ފަލަސްތީނުގެ ހުޅަނގު އައްސޭރި އިސްރާއީލާއި ގުޅުވާލައި އިސްރާއީލުގެ ބައެއްގެ ގޮތުގައި ހެދުމަށް ޕާލަމެންޓްގައި މަސައްކަތް ފަށައިފި

ބައިނަލްއަޤްވާމީ ޤާނޫނުތަކާ މުޅިން ޚިލާފު ގޮތެއްގައި، ފަލަސްތީނުގެ ހުޅަނގު އައްސޭރި އިސްރާއީލާއި ގުޅުވާލައި އިސްރާއީލުގެ ބައެއްގެ ގޮތުގައި ހެދުމަށްޓަކައި، އެ ގައުމުގެ ޕާލަމެންޓްގައި މަސައްކަތް ފަށައިފިއެވެ.
ހުޅަނގު އައްސޭރިއަށް އިޒްރޭލުގެ ސަވަރިންޓީ ގާއިމްކުރުމަށް ހުށަހެޅި ބިލަކަށް، 120 ގޮނޑީގެ ކްނެސެޓްގައި ފުރަތަމަ ކިޔުމުގެ ހުއްދަ ދީފައިވަނީ 25-24 ވޯޓުންނެވެ. މި ބިލު ޤާނޫނަކަށް ވެގެން ދިއުމަށް އަދި ތިން ވޯޓު ބޭނުންވެއެވެ.
މި ވޯޓު ނަގާފައިވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އިޒްރޭލަށް ހުޅަނގު އައްސޭރި އެނެކްސް ކުރުމަށް ހުއްދަ ނުދެއްވާނެ ކަމަށް ވިދާޅުވިތާ އެއް މަސް ފަހުންނެވެ. މީގެ އިތުރުން، މި ވޯޓު ނެގި ވަގުތަކީ އެމެރިކާގެ ނައިބުރައީސް ޖޭ.ޑީ ވެންސް ގާޒާ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން ވަރުގަދަ ކުރުމަށް އިސްރާއީލަށް ކުރެއްވި ދަތުރުފުޅެއްގައި ހުންނެވި ވަގުތެވެ.
ހުޅަނގު އައްސޭރި އެނެކްސް ކުރުމަކީ، އ.ދ.ގެ ޤަރާރުތަކުގައި ބަޔާންކޮށްފައިވާ ގޮތަށް، ފަލަސްތީނު-އިޒްރޭލްގެ މައްސަލައަށް ދެ ދައުލަތުގެ ހައްލެއް ގެނައުމުގެ ފުރުސަތު މުޅިން ނައްތާލާނެ ކަމެކެވެ.
ބައިނަލްއަޤްވާމީ ޤާނޫނާ ޚިލާފަށް ގާއިމްކޮށްފައިވާ ސެޓްލްމަންޓްތަކުގައި، ހުޅަނގު އައްސޭރިއާއި އިރުމަތީ ޤުދުސްގައި މިހާރުވެސް 700،000 އަށް ވުރެ ގިނަ އިސްރާއީލު މީހުން ދިރިއުޅެއެވެ.
އ.ދ.ގެ މައި ކޯޓުން (އައި.ސީ.ޖޭ) 2024 ވަނަ އަހަރު ބުނެފައިވަނީ، ފަލަސްތީނުގެ ސަރަހައްދުތައް އިސްރާއީލުން ހިފެހެއްޓުމާއި، އެތަންތަނުގައި ސެޓްލްމަންޓްތައް ގާއިމްކުރުމަކީ ޤަވާއިދާ ޚިލާފު ކަމެއް ކަމަށާއި، އެކަން އަވަހަށް ހުއްޓާލަން ޖެހޭނެ ކަމަށެވެ.
 
Thiladhun © 2019 – 2025| Made with in #Thiladhunmathi
Thiladhun © 2019 – 2025
Made with ❤️ in #Thiladhunmathi
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ