'ބާހޫބަލީ'ގެ ދެ ބައި އެއްކޮށް އެއް ފިލްމެއްގެ ގޮތުގައި

އިންޑިއާގެ ބޮކްސް އޮފީހުގެ ރެކޯޑުތަކެއް މުގުރާލި ފިލްމު "ބާހޫ ބަލީ"ގެ ދެ ފިލްމު އެއް ފިލްމެއްގެ ގޮތުގައި ގެނެސްދޭން ނިންމައި, ފިލްމު ރިލީޒްކުރާ ތާރީޚު ވެސް އިއުލާނުކޮށްފިއެވެ. ދޭހާސް ފަނަރައިގައި ގެނެސްދިން "ބާހޫބަލީ: ދަ ބިގިނިންގް" އަދި އޭގެ ދެ އަހަރު ފަހުން ރިލީޒްކުރި "ބާހޫބަލީ 2: ދަ ކޮންކްލޫޝަން" އެއް ފިލްމެއްގެ ގޮތުގައި ސިނަމާތަކަށް ގެންނަން ނިންމާފައިވަނީ މާދަމާއެވެ. މިއީ ދެ ބަޔަކަށް ބަހާލެވިގެން ގެނެސްދެވުނު ފިލްމެއްގެ ވާހަކަ އެއް ބައެއްގެ ގޮތުގައި ސިނަމާއަށް ގެނެސްދިނުމަށް ކުރެވޭ ފުރަތަމަ ތަޖުރިބާއެވެ. ހަމައެއާއެކު މިއީ މީގެ ކުރިން ދުނިޔޭގެ ފިލްމު އުފައްދާ އެއްވެސް ޤައުމެއްގައި ކުރި ތަޖުރިބާއެއް ނޫން ކަމަށް ބޮލީވުޑްހަންގާމާގައިވާ ރިޕޯޓެއްގައި ވަނީ ބުނެފައެވެ. މި ފިލްމުގެ ދެ ބައި ބަލާފައިވާ އޯޑިއަންސްގެ ތެރެއިން ތަކުރާރުކޮށް ފިލްމު ބަލާފައިވާ މީހުންނަށް ވެސް މިއީ މުޅިން އާ ތަޖުރިބާއެއް ގެނެސްދޭނެ ފިލްމަކަށް ވާނެކަމަށް ރިޕޯޓުތައް ބުނެއެވެ. ކުޅަދާނަ ޑައިރެކްޓަރު އެސްއެސް ރާޖާމޮލީގެ އަމިއްލަ ސްކްރީންޕްލޭއަކަށް ތައްޔާރުކޮށް ގެނެސްދިން މި ދެ ފިލްމު އެއްކޮށްގެން ގެނެސްދޭ ފިލްމަށް ދީފައިވާ ނަމަކީ "ބާހޫބަލީ: ދަ އެޕިކް"އެވެ. ފިލްމު "ބަހޫބަލީ"ގެ ސެޓުގައި ފިލްމުގެ ޑައިރެކްޓަރު އެސްއެސް ރާޖާމޮލީ--ފޮޓޯ/މިޑްޑޭ ފިލްމު "ބާހޫބަލީ"ގެ ފުރަތަމަ ބައި އުފެއްދިތާ 10 އަހަރު ފުރުން ފާހަގަކޮށް ރިލީޒްކުރާ "ބާހޫބަލީ: ދަ އެޕިކް"ގެ ދިގު މިނަކީ ތިން ގަޑިއިރާ 45 މިނެޓް ކަމަށް ރިޕޯޓުތަކުން ވަނީ ބުނެފައެވެ. މި ފިލްމުގެ އިއުލާނުކުރުމާ އެކު ތެލުގޫ ފިލްމުތަކަށް ލޯބިކުރާ އޯޑިއަންސްތަކުން އެކަމާ އުފާފާޅުކޮށް ފިލްމުގެ އެޑްވާންސް ބުކިން ވެސް ކުރަން ފަށާފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. މިހާތަނަށް އިންޑިއާގައި ރިލީޒްކުރި ފިލްމުތަކުގެ ތެރެއިން އެންމެ ބޮޑު އާމްދަނީއެއް ހޯދި ރެކޯޑު އޮތް ފިލްމު "ބާހޫބަލީ"ގެ ދެވަނަ ފިލްމަށް ލިބުނު އާމްދަނީގެ އަދަދު 1،810.60 ކްރޯޑު ރުޕީސް (215.55 މިލިއަން އެމެރިކާ ޑޮލަރަ)ށް އަރައެވެ. މި ފިލްމުގެ ލީޑް ތަރި ޕްރަބާސްއަށް "ބާހޫބަލީ"އިން ލިބުނު މަގުބޫލުކަމާ އެކު ދެކުނު އިންޑިއާގެ އެންމެ ބޮޑު ޑިމާންޑެއް އޮންނަ އެކްޓަރުންގެ ލިސްޓުން ޕްރަބާސް ވަނީ ޖާގަ ހޯދާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ