނުދޫ ދާއިރާ އަށް ވާދަކުރައްވަން ނިންމެވި އިރު، އެ ޕާޓީން ވަނީ އޭނާ އަށް ވެސް ޓިކެޓު ދީފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ