"އޮޅިގެން" ސިޔާސީ މަގާމެއް ދިން ޝިފާއު އުމުރު ދުވަހުގެ ޖަލު ހުކުމުން ސަލާމަތް ކޮށްދޭން ދައުލަތުން އުޅެފި "އޮޅިގެން" ސިޔާސީ މަގާމެއް ދިން ޝިފާއު އުމުރު ދުވަހުގެ ޖަލު ހުކުމުން ސަލާމަތް ކޮށްދޭން ދައުލަތުން އުޅެފި

ފޭކު ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ) ސްލިޕެއް ދައްކައިގެން ބޭރު ކުންފުނިތަކުން މުދާ ގަނެ ރާއްޖެ އެތެރެކޮށް ވިޔަފާރިކުރުމުގައި ހަރަކާތްތެރިވަމުން ދިޔަ މައްސަލައެއްގައި ދައުލަތުން ދައުވާ ކޮށްފައިވާ، މއ. ހަނީސަކްލް-1، ހުސައިން ޝިފާއުގެ މައްޗަށް އަތުވެދާނެ އުމުރު ދުވަހުގެ ޖަލު ހުކުމުން އޭނާ ސަލާމަތްކޮށްދޭން ދައުލަތުން މަސައްކަތް ކޮށްފި އެވެ.
މި ސަރުކާރުން މިދިޔަ އަހަރުގެ ކުރީކޮޅު "އޮޅިގެން" މިނިސްޓްރީ އޮފް އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާގެ ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރެއްގެ މަގާމަށް ޝިފާއު އައްޔަންކުރި އެވެ. މީޑިއާތަކުން އެކަން ރިޕޯޓުކުރުމުން، އޭނާ ވަކިކުރީ ޝިފާއު އެ މަގާމަށް އައްޔަންކުރިއިރު އޭނާއަށް ތުހުމަތުކުރާ ކަންކަމުގެ މައުލޫމާތުތައް ނުލިބޭ ކަމަށް ބުނެ އެވެ.
ޝިފާއުގެ މައްޗަށް އުފުލާފައިވާ ދައުވާތައް ސާބިތުވެއްޖެ ނަމަ މަދުވެގެން 38 އަހަރުގެ ޖަލު ހުކުމެއް އަންނާނެ އެވެ. އެ ޖަލު ހުކުމް 88 ދުވަހަށް ބަދަލުކުރަން އޭނާ އާއެކު އިއުތިރާފުގެ އެއްބަސްވުމެއް ހެދިކަން އެނގުނީ އެ މައްސަލައިގައި އިއްޔެ ބޭއްވި އަޑުއެހުމެއްގަ އެވެ.
ދައުލަތުން އޭނާއާއެކު އެއްބަސްވުމެއް ހެދި ނަމަވެސް، މައްސަލަ ބައްލަވާ ގާޒީ ވަނީ އެ އެއްބަސްވުން ބަލައިނުގަންނަން ނިންމައިފަ އެވެ.
ޝިފާއު އާއެކު ހެދި އެއްބަސްވުމުގެ ދަށުން އޭނާގެ މައްޗަށް އުފުލު 23 ދައުވާގެ ތެރެއިން 16 ދައުވާއެއް އަނބުރާ ގެންދަން ދައުލަތުން ވަނީ އެއްބަސްވެފަ އެވެ. އަނބުރާ ގެންދަން ނިންމީ މަނީ ލޯންޑަރިންގެ ދައުވާތަކާއި އެނގިހުރެ ސައްހަ ނޫން ލިޔުމެއް ދިނުމުގެ ދައުވާތަކެވެ.
އެއްބަސްވުމުގެ ދަށުން ސާބިތުކުރަން އެއްބަސްވެފައިވަނީ މަކަރާއި ހީލަތްހެދުމުގެ ހަތް ދައުވާއެކެވެ. މި ދައުވާތައް ސާބިތުވުމުން ޝިފާއުގެ މައްޗަށް އަންނާނެ ކަމަށް އެއްބަސްވެފައިވަނީ 88 ދުވަހުގެ ޖަލު ހުކުމަކާއި 184،600ރ. ގެ ޖޫރިމަނާ އެކެވެ.
ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރި ޝާފިއުގެ މައްޗަށް މި ހުކުމް ކުރި ނަމަވެސް، އޭނާ މިނިވަންވާނެ އެވެ. ސަބަބަކީ 88 ދުވަހަށްވުރެ ގިނަ ދުވަހު އޭނާ ބަންދުގައި ހުރުމުންނެވެ.
މި އެއްބަސްވުމާއި ގުޅިގެން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުގެ ބަހެއް ހޯދުމަށް މި ނޫހުން މަސައްކަތް ކުރި ނަމަވެސް އެ އޮފީހުގެ ބަހެއް މިއަދަކު ނުލިބުނެވެ.
ރައީސް މުހައްމަދު މުއިއްޒު އަށް ގާނޫނުއަސާސީން ލިބިދޭ ބާރުގެ ދަށުން ޝިފާއު އަށް ސިޔާސީ މަގާމެއް ދޭން ނިންމެވީ، ކޯޓަށް ފިލައިގެން ރާއްޖޭން ބޭރުގައި އުޅެނިކޮށް އޭނާ ހޯދަން އިންޓަޕޯލް ނޯޓިސް ނެރެފައިވަނިކޮށެވެ. އިންޓަޕޯލް ރެޑް ނޯޓިސްއަކީ ސަރުކާރުގެ އިދާރާތަކުން އެދިގެން ނެރޭ ނޯޓިހެކެވެ.
އުމުރުން 37 އަހަރުގެ ޝިފާއު، ފޭކް ޓީޓީ ދައްކައިގެން ރާއްޖެ އެތެރެކޮށް ވިޔަފާރިކުރަމުން ދިޔައީ މޭވާ އާއި ތަކުރާރީ އެވެ. އޭނާގެ މައްޗަށް ދައުލަތުން ވަނީ އެނގި ހުރެ ސައްހަ ނޫން ލިޔުމެއް ދިނުމުގެ ކުށުގެ ނުވަ ދައުވާ، އާއި މަކަރާއި ހީލަތް ހެދުމުގެ ކުށުގެ ހަތް ދައުވާ އަދި މަނީ ލޯންޑްރިންގެ ކުށުގެ ހަތް ދައުވާ އުފުލައިފަ އެވެ.
އެ މައްސަލާގައި ހިމެނޭ ފައިސާގެ ޖުމުލަ އަދަދު 123،844.54 އެމެރިކާ ޑޮލަރަކަށް އަރަ އެވެ. އެއީ 1،909،682ރ. އެވެ. އެ ފައިސާ ދައުލަތަށް ނެގުމަށް ޕީޖީ އޮފީހުން ކޯޓަށް ހުށަހެޅި މައްސަލާގައި އެދިފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ