ވޯޓު ހޯދުމަށްޓަކައި ކޮންމެ ފަދަ ދޮގެއް ވެސް ހަދާފާނެ!
ރައީސް މުހައްމަދު މުއިއްޒު އިންތިހާބުތަކުގައި ވޯޓު ހޯއްދެއްވުމަށް ކޮންމެ ފަދަ ދޮގެއް ވެސް ހައްދަވާފާނެ ކަމަށާއި އޭގެ އެއް ހެއްކަކީ މަސްވެރިންނަށް ވީ ވައުދު ނުފުދުން ކަމަށް އިދިކޮޅު ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ރޭ ޔާމީން ވިދާޅުވެއްޖެ އެވެ.އަމިއްލަފުޅު ޕާޓީ، ޕީއެންއެފްގެ އޮފީހުގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޔާމީން ވަނީ މި ސަރުކާރުން ރައްޔިތުން ނިކަމެތިކޮށް، އަތްމަތި ދަތިކުރަނީ ގަސްދުގައި، ނުބައި ރޭވުމެއްގެ ދަށުން ކަމަށް ވިދާޅުވެ، ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.ޔާމީން ވިދާޅުވީ، ސިއްހީ ފަރުވާއަށް ރާއްޖޭން ބޭރަށް ދާން ޑޮލަރު ހޯދުމާއި އެހީތެރިކަން ހޯދުން ފަދަ ކަންކަމަކީ ރައީސް މުޢިއްޒާ ގާތް ގުޅުން ބާއްވާ ބޭފުޅުން ކޮށްދެއްވާ ކަންކަމަށް މިހާރު ވެއްޖެ ކަމަށެވެ."މި ދަނީ އަޅުގަނޑުމެން މި ތަނުގައި ޝާހީ ވެރިކަން އޮތްއިރު ރަސްގެފާނުގެ ހެޔޮފުޅުކަމުން ރައްޔިތުންނަށް ކަންތައްތަކެއް ކޮށްދެއްވާ ހިސާބަށް. އަޅުގަނޑުމެން މި ފަހަތަށް ސޮއްސާލީ، ޑިމޮކްރަސީގައި މި ދިޔައީ ފަހަތަށް. 30-40 އަހަރު ފަހަތަށް މި ދިޔައީ،" ޔާމީން ވިދާޅުވި އެވެ.ޔާމީން ރޭ ވަނީ، މަސްވެރިންނަށް ވީ ވައުދުތައް ނުފުއްދައިގެން އެ މީހުން މާލޭ ކައިރީ ކުރި މުޒާހަރާގެ ވާހަކަ ފާހަގަކުރައްވައިފަ އެވެ. "އިންތިހާބުތަކުގެ ތެރޭގައި ބައެއް ވީޑިއޯތައް އަޅުގަނޑުމެންގެ އަތުގައި އެބަހުރި. ވާހަކަފުޅު ދައްކަވަމުން ކޮންމެ ކަމަކަށް މިކަން މިހާ ގޯހޭ، މިހާ ދެރަވަރޭ، ތިމަންނަ މިކަން ރަނގަޅުކޮށްދޭނަމޭ، މިހެން ވާހަކަ ދައްކަވާފައި ހުރި ކަންތައްތައް އެބަހުރި،" އެމަނިކުފާނުގެ ތާއީދާއެކު ވެރިކަމަށް ވަޑައިގެންނެވި ރައީސް މުއިއްޒު ރިޔާސީ ކެމްޕެއިން ތެރޭ ވެވަޑައިގެންނެވި ވައުދުތަކާއި މިހާރު ވެރިކަމުގައި ކަންކުރައްވަމުން ގެންދަވާ ގޮތަށް ފާޑުކިޔުން އަމާޒު ކުރައްވަމުން ޔާމީން ވިދާޅުވި އެވެ. "ވެރިކަމަށް ވަޑައިގެންފައި މުޅި ލަވަ އާއި މުޅި ސެހެރި، މުޅި އެތި ބަދަލުވެގެންދަނީ. ތިކަންކަން ކުރެވޭކަށް ނެތޭ [އެގޮތަށް މިހާރު ބަސްމަގު ހުންނަނީ]. އެހެންވީމަ އެބަ އެނގޭ ވޯޓު ހޯދުމަށްޓަކައި ކޮންމެ ފަދަ ދޮގެއް ވެސް ހަދާފާނެކަން."ޔާމީންގެ ވާހަކައިގައި އޭނާ ފާހަގަ ކުރެއްވި ގޮތުގައި އޭރު ރައީސް މުއިއްޒު ވެވަޑައިގެންނެވި ވައުދުތަަކީ ގައުމުގެ އިގްތިސާދީ ހާލަތު ހުރި ގޮތުން ވެސް ނުފުއްދޭނެ ނުކުރެވޭނެ ކަންކަން އެނގޭއިރު ވެސް އެއީ ވޯޓު ހޯދުމުގެ ބޭނުމުގައި ދެއްކި ވާހަކަތަކެއް"ކެވެ. ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަން (ބީކޭއެމްޔޫ) އިން އިންތިޒާމުކޮށްގެން މަސްވެރިންގެ މުޒާހަރާ ފެށީ މަސްވެރިންގެ ދުވަހެވެ. އެ މުޒާހަރާ ފެށީ 49 ކަންނެލި މަސްވެރިކަން ކުރާ އޮޑިފަހަރާ އެކީގަ އެވެ.މުޒާހަރާގައި ބައިވެރިވި އުޅަނދުތައް ހުޅުމާލެ ބަނދަރުން ނުކުމެގެން އައިސް ބުދަ ދުވަހުގެ ހަވީރުން ފެށިގެން ނަގިލި ލައިގެން ތިބީ މާލޭގެ ބޭރު ތޮށީގެ ބޭރުން ކަނޑުގަ އެވެ. އެހެން ތިއްބައި ޑިސެމްބަރު 11، ގެ ހެނދުނު ފުލުހުން ވަނީ ދޯނިތަކަށް އަރައި ބައެއް މީހުން ހައްޔަރުކޮށްފަ އެވެ. ނަމަވެސް، މުޒާހަރާ ހުއްޓާނުލައި އަންނަނީ ހުޅުމާލޭ ފަޅުގައި ކުރަމުންނެވެ.މުޒާހަރާގައި މަސްވެރިން ސަރުކާރަށް ތިން ޑިމާންޑެއް އެބަ ކުރެ އެވެ. އެއީ ސަރުކާރުން ކަންނެލި ގަންނަން ފެށުމާއި ކަންނެލީގެ އަގު 80ރ. އާއި 100ރ. އާ ދެމެދު ހިފެހެއްޓުމާއި ބޭސް ރޭޓުގައި ތެލާއި އައިސް ލިބޭނެ ގޮތް ހެދުމެވެ. މިއީ ހައްތަހާވެސް މުހައްމަދު މުއިއްޒު 2023 ވަނަ އަހަރުގެ އިންތިހާބުގައި ވާދަކުރިއިރު މެނިފެސްޓޯގައި ލިޔެފައިވާ ވައުދުތަކެކެވެ.މި ސަރުކާރުގެ ފިޝަރީޒް މިނިސްޓަރު އަޙްމަދު ޝިޔާމަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، ޔާމީން ވިދާޅުވީ ހައްޔަރުކުރި މަސްވެރިންގެ ހައްގުގައި ޝިޔާމް އެއްވެސް ވާހަކައެއް އަދި ވިދާޅުނުވާ ކަމަށެވެ. ޔާމީން ވިދާޅުވީ، އިހުތިޖާޖުން ހައްޔަރުކުރި މީހުން ދޫކޮށްލަން މަސައްކަތްކުރަން ޖެހޭ ކަމަށެވެ."މި ދާއިރާގަ ހުރި މައްސަލަތައް އަޑުއަހާލަން ކެރެންވާނެ، އެކަމަކު އޭގެ ބަދަލުގަ އެ މީހުން ހިފައި ހައްޔަރުކޮށް، ހުރަގެއަށް ލައި، މިހެންނޫން ދެއްތޯ ކަންކަން ކުރަންވާނީ،" ޔާމީން ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ