ރައީސުލްޖުމްހޫރިއްޔާ، ލ. އިސްދޫ ކައުންސިލާއި އ.ތ.މ ކޮމިޓީއާ ބައްދަލުކުރައްވައި އެ ރަށުގެ ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކާއި، ރައްޔިތުން އެންމެ ބޭނުންވާ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ލ. އިސްދޫ ރަށު ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ (އ.ތ.މ) އާ ބައްދަލުކުރައްވައި އެ ރަށުގެ ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކާއި، ރައްޔިތުން އެންމެ ބޭނުންވާ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުން އޮތީ މިއަދު މެންދުރު އިސްދޫ ކައުންސިލް އިދާރާގައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ދައުރުގެ ފުރަތަމަ ފަސް މަސްދުވަސް ތެރޭގައި އިސްދުއަށް ވަޑައިގެން އިސްދޫ ކައުންސިލާ ބައްދަލުކުރެއްވިކަން، ކައުންސިލް މެންބަރުން އުފަލާއެކު ފާހަގަކުރައްވާފައިވެއެވެ. އަދި އިސްދޫ އިޙްތިސާސްގެ މައްސަލައިގެ ސަބަބުން އުފެދޭ ނުތަނަވަސްކަން ހައްލުކޮށްދެއްވައި، އިސްދޫ ކަލައިދޫ ރައްޔިތުންނަށް ގުޅިގެން ހަމަޖެހުމާއެކު އުޅެވޭނެ ފަދަ އެދެވޭ ޙައްލެއް ހޯއްދަވައިދެއްވުމަށް ކައުންސިލްގެ ފަރާތުން އެދިވަޑައިގެންނެވިއެވެ.
މި ބައްދަލުކުރެއްވުމުގައި ކައުންސިލްގެ ފަރާތުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި އިސްދޫ، ކަލައިދޫ އަދި ދަނބިދޫ ރައްޔިތުންނަށްވެސް ފަސޭހަވާނެ ފަދައިން އެއަރޕޯޓެއް ތަރައްޤީކޮށްދެއްވުމުގެ މުހިންމުކަމާއި، ޞިއްޙީ ފަރުވާ ތަރައްޤީކޮށްދެއްވައި އިސްދޫ ޞިއްޙީ މަރުކަޒު ހޮސްޕިޓަލަކަށް ބަދަލުކޮށްދެއްވުމާއި، ބޭންކިންގ ޚިދުމަތްތައް އިތުރަށް ތަރައްޤީ ކުރުމުގެ މުހިންމުކަންވެސް ހިމެނެއެވެ.
މީގެ އިތުރުންވެސް ކައުންސިލްގެ ފަރާތުން ވަނީ ރަށުގެ ތައުލީމީ ފެންވަރު މަތިކުރުމާއި، ރަށު ބަނދަރުގެ މަސައްކަތުގެ އިތުރުން ނެރު ބަދަލުކުރުމުގެ މަސައްކަތްތާއި، ކަރަންޓާއި ފެނުގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލައްވާފައެވެ.
މިބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުން މެދުވެރިކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކައުންސިލުން ފާހަގަކުރެއްވި މުހިންމު ކަންތައްތަކުގެ އެންމެ ފަހުގެ މަޢުލޫމާތު ހިއްސާކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ