ހަތް އަހަރަށްފަހު އެނބުރި އައި މެޗުން ވެސް ނިއުގެ ވިދުން ވަރުގަދަ
ރާއްޖޭގެ ފުރަތަމަ ޑިވިޝަނުގައި ނުކުޅެ ހަތް އަހަރުގެ މުއްދަތަކަށްފަހު އެނބުރި އައިސް ކުޅުނު ފުރަތަމަ މެޗުގައި 6-0 ގެ ބޮޑު ތަފާތަކުން ޓީސީ ސްޕޯޓްސް ކުލަބު ބަލިކޮށް ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބުން ފެށުން ވަރުގަދަކޮށްފިއެވެ. ގަލޮޅު ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުގައި ނިއު އިން ވަނީ ލަނޑުޖަހާނެ ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ހާއްސަކޮށް ކެޕްޓަން އަލީ ފާސިރު (ސެންޓޭ) އަށް ލިބުނު ފުރުސަތު ފާހަގަކޮށްލެވެއެވެ. ނިއު އިން ލީޑު ނެގީ މެޗުގެ 23 ވަނަ މިނިޓުގައެވެ. މި ލަނޑަކީ އެ ޓީމާ އަލަށް ގުޅުނު މުހައްމަދު އިރުފާން (އިރޭ) ޖެހި ލަނޑެކެވެ. މި ލަނޑު އޭނާ ޖެހީ އޭރިއާބޭރުން މުހައްމަދު ސަހާއު (ބޭލް) ދިން ބޯޅައަކުން ގޯލުގެ ދުރު ކަނަށް ބޯޅަ ފޮނުވާލައިގެންނެވެ. އެ ޓީމުން ލީޑު ފުޅާކުރި ލަނޑު 39 ވަނަ މިނިޓްގައި ޖެހީ ސެންޓޭ އެވެ. މިއީ އޭރިއާބޭރުން ލިބުނު ހިލޭޖެހުމަކުން އޭނާ ޖެހި ލަނޑެކެވެ. މި ލަނޑު ޖެހިތާ ދެ މިނިޓުފަހުން ސެންޓޭއަށް އޭރިއާ ތެރެއިން ކުރި ފައުލަކާ ގުޅިގެން ޕެނަލްޓީއެއް ލިބުނެވެ. މި ޕެނަލްޓީ އެ ޓީމަށް ކާމިޔާބުކޮށްދިނީ ނިއުގެ ބްރެޒިލް މިޑްފީލްޑަރު ގޯމޭސް ޑަ ސިލްވާއެވެ. ފުރަތަމަ ހާފު މި ނަތީޖާގައި އޮވެގެން ނިމުނުއިރު، ދެވަނަ ހާފުގެ ކުރީކޮޅު ނިއުގެ ހަތަރުވަނަ ލަނޑު ޖެހީވެސް ސެންޓޭއެވެ. މިއީ އޭރިއާތެރެއިން ޓީސީގެ ގޯލްކީޕަރު އަބްދުލް ހަމީދު އަތުން ދޫވި ބޯޅައަކުން ޖެހި ލަނޑެކެވ. ނިއުގެ ފަސް ވަަނަ ލަނޑު ޖެހީ މެޗުގެ 74 ވަނަ މިނިޓްގައި ހަސަން އަޒޫމް އަލީ އެވެ. އަދި ހަވަނަ ލަނޑު މެޗުގެ 86 ވަނަ މިނިޓްގައި ޖެހީ ހަސަން ރާއިފް އަޙްމަދު (ހަންނަ) އެވެ. މިއީ އަހުމަދު ވިޖުދާން (ވިޖުއްކޮ) ނަގައިދިން ބޯޅައަކުން ހަންނަ ބޮލުން ޖެހި ލަނޑެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ