މިސްކިތްތަކުގެ ކަރަންޓު ބިލަށް ބޮޑު ލުޔެއް ދެއްވުމަށް ނިންމަވާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްްޒު އިއުލާންކުރައްވައިފިއެވެ.
މިސްކިތްތަކުގެ ކަރަންޓު ބިލަށް ބޮޑު ލުޔެއް ދެއްވުމަށް ނިންމެވިކަން ރައީސުލްޖުމްހުރިއްޔާ އިއުލާން ކުރެއްވީ ކުޅުދުއްފުށި ސިޓީގެ ރައްޔިތުންނާއި ބައްދަލުކުރައްވަން އެ ސިޓީގައި ބޭއްވެވި ޖަލްސާގައެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އަންނަ މަހުން ފެށިގެން މިސްކިތްތަކުގެ ކަރަންޓް ބިލު ޑޮމެސްޓިކް ރޭޓުގައި ދައްކާގޮތަށް ލުއިދެއްވާފައިވާކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މާލެސިޓީއާއި އެހެން ހުރިހާ ސިޓީތަކާއި ރަށްތައް ހިމެނޭހެން މި ބަދަލުގެންނެވީ ކައުންސިލުތަކަށް މިހާރު ބްލޮކް ގްރާންޓުގެ ގޮތުގައި ލިބޭ މަދު ފައިސާކޮޅުން ކަރަންޓު ބިލަށް ކުރަންޖެހޭ ބޮޑު ޚަރަދަށް ލުޔެއް ހޯދައިދެއްވުމުގެ ގޮތުންނާއި އަދި ކައުންސިލުތަކަށް ކަންކަން ފަހިކޮށްދީގެން ރައްޔިތުންނަށް ހިތްހަމަޖެހުން ގެނެސްދިނުމަށް ކަމަށެވެ. އަދި ބަދަލާއެކު ފެނަކަ އާއި ސްޓެލްކޯއަށް މަދުވާ އާމްދަނީ އެހެން އުސޫލަކުން ހޯދޭނެ ގޮތެއް ފަހި ކޮށްދެއްވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
"ކައުންސިލްތަކުން ވަރަށް ބޮޑަށް އެދޭ ކަމެއް އެއީ ޔުޓިލިޓީ ބިލްތަކުގެ ރޭޓް ކުޑަކުރުމަށް. އަންނަ މަހުން ފެށިގެން މިސްކިތްތަކުން ދައްކާ ކަރަންޓު ފީ ޑޮމެސްޓިކް ރޭޓަރަށް ކުޑަކުރުމަށް މިހާރު ވަނީ ނިންމާފައި. މާލޭގައިވެސް އަދި ރަށްރަށުގައިވެސް މި ފީ ކުޑަވާނެ." ރައީސް ވިދާޅުވިއެވެ.
ކުރިއަށްއޮތް އަހަރުތަކުގައި އިޤުތިޞާދު ވަރުދަގަވަމުންދާ ވަރަކުން މަގުބައްތިތައް ދިއްލުން، ޕާކްތައް އަދި އާންމު މައިދާންތަކުގެ ކަރަންޓަށް ނަގާ ރޭޓުވެސް "ގަވަރމަންޓު ރޭޓް"ގެ ބަދަލުގައި ޑޮމެސްޓިކް ރޭޓަށް ބަދަލުކޮށްދެއްވާނެކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ސަރުކާރުން ގެންގުޅޭ ސަރަހައްދީ ސިޔާސަތުގެ މައްޗަށް އަލިއަޅުވާލެއްވިއެވެ. އެގޮތުން އުތުރުގެ ހަތަރު އަތޮޅު ތަރައްޤީގެ ޒޯނެއްގެ ގޮތުގައި ކުރިއަށް ގެންދާއިރު ކުޅުދުއްފުށި ސިޓީވާނީ އުތުރު ތަރައްޤީގެ މައި ހަބުގެ ގޮތުގައިކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާވަނީ ކުޅުދުއްފުށި ސިޓީގެ ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކާއި އެއާޕޯޓް ފެންވަރު މަތިކުރުމާއި، އެސިޓީގެ ޕޯޓް ފުޅާކޮށް ކެޕޭސިޓީ އިތުރުކުރުމާއި، ޞިއްޙީ ޚިދުމަތް ތަރައްޤީކުރުންފަދަ، އެ ސިޓީގެ ތަރައްޤީއަށް ރޭވިފައިވާ އެކިއެކި މަޝްރޫޢުތަކަށް އަލިއަޅުވާލައްވައި ވާހަކަފުޅު ދައްކަވާފައެވެ.
މިސްކިތްތަކުގެ ކަރަންޓު ބިލަށް ބޮޑު ލުޔެއް ދެއްވުމަށް ނިންމަވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ