ރާއްޖެ އިންޑިއާއަށް ދަރުވާލީ ރައީސް ސޯލިހުގެ ސަރުކާރުން: އުމަރު

އިންޑިއާއަށް ރާއްޖެ ދަރުވާލި މައްސަލައިގައި، ގޯސް ކުރެވެން އޮތީ، ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރު ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
ޗެނަލް13ގެ ”ނިއުސްޓޯކް“ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން، ރާއްޖެއިން އިންޑިއާ އަށް ދައްކަން ޖެހޭ ބޮޑު ދަރަންޏެއް އޮތްކަން ފާހަގަކުރައްވައި، އުމަރު ވިދާޅުވީ އެއް ގައުމެއްގެ ދަށުވާ ގޮތަށް އެފަދަ ކަމެއް ކޮށްގެން ނުވާނެ ކަމަށެވެ. އިންޑިއާ އިން ނުވަތަ ޗައިނާ އިން އެކަނި، ދަރަނި ނެގުމަކީ އެ ގައުމުތަކުގެ ދަށު ވާނެ ކަމެއްގެ ގޮތުގައި އޭނާ ސިފަ ކުރެއްވިއެވެ.
”އެހެންވީމަ، އެއް ގައުމަކުން މާ ބޮޑަށް ދަރަނި ނަގައިފިއްޔާ، ކޮންމެ ގައުމަކުން ނެގިޔަސް، އިންޑިއާ އެކަންޏެއް ނޫން އިނގޭތޯ! ޗައިނާ އިން ވިޔަސް، ކޮންމެ ގައުމަކުން ވިޔަސް، އެއް ގައުމަކުން ދަރަނި ނަގައިފިއްޔާ، އެ ގައުމެއްގެ ފައިބުޑަށް، ކަކޫ ޖައްސާފައި ތިރިކޮށްފާނެ ހަމަ ކޮންމެފަދަ ވަގުތެއްގައި ވެސް.“ އުމަރު ވިދާޅުވިއެވެ.
ރައީސް ސޯލިހުގެ ސަރުކާރުން 200 މިލިއަން ޑޮލަރުން، ރާއްޖެ އިންޑިއާއަށް ދަރުވާލިއިރު، މި ސަރުކާރުން އެ ފައިސާގެ ތެރެއިން، 50 މިލިއަން ޑޮލަރު ދައްކާފައިވާކަން ފާހަގަކުރައްވައި، އަދިވެސް ދައްކަން ހުރި 150 މިލިއަން ޑޮލަރަކީ ބޮޑު އަދަދެއް ކަމަށް އުމަރު ވިދާޅުވިއެވެ.
ރާއްޖެއިން ސްޓޭޓް ބޭންކް އޮފް އިންޑިއާއިން ނަގާފައިވާ ލޯނަށް މިމަހު ދައްކަން ޖެހޭ 50 މިލިޔަން ޑޮލަރު, އެ ގައުމުން ވަނީ އެއް އަހަރަށް ރޯލްއޯވާކޮށްދީފައެވެ.
ުރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނުން ބުނީ މިއީ ބަޖެޓް ސަޕޯޓްގެ ގޮތުގައި އިންޑިއާ ސަރުކާރުން ދިން ލުއެއް ކަމަށެވެ.
އަދި ރޯލްއޯވާކޮށްފައިވަނީ އިތުރު އިންޓްރެސްޓެއް ނާރާގޮތަށް ކަމަށާއި, އެސްބީއަށް މިކަމުން ލިބޭ ގެއްލުމުގެ ބަދަލު ދޭނީ އިންޑިއާގެ ސަރުކާރުން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ