ކުރަންވާކަމެއް ޝަހީދު ފަސްނުޖެހި ކުރާނެ: އަލިކަތީބު

ކެނދިކުޅުދޫ ދާއިރާގެ ހެވާ ލާބަ ގުޅިފައިވަނީ އެމްޑީޕީއާއެވެ. ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވާ އެމްޑީޕީ މެންބަރާއެވެ. ކެނދިކުޅުދޫ ދާއިރާގެ ތަރައްގީއާއި ފުދުންތެރިކަމާއި ރައްޔިތުންގެ ބާރުވެރިކަން ގުޅިލާމެހިފައިވަނީ އެމްޑީޕީއާއެވެ. ދާއިރާގެ އެއްވެސް ރައްޔިތެއް ބާކީ ނުކޮށް މިސްރާބު ހަމަމަގުގައި ހިފެހެއްޓުމަށް ރައްޔިތުންގެ މަޖިލީސް އެމްޑީޕީއަށް ހޯދާދިނުމަށްވުރެ ވަކީން މުހިންމު ކަމެއް ރައްޔިތުންނަކަށް ނެތެވެ. ގޮށްމުށުގެބާރާއި އިސްރާފްގެ މަގަށް ސަރުކާރު ވެއްޓިގެން ދިޔަ ނުދިނުމަށްޓަކާ ފާރަވެރިވާ މަޖިލީހެއް އޮތުމުގެ ބޭނުން ބޮޑެވެ. 
މިސްރާބު ހަމަ މަގަށް ސީދަކުރުމުގައި ކެނދިކުޅުދޫ ދާއިރާގެ ރައްޔިތުންގެ މަންދޫބަކީ ހީވާގި ކަމަށް ކަމޭހިތާ އިހުލާސްތެރިއަކަށް ވުމުގެ މުހިންމުކަން ވަކީން ބޮޑެވެ. ކެނދިކުޅުދޫ ދާއިރާގެ މަންދޫބުގެ ގޮތުގައި މަޖިލީހަށް ފޮނުވުމަށް އެންމެ އެކަށީގެންވަނީ ހުރިހާ ފިކުރެއްގެ މީހުން އިތުބާރުކުރާ ބަލައިގަންނަ މީހަކަށް ވާންޖެހެއެވެ. ކަމަށްކަމޭހިތާ އިހުލާސްތެރި ތެދުވެރިއަކަށް ވާންޖެހެއެވެ. ގުޅިގެން މަސައްކަތް ކުރެވޭނެ ތަޖުރިބާ ކާރު މީހަކަށް ވާން ޖެހެއެވެ. 
20ވަނަ ރައްޔިތުންގެ މަޖިލީހުގައި ކެނދިކުޅުދޫ ދާއިރާ ތަމްސީލުކުރަން އެމްޑީޕީގެ ކެންޑިޑޭޓް އަބްދުއްލާ ޝަހީދަށް ވުރެ ވަކީން ރަނގަޅު މީހަކު ރޭހުގައި ވާދައެއް ނުކުރެއެވެ. އެކަން ސާބިތުވަނީ ދާއިރާގެ ތަޖުރިބާކާރު ހިދުމަތްތެރި ބޭބޭފުޅުންގެ ބަހުންނެވެ. 
ނ. އަތޮޅު ކައުންސިލްގެ ރައީސް ކަންކުރައްވާފައިވާ ކެނދިކުޅުދޫ އަލި ކަތީބު ވިދާޅުވަނީ " ޝަހީދަކީ އަޅުގަނޑު ތާއީދު ކުރާ ފަޅީގެ ކެންޑިޑޭޓެއް ނޫން. އެހެންނަމަވެސް އޭނަގެ ކެޕޭސިޓީގައި އޭނައަކީ ހަމަ ރަނގަޅު ކުއްޖެއް" ކަމަށް ވިދާޅުވެ ނިންމަވާ ލެއްވީއެއް ނޫނެވެ. "ހިދުމަތެއް ސިފާގަ ކުރެވެން އޮތް ކަމެއްގައި އެކަމެއް ފޯރުކޮށްދިނުމަށް އޭނާ މަސައްކަތް ކޮށްދޭނެ" ކަމުގެ ޔަގީކަން އަލިކަތީބަށް އޮވެއެވެ. އަލި ކަތީބު ވިދާޅުވާގޮތުން ޝަހީދަކީ މީހުނާ ޖޭވުމެއް ހަސަދަވެރި ކަމެއް ލައިގެން އުޅޭ ޒާތުގެ ކުއްޖެއްނޫނެވެ. ކަމެއް ކުރުމަށް މާބޮޑު ކްރައުޑެއް ފަހަތުގަ ނެތަސް ކުރަންވާކަމެއް ޝަހީދު ފަސްނުޖެހި ކުރާނެއެވެ.
ސިޔާސީ ގޮތުން ޝަހީދަށް ތާއީދު ނުކުރައްވާ އަލި ކަތީބު ފަދަ ބޭފުޅުންގެ އިތުބާރާއި ޔަގީންކަން ޝަހީދާމެދު އެބަ އޮތެވެ. އެހެންވީއިރު ދާއިރާގެ މެންބަރުކަމަށް ޝަހީދު ހޮވުމަށް ރައްޔިތުން ފަސްނުޖެހޭނެކަން ކަށަވަރުވެއެވެ.
ކެނދިކުޅުދޫ ދައިރާގެ މެންބަރު އަހުމަދު އީސާގެ އިތުބާރާއި ތާއީދު ހިފެހެއްޓުމެއް ނެތި ޝަހީދަށް ލިބެމުން ދިއުމަކީ ޝަހީދަކީ ކުރިއަށް އޮތް ފަސް އަހަރަށް ކެނދިކުޅުދޫ ދާއިރާގެ މެންބަރުކަމަށް ޝަހީދު ވަރެއްނެތް ކަމަށް ގަބޫލު ކުރަންޖެހޭ ސަބަބެކެވެ. 
މެންބަރު އަހުމަދު އީސާ (އީސަ) ވިދާޅުވާ ގޮތުން ޝަހީދަކީ އެންމެ ގާބިލު ކެންޑިޑޭޓްކަން ކަށަވަރުވަނީ ކުޑަ މިންވަރެއްގެވެސް ނުފޫޒެއް ނެތި ބޭއްވުނު މިނިވަން ޕްރައިމަރީއަކުން ތަފާތު ބޮޑު ނަތީޖާއަކުން ޕްރައިމަރީ ޝަހީދު ކާމިޔާބު ކުރެއްވި ކުރެއްވުމެވެ. މިވަގުތު ދާއިރާގައި ހުރި އެންމެ އެކަށީގެންވާ ކެންޑިޑޭޓަކީ ޝަހީދުކަމަށް އެ ނަތީޖާއިން އެމްޑީޕީ މެންބަރުން ގަބޫލު ކޮށްފައި ވާކަމަށް މެންބަރު އަހުމަދު އީސާ ވިދާޅުވިއެވެ. 
" ސިޔާސީގޮތުން ޝަހީދު ދަންނަތާ 15 ވަރަކަށް އަހަރު. ޝަހީދަކީ ރައްޔިތުން އިންތިހާބު ކުރައްވައިގެން އަތޮޅުކައުންސިލްގެ މެންބަރުކަންކުރެއްވުމުގެ އިތުރަށް ސަރުކާރުގެ ސިޔާސީ މަގާމެއްގައި 5 އަހަރު ހޭދަކުރައްވާފައިވާ ތަޖުރިބާކާރު ބޭފުޅެއް" ކަމަށްވެސް އީސަ ވިދާޅުވިއެވެ. "ޝަހީދަކީ ދީނީ ކަންކަމަށް ވަރަށް ލޯބިކުރާ  އަހުލާގުރަނގަޅު މަޑުމައިތިރި އިހުލާސްތެރި ތެދުވެރި ބޭފުޅެއް." ކަމަށް ވިދާޅުވަމުން އީސަ ވިދާޅުވީ " ކެނދިކުޅުދޫ ދާއިރާގައި ވަރަށް ރަނގަޅު ޒުވާން ހަތަރުފަސް ކުއްޖަކު އަޅުގަނޑާއެކު ސިޔާސީ މަސައްކަތްކުރި. އޭގެތެރެއިންވެސް ޝަހީދަކީ ވަރަށް ފާހަގަކޮށްލެވޭ ކުއްޖެއް" ކަމަށެވެ. 
ކެނދިކުޅުދޫ ދާއިރާގެ މަޖިލިސް މެންބަރު ކަމަށް ވާދަކުރައްވާ އެމްޑީޕީ ކެންޑިޑޭޓް އަބްދުއްލާ ޝަހީދަކީ ދެވަނަ މިސާލެއްނެތް ފަދަ ކެންޑިޑޭޓެކެވެ. ޝަހީދާމެދު އިތުބާރާއި ޔަގީންކަން އޮތީ ހަމައެކަނި ދާއިރާގެ މެންބަރާއި ހަރުމީހުންގެ އެކަންޏެއް ނޫނެވެ. ހުރިހާ އުމުރެއްގެ ހުރިހާ ފަންތިއަކާ ގިންތިއެއްގެ ގިނަބައެއްގެ އިތުބާރާއި ލޯބި ޝަހީދަށް އެބައޮތެވެ. 
" ވޭތުވެދިޔަ 5 އަހަރު ޝަހީދާ ހަވާލުކުރެވުނު ދާއިރާގެ އެއްވެސް ކަމެއްގަ ފަރުވާ ކުޑަކުރައްވާފައެއް ނުވޭ" ކެދިކުޅުދޫ ދާއިރާގެ އެމްޑީޕީގެ އިސް ބޭފުޅަކު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ " ޝަހީދާ ހަވާލު ކުރެވުނު ދައިރާއާއި ރަށުގެ ކޮންމެ ކަމެއް ކުރައްވަފައިވަނީ ވަރަށް ރަގަޅަށް 100 ޕަސެންޓް ދީގެން. ޝަހީދަކީ ވަރަށް ޑެޑިކޭޓެޑް ބޭފުޅެއް" ކަމަށެވެ. " ދައިރާގެ ކަމެއްގައި ވިޔަސް ރަށުގެ ކަމެއްގައި ވިޔަސް ވަކިވަކި ފަރުދުންނާ ގުޅުން ހުރި ކަމެއްގައި ވިޔަސް ޝަހީދު ކުރަންޖެހޭ ކަމެއް ނުކުރެވިގެން ކަމެއް ނުވެފައެއް ނެތް" ކަމަށް އެހެން ބޭފުޅަކު ވިދާޅުވިއެވެ.
ކެނދިކުޅުދޫ ދާއިރާގެ އެމްޑީޕީ ކެންޑިޑޭޓް " ޝަހީދުގެ މާޒީއަށް ބަލާއިރު ޝަހީދުގެ ފުށުން ހިޔާނާތާ ފަސާދައާ މަކަރާ ހީލަތުގެ އެއްވެސް ކަމެއް ފެނިފައެއްނުވޭ." އަދި " ކިތަންމެ މަތީ މަގާމެއް ލިބުނަސް ހިޔާނާތާ ފަސާދައިގެ ތެރެއަށް ނުދާނެ ކަމަށް ޔަގީން ކުރެވޭ." ކަމަށް ދާއިރާގެ ވިސްނުންތެރި ރައްޔިތަކު ވިދާޅުވިއެވެ. ޝަހީދަކީ ހަލާލު މަސައްކަތުން ރިޒުގު ހޯދައިގެން ދިރިއުޅެމުންދާ ބޭފުޅެއް ކަމަށާއި އެއްވެސް މީހަކަށް ޝަހީދު މަކަރާ ހީލަތެއް ހަދާފައިވާ ކަމަކަށް ދުވަހަކުވެސް އިވިފައި ނުވާކަމަށް ދާއިރާގެ އެހެން މީހަކު ބުންޏެވެ. އަނެއްކޮޅުން "ދިނާ ގާނޫނާ ހިލާފް ނުވާ ކޮންމެ ކަމެއްގާ ރައްޔިތުންނާ ޕާޓީއަށް ވަފާތެރިވާނެ" ކަމަށް ކެނދިކުޅުދޫ ދާއިރާގެ އެމްޑީޕީ އެކްޓިވިސްޓަކު ބުންޏެވެ. 
ޝަހީދު ރަނގަޅަށް ދަންނަ މީހަކު ބުނިގޮތުގައި ޝަހީދަކީ ފަސްވަގުތު ނަމާދަށް ވަރަށް ބޮޑަށް ރައްކާތެރިވާ ބޭފުޅެއް ކަމަށެވެ. ވޭތުވެދިޔަ ތާނގައި ކެނދިކުޅުދޫ ދާއިރާގެ ކަންކަމުގައި ވަރަށް އިސްކޮށް އުޅުއްވި ދާއިރާގެ އެމްޑީޕީ ބޭފުޅަކު ވިދާޅުވީ " އީސަ ( މެންބަރ އަހުމަދު އީސާ) އަކީ ކެނދިކުޅުދޫ ދާއިރާގެ ތަރައްގީގެ ހީރޯ. އީސަ ނެތުމުގެ އުނިކަން ފޫބެއްދުމަކީ އެމްޑީޕީއާއި ދާއިރާއަށް އުނދަގޫވާނެ ކަމެއް. އެހެންނަމަވެސް ދާއިރާގެ ތަރައްގީއާއި އާއްމު ރައްޔިތުންގެ ކަންކަމުގައި ވޭތުވެދިޔަ ފަސްއަހަރު އީސަ ކުރެއްވި ކޮންމެ ކަމެއްގާ އީސަ އަރިހުގާ ޝަހީދު ހުންނެވި. އެހެން ކަމުން އީސަ ކަންކުރެއްވިގޮތާ ކަންކަން ކުރެއްވުމުގައި އީސަ ވިސްނަވާ ގޮތާއި އަމަލުކުރައްވާ ގޮތް އެންމެ ރަނަޅަށް އެގިގެން ކުރިއަށް ދެވޭނެ މީހަކީ ޝަހީދު" ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ