ޢަލީ އިޙްޞާން ފިރާޤް
މާތް ރަސޫލާގެ އަރިހުގައި:
މާތް ރަސޫލާ صلّى اللّـه عليه وسلّم ޙަފްޞަތުގެފާނާ ކުރެއްވި ކާވެނިފުޅަކީ އެކަލޭގެފާނުގެ ހަތަރުވަނަ ކާވެނިފުޅެވެ. ޙަފްޞަތުގެފާނު މާތް ރަސޫލާގެ އަހުލުބައިތުންނާ ގުޅިވަޑައިގެންނެވިއިރު އެކަލޭގެފާނުގެ ދެ އަނބިކަނބަލަކު ތިއްބެވިއެވެ. އެއީ އުއްމުލް މުއުމިނީން ސައުދާ ރަޟިޔަﷲ ޢަންހާ އާއި އުއްމުލް މުއުމިނީން ޢާއިޝާ ރަޟިޔަﷲ ޢަންހާއެވެ. އެތިން ބޭފުޅުންނަކީ ވަރަށް ގާތް އެކުވެރި ތިންބޭފުޅުންނެވެ. ސައުދަތުގެފާނަކީ އުމުރުފުޅުން ދުވަސްފުޅުވެ މުސްކުޅިފުޅުވެފައިވާ ބޭކަނބަލެކެވެ. ސަމާސާ މިޒާޖެއްގެ ބޭކަނބަލެކެވެ. ޢާއިޝަތުގެފާނާއި ޙަފްޞަތުގެފާނު އެކަމަނާއާވެސް ސަމާސާފުޅު ކުރައްވާ ހައްދަވައެވެ. އެދެބޭކަނބަލުންގެ ރޭއްވެވުންތަކުގައި ސައުދަތުގެފާނުވެސް ބައިވެރި ކުރައްވައެވެ.
މާތް ރަސޫލާ صلّى اللّـه عليه وسلّم ދަތުރުފުޅަކު ނުކުމެވަޑައިގަންނަވާ ކަމުގައިވަނީނަމަ އެކަލޭގެފާނު އަނބިއަނބިކަނބަލުންގެ މެދުގައި ޤުރްއަތުލައްވައެވެ. އެގޮތުން އެދަތުރުފުޅުގައި ގެންދަވަނީ ޤުރްއަތުން ހޮވިވަޑައިގަންނަވާ ބޭކަނބަލެކެވެ. އެއްފަހަރު އެކަލޭގެފާނު ދަތުރުފުޅަކު ނުކުމެވަޑައިގަންނަވަންވެގެން ޤުރްއަތު ލެއްވުމުން ހޮވިވަޑައިގެންނެވީ ޢާއިޝަތުގެފާނާއި ޙަފްޞަތުގެފާނެވެ. އެދަތުރުފުޅުގައި ރޭގަނޑުވެއްޖެނަމަ މާތް ރަސޫލާ ޢާއިޝަތުގެފާނުގެ ޖަމަލުގެ ކައިރިއަށް ވަޑައިގެން އެކަމަނާއާ ވާހަކަފުޅު ދައްކަވަން ހުންނަވައެވެ. މިކަން ޙަފްޞަތުގެފާނަށް އެނގިވަޑައިގެން އެކަމަނާ ޢާއިޝަތުގެފާނުގެ އަރިހުގައި ވިދާޅުވިއެވެ. [މިރޭ ދަތުރުކުރާއިރު ކަމަނާ އަޅުގަނޑުގެ ޖަމަލަށް ސަވާރުވެވަޑައިގަންނަވާށެވެ. އަޅުގަނޑު ކަމަނާގެ ޖަމަލަށް ސަވާރުވާނަމެވެ. އޭރުން ކަމަނާއަށް އާއްމުކޮށް ނުފެންނަ ކަންތައްތައް މިރޭ ކަމަނާއަށް ފެނިވަޑައިގަންނަވާނެއެވެ. އޭރުން އަޅުގަނޑަށްވެސް އާއްމުކޮށް މީގެ ކުރިން ނުފެންނަ ކަންތައްތައް މިރޭ ފެންނާނެއެވެ.]
ޢާއިޝަތުގެފާނު އެގޮތާ އެއްބަސްވެވަޑައިގެންނެވިއެވެ. ޙަފްޞަތުގެފާނު އިންނެވީ ޢާއިޝަތުގެފާނުގެ ޖަމަލަށް ސަވާރުވެވަޑައިގެންނެވެ. ޢާއިޝަތުގެފާނު އިންނެވީ ޙަފްޞަތުގެފާނުގެ ޖަމަލަށް ސަވާރުވެވަޑައިގެންނެވެ. އެރޭ މާތް ރަސޫލާ صلّى اللّـه عليه وسلّم ޢާއިޝަތުގެފާނުގެ ޖަމަލުގެ ކައިރިއަށް ވަޑައިގެން ވާހަކަފުޅު ދައްކަވަން ފެއްޓެވިއެވެ. އެމަޖަލުގައި އިންނެވީ ޙަފްޞަތުގެފާނެއެވެ. އެރޭ މާތް ރަސޫލާ މަންޒިލު ކުރައްވައިފުމަށްދާންދެން ދަތުރުފުޅު ކުރެއްވީ އެކަމަނާއާ އެކުގައެވެ. ކަންތައްތައް ވީގޮތް ޢާއިޝަތުގެފާނަށް އެނގިވަޑައިގެންނެވުމުން އެކަމަނާގެ ހިތްޕުޅުގައި ޣީރަތްތެރިކަން އުފެދިގެން ދިޔައެވެ. ނަމަވެސް ޙަފްޞަތުގެފާނުގެ ރޭއްވެވުމުގައި ޖެހިވަޑައިގެން އެއްބަސްވެވަޑައިގެންނެވުނީ ޢާއިޝަތުގެފާނަށް އެއްވެސް މަޖުބޫރުކަމެއްނެތިއެވެ. އެހެންކަމުން ޙަފްޞަތުގެފާނަށް ކުރެވޭނެ ތުހުމަތެއްނެތެވެ. އެކަންތައް އެގޮތަށް ދިމާވުމުން ޢާއިޝަތުގެފާނަށް އެކަމަނާގެ އަމިއްލަފުޅު ނަފްސު ކުށްވެރިކުރެވުނެވެ. އެކަމަނާ ފައިންޕުޅު ވިނަގަނޑުގެ ތެރެއަށް ލެއްވުމަށްފަހު ވިދާޅުވިއެވެ. [އޭ ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޯއެވެ. މިތަނަށް ނަގުލަންދާޓެއް ނުވަތަ ހަރުފައެއް ފޮނުއްވައި މިއަޅާގެ ފައިގައި ދަތްއަޅާނެ ގޮތެއް މިންވަރު ކުރައްވާށިއެވެ. މާތް ރަސޫލާ ކުށްވެރިކޮށް ތިމަންކަމަނާއަށް އެއްޗެއް ނުދެންނެވޭނެއެވެ.]
އިމާމު ނަވަވީ ވިދާޅުވެފައިވެއެވެ. ޢާއިޝަތުގެފާނު އެގޮތަށް ދުޢާފުޅުކުރެއްވީ ޣީރަތުގެ ޝުއޫރުތައް ހިތްޕުޅުގައި ހިނގައިގަތުމުގެ ސަބަބުންނެވެ. ޣީރަތުގެ ހާލަތުގައި ބުނެވޭ މިފަދަ ބަސްބަހީ އަފޫކުރެވިގެންވާ ބަސްބަހެވެ.
ރަމަޟާންމަހުގެ ތެރޭގައި އިޢުތިކާފަށް އިންނެވުމަކީ މާތް ރަސޫލާ صلّى اللّـه عليه وسلّم ލޯބިފުޅު ކުރެއްވިކަމެކެވެ. އެއްފަހަރަކު މާތް ރަސޫލާ صلّى اللّـه عليه وسلّم ރަމަޟާންމަހުގެ ފަހު ދިހައިގައި އިޢުތިކާފަށް އިންނަވަން ގަސްތުކުރައްވާ ވާހަކަ ވިދާޅުވުމުން ޢާއިޝަތުގެފާނުވެސް އިޢުތިކާފަށް އިންނެވުމަށްޓަކައި މިސްކިތުގައި ފޭލިގެއެއް ޖެއްސެވުމުގެ ހުއްދައަށް އެދިވަޑައިގެންނެވިއެވެ. މާތް ރަސޫލާ އެކަމަނާއަށް އެހުއްދަ ދެއްވިއެވެ. ޙަފްޞަތުގެފާނަށް އެކަން އެނގިވަޑައިގެން ޢާއިޝަތުގެފާނުގެ އަރިހުގައި ވިދާޅުވެގެން މާތް ރަސޫލާގެ ހުއްދައާއެކުގައި މިސްކިތުގައި ފޭލިގެއެއް ޖެއްސެވިއެވެ. މިކަން ޒައިނަބު ބިންތި ޖަޙުޝްއަށް އެނގިވަޑައިގެން އެކަމަނާވެސް މިސްކިތުގައި އިޢުތިކާފަށް އިންނެވުމަށްޓަކައި ފޭލިގެއެއް ޖެއްސެވިއެވެ. މާތް ރަސޫލާ صلّى اللّـه عليه وسلّم މިސްކިތަށް ވަޑައިގެން ފޭލިގެތައް ފެނިވަޑައިގެން ޙަދީޘް ކުރެއްވިއެވެ. [މިއީ އެކަނބަލުން ހެޔޮކަމަށް އެދިގެންކުރާ ކަމެއް ހެއްޔެވެ. މިފަހަރު ތިމަންކަލޭގެފާނު މިސްކިތުގައި އިޢުތިކާފަކަށް ނުއިންނަވާނަމެވެ.] މިހެން ޙަދީޘް ކުރެއްވުމަށްފަހު އެފޭލިގެތައް ނެންގެވުމަށް އަމުރުކުރައްވައިފައި ގެކޮޅަށް ވަޑައިގެންނެވިއެވެ. ރަމަޟާން މަސް ނިމުމުން ޝައްވާލުމަހުގެ ފުރަތަމަ ދިހަ ދުވަހުގައި އިޢުތިކާފަށް އިންނެވިއެވެ.
ޙަފްޞަތުގެފާނު 03: މާތް ރަސޫލާ ޞޢޥ ގެ އަރިހުގައި އެކަމަނާގެ ދިރިއުޅުއްވެވުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ