ނ.އަތޮޅުގައި ތަރައްޤީކުރާ ޓައުންޝިޕް ވާނީ ދުނިޔޭގެ ފެންވަރުގައި ފާހަގަކުރެވޭނެ މަޝްރޫޢަކަށް: ސަޢީދު

ނ.އަތޮޅުގައި ތަރައްޤީކުރާ ޓައުންޝިޕް ވެގެންދާނީ މިޒަމާނުގެ ވަސީލަތްތަކާއި ސިފަތަކާއެކު އިންޑިއަން އޯޝަންގެ އިތުރަށް ދުނިޔޭގެ ފެންވަރުގައިވެސް ފާހަގަ ކުރެވޭނެ ތަފާތު މަޝްރޫޢަކަށް ކަމަށް އިޤްތިޞާދީ ތަރައްޤީއާ ބެހޭ ވަޒީރު މުހައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ. 
ރާއްޖޭގައި ފުރަތަމަފަހަރަށް، ޚާއްސަ އިޤްތިޞާދީ ސަރަޙައްދު ކަނޑައެޅުމުގެ ޤާނޫނުގެދަށުން، ސަސްޓެއިނަބަލް ޓައުންޝިޕެއް ޤާއިމް ކުރުމުގެ ހުއްދަ އިއްޔެވަނީ ދީފައެވެ. "ޕްރޮޖެކްޓް އޭލާ" ގެ ނަމުގައި ހިންގާ މި މަޝްރޫއުއަކީ ކްރިސްޓަލް ހޯލްޑިންގް ޕްރައިވެޓް ލިމިޓެޑުން ކުރިއަށް ގެންދާ މަޝްރޫއު އެކެވެ.
މިއީ 790 މިލިއަން އެމެރިކާ ޑޮލަރު ނުވަތަ ރުފިޔާގެ އަގުން ނަމަ 12.2ބިލިއަން ރުފިޔާގެ އަގުގައި، ނ.އަތޮޅުގައި ތަރައްޤީކުރާ ޓައުންޝިޕެވެ.
އެކަމާގުޅިގެން ވަޒީރު ސަޢީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެ ޓައުންޝިޕްގައި ދުނިޔޭގެ ފެންވަރުގައި ޚިދުމަތްދޭ ސިއްޙީ އަދި ދުޅަހެޔޮ ކަމުގެ ފަރުވާލިބޭ ވަސީލަތް ޤާއިމް ކުރުމުގެ އިތުރަށް، ދުނިޔޭގެ ފެންވަރުގެ ޓޫރިޒަމް ސްކޫލަކާއި، %60 އިއާދަކުރަނިވި ހަކަތައިން ކަރަންޓު އުފެއްދޭނެ ގާބިލްކަން ހުރުން ލާޒިމުވާނެ ކަމަށެވެ. 
‏މީގެއިތުރަށް، ދަނޑުވެރިކަމުގެ ވަސީލަތާއި، ޒަމާނީ ޓެކްނޮލޮޖީއާއެކު އެކުއަރކަލްޗަރ، މެރިކަލްޗަރގެ ޒޯނެއްވެސް ހިމެނޭނެ ކަންވެސް ފާހަގަކުރެއްވިއެވެ. 
‏ފަތުރުވެރިކަމުގެ ކޮމްޕޯނަންޓްތަކުގެ އިތުރުން އިޖްތިމާއީ މުހިންމު އެސެޓުތަކެއް ތަރައްޤީ ކުރެވިގެންދާ މި މަޝްރޫޢަކީ، ސަރުކާރަށް އާމުދަނީ ވަންނާނެ މުހިންމު ޓެކްސްތައް ކަމުގައިވާ ޖީއެސްޓީ، ޓީޖީއެސްޓީ، ޓޫރިޒަމް ލީސްރެންޓް އަދި ގްރީން ޓެކްސް ވެސް ސަރުކާރަށް ލިބޭގޮތަށް ޤާނޫނަށް ބަދަލުގެނެވި އެސް.އީޒެޑަށް ހުއްދަ ދީފައިވާ މަޝްރޫއެއް.
‏މިއާއެކު ސަޢީދު ވިދާޅުވީ، އެއީ ރާއްޖޭގެ ޓެކްސް ބޭސް ފުޅާކޮށް، އާމުދަނީ ސަރުކާރަށް ވައްދައިދޭނެ ބިޔަ މަޝްރޫޢެއް ކަމަށާ، އަދި ރާއްޖޭގައި ތިބެގެން، ދުނިޔޭގެ ފެންވަރުގެ ހޮސްޕިޓާލިޓީ ސްކޫލެއްގައި ތަމްރީނުވެ، ޒުވާނުންނަށް އޭގެ މަންފާ އެންމެ ފުރިހަމަ ގޮތުގައި ގެނެސްދޭނެ މަޝްރޫޢެއް ކަމަށެވެ. 
‏ސަޢީދު ވިދާޅުވީ، މިމަޝްރޫޢު 2028އަށް ނިންމާލެވޭނެކަމަށް، އެޓައުންޝިޕުގައި އިންވެސްޓްކޮށް ޑިވެލޮޕްކުރާފަރާތުން ސަރުކާރަށް މަޢުލޫމާތުދެއްވާ ކަމަށާ، ސްޕެޝަލްއިކްނޮމިކް ޤާނޫނަށް ހަޤީޤީމާނާގައި ޢަމަލުކުރަންފަށައި އެޤާނޫނަށް ގެންނަންޖެހޭ އިސްލާޙުތައްވެސް ގެނެވިފައިވާ ކަމަށެވެ.
”މިފަދައެތައް ކަމަކުން ރަޢީސް ޑރ ⁦‪މުޙައްމަދު މުޢިއްޒުގެ‬⁩ ތަރައްޤީގެ މެނިފެސްޓޯ ޙަޤީޤަތަކަށްވަމުން އައުމަކީ ރައްޔިތުންނާއި ޤައުމަށް ލިބިގެންދާ ނުހަނުބޮޑު ކުރިއެރުމެއް.“ ސަޢީދު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ