30 އަހަރަށްފަހު ފެލިދޫއިން އިންޖީނުގެ ގަދަ އަޑު ކެނޑިއްޖެ!

30 އަހަރަށްފަހު ވ. ފެލިދޫގެ ބައު އިންޖީނުގޭގައި ހުރި އިންޖީނުތައް ނިއްވާލައި، އެ ރަށުގައި ސްޓެލްކޯއިން ޤާއިމްކުރި އައު ޒަމާނީ އިންޖީނުގެއިން ރަށަށް ކަރަންޓު ދޭން ފަށައިފިއެވެ.
ބުރާސްފަތި ދުވަހު ފެލިދޫއަށް ވަޑައިގެން އެރަށު ބައު އިންޖީނުގެ ނިއްވާލަދެއްވީ، ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޙުސައިން ފަހުމީއެވެ.
ފެލިދޫ ބައު އިންޖީނުގޭގެ ޖަނަރޭޓަރުތައް ބޭނުންކުރުން ހުއްޓާލިއިރު، އެ ޖަނަރޭޓަރުތަކުގެ ގަދަ އަޑާއި ދުން ވަނީ ރަށުގެ ރައްޔިތުންނަށް ނުހަނު ބޮޑު ތަކުލީފަކަށް ވެފައެވެ.
Advertisement
ފެލިދޫ އައު އިންޖީނުގޭގެ ޚިދުމަތް ފައްޓަވައިދެއްވުމަށްފަހު މެނޭޖިންގ ޑިރެކްޓަރ ހުސައިން ފަހުމީ ވިދާޅުވީ، އެ އިންޖީނުގެއަކީ، ފަޔަރ ފައިޓިންއާއި، ސައުންޑް ޕްރޫފިންގ އަދި ސްޓާފް އެކޮމޮޑޭޝަންއަކާއި، ޓްރެއިނިންގ ހޯލެއް ހިމެނޭގޮތަށް ތައްޔާރުކޮށްފައިވާ އަދި ރައްޔިތުންނަށް ފަސޭހައިން ޚިދުމަތްތައް ލިއްބައިދެވޭނެ ކަސްޓަމަރސާވިސް ބިލްޑިންގއަކާއި އެކު، އަޅާފައިވާ އެންމެ ޒަމާނީ އިންޖީނުގެއެއް ކަމަށެވެ.
ބައު އިންޖީނުގެ ޖަނަރޭޓަރުތައް ބޭނުންކުރުން ހުއްޓާލުމާއި ގުޅިގެން ރަށުގެ ކައުންސިލުންވެސް ވަނީ އެކަން ފާހަގަކޮށް، މިއީ ޒަމާންތަކަކަށްފަހު ރައްޔިތުންނަށް ލިބިގެންދިޔަ ބޮޑު ލުޔެއްކަން ފާހަގަކޮށްފައެވެ.
ރައްޔިތުންގެ އިންޖީނުގޭގެ ގޮތުގައި ފެލިދޫ ބައު އިންޖީނުގޭގެ ޚިދުމަތް ދޭން ފަށާފައިވަނީ 31 ޖަނަވަރީ 1994 ގައެވެ. 25 ކިލޯވޮޓްގެ ޖަނަރޭޓަރަކާއިއެކު ފެލިދޫގައި ކަރަންޓު ދޭން ފެށިއިރު އޭރު ރަށުގެ ޕީކް ލޯޑަކީ ގާތްގަނޑަކަށް 10 - 12 ކިލޯވޮޓެވެ.
2014 ވަނަ އަހަރު ފެލިދޫ އިންޖީނުގެ ސްޓެލްކޯއާއި ހަވާލުކުރުމާއި ގުޅިގެން ރަށުގެ ކަރަންޓު ޑިމާންޑަށް ބަލައި، ސްޓެލްކޯއިން ޚިދުމަތް ފުޅާކުރުމުގެ މަސައްކަތް ކުރަމުންދިޔަ ކަމަށް އެ ކުންފުނިން ބުނެއެވެ.
އެގޮތުން އަލަށް އިތުރު ކުރެވުނު 304، 250 އަދި 500 ކިލޯވޮޓުގެ ޖަނަރޭޓަރުތަކާއިއެކު ރަށުގައި ކަރަންޓު އުފެއްދޭ ކެޕޭސިޓީ ވަނީ 1054 ކިލޯވޮޓަށް އިތުރު ކުރެވިފައިވާ ކަމަށާ މިވަގުތު ފެލިދޫގެ އެވަރެޖް ޕީކް ލޯޑަކީ 355 ކިލޯވޮޓު ކަމަށް ބުނެފައިވެއެވެ.
ފެލިދޫގައި ސްޓެލްކޯއިން ޤާއިމްކޮށްފައިވާ އިންޖީނުގެއަކީ ޒަމާނީ އަޑުމަޑު، ކަސްޓަމަރ ސާވިސް އިމާރާތަކާއެކު ރައްޔިތުންނަށް ފަސޭހައިން ޚިދުމަތްތައް ދެވޭނެ ފަދަ އިންތިޒާމްތަކާއި އެކު އަޅާފައިވާ އިންޖީނުގެއެއް ކަމަށްވެސް ސްޓެލްކޯ އިން ބުނެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ