އައްޑޫ ސިޓީ ކައުންސިލް އޮންނަ ގޮތާ މެދު އައްޑޫގައި ވޯޓެއް ނަގަނީ
ރާއްޖޭގެ ދެވަނައަށް އެންމެ އާބާދީ ބޮޑު އައްޑޫ ސިޓީގެ ކައުންސިލް އޮންނާނެ ގޮތަކާ މެދު އެ ސިޓީގެ ރައްޔިތުންގެ މެދުގައި ވޯޓެއް ނެގުމުގެ ވިސްނުމެއް ގެންގުޅުއްވާ ކަން، ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ހާމަކުރައްވައިފިއެވެ.ރައީސް އޮފީހުން ކުރިއަށްގެންދާ "ރައްޔިތުންނާ އެކު" ޕޮޑްކާސްޓްގައި ވާހަކަ ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ އައްޑޫ ސިޓީ ކައުންސިލް އެކުލެވިގެންވާ ގޮތާ މެދު ބައެއް ރަށްރަށުން ކަންބޮޑުވުންތަކެއް ރިޔާސީ އިންތިހާބުގައި ވެސް އެމަނިކުފާނާ ހިއްސާކުރި ކަމަށެވެ.އައްޑު އަތޮޅުގެ ގުޅިފައިވާ ރަށްތަކާ ވަކިން އޮންނަ ހުޅުދޫ އާއި މީދޫން ވަރަށް ގިނައިން އެ ދެ ރަށުގައި ވަކިން ރަށު ކައުންސިލެއް އޮންނަން ބޭނުންވެގެން އެ ވާހަކަ ދޭތެރެއަކުން ދައްކަ އެވެ.މިހާރު އައްޑޫ އަތޮޅުގެ ލާމަރުކަޒީ ހިންގުން އޮންނަނީ އެ ދެ ރަށާއި ގުޅިފައިވާ ހަތަރު ރަށް ވެސް ހިމެނޭ ގޮތަށް މުޅި އަތޮޅު އެއް ސިޓީ ކައުންސިލަކުން ހިންގާ ގޮތަށެވެ.ރައީސް ވިދާޅުވި ގޮތުގައި، އައްޑޫގެ ރައްޔިތުންގެ މެދުގައި އެ ވޯޓު އަންނަ މަހު ނަގައި، އެ ވޯޓުގެ ނަތީޖާ އެ މަހު ބޭނުންވެ އެވެ.އެ މަނިކުފާނު ވިދާޅުވި ގޮތުގައި ވަކިވަކި ކައުންސިލްތައް އުފެއްދުމުން އައްޑޫ ރައްޔިތުން އެދޭ ގޮތަށް ކަންކަން ކުރަން މަގުފަހިވާނެ އެވެ."މިސާލަކަށް އަޅުގަނޑަށް ލިބޭ ވަރަށް ހަގީގީ ކޮންސާންއަކީ ހުޅުދޫމީދޫގައި ވަކިން ހާއްސަކޮށް މި އޮންނަ އޮތުމުގެ ތެރެއިން ވަރަށް ބޮޑަށް ނިގްލެކްޓް ކުރެވިފައި ނުވަތަ ކަންކަން ނުކުރެވިފައި އޮންނަ ކަން. ހުޅުދޫމީދޫ ވަކިން އޮތުމުގެ ސަބަބުން އެ ލިބެންޖެހޭ ސަމާލުކަން ނުލިބުމާއި މި ކަހަލަ ވަރަށް ގިނަ ވާހަކަތައް އާދޭ. ހަމަ އެ ގޮތަށް ފޭދޫ ރައްޔިތުންގެ ފަރާތުން ވެސް އަޅުގަނޑަށް އައިސްފައި އެބައޮތް،" ރައީސް ވިދާޅުވި އެވެ.ރައީސް ވިދާޅުވި ގޮތުގައި، އެހެންވެ އެ މަނިކުފާނު ނިންމެވީ އައްޑޫގެ ވަކިވަކި ރަށްރަށުގެ މީހުންގެ ހިޔާލު ހޯއްދަވައިގެން، އެ މީހުން ބޭނުންވާ ގޮތަކަށް އެ ކަމުގައި ކުރިއަށް ވަޑައިގަތުމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ