ޢަލީ އިޙްޞާން ފިރާޤް
ރަސޫލާގެ އަރިހުގައި
މާތް ރަސޫލާ صلّى اللّـه عليه وسلّم ގެ ގެކޮޅަށް އުއްމުލް މުއުމިނީން ޖުވައިރިއްޔަތުގެފާނު ވަޑައިގެންނެވުމަށްފަހު އެކަމަނާ ދިރިއުޅުއްވުމުގެ މަގުސަދަކަށް ހެއްދެވީ ހަމައެކަނި الله އާއި އެކަލާނގެ ރަސޫލާ صلّى اللّـه عليه وسلّم ގެ ރުހިވޮޑިގަތުން ހޯއްދެވުމެވެ. އެނގިވަޑައިގަންނަވާނެ ފަދައިން ޖުވައިރިއްޔަތުގެފާނަކީ ރައީސެއްގެ ދަރިކަނބަލުންނެވެ. އެކަމަނާ ރަސޫލާގެ އަނބިކަނބަލަކަށް ވެވަޑައިގަތުމާ ހަމައަށް ދިރިއުޅުއްވީ އަމީރާއެއް ފަދައިންނެވެ. ނަމަވެސް އެކަމަނާ މާތް ރަސޫލާއަށް ކާވެނިބައްލަވައިގެންނެވިފަހަން އެދިރިއުޅުއްވުން ދޫކޮށްލެއްވިއެވެ. ދުނިޔޭގެ އުފަލާއި އަރާމާ ފަސޭހަޔާ މެދު ބެއްލެވީ ނުހުރުންތެރިކަމުގެ ލޯފުޅަކުންނެވެ.
އުއްމުލް މުއުމިނީން ޖުވައިރިއްޔަތުގެފާނަކީ ވަރަށް ގިނައިން ރޯދަފުޅު ހިއްޕަވާ ބޭކަނބަލެކެވެ. ގިނަ ދުވަސްދުވަހު ރޯދަފުޅަށް ހުންނެވުމަކީ އެކަމަނާ ލޯބިފުޅު ކުރެއްވި ކަމެކެވެ. އެއްފަހަރު މާތް ރަސޫލާ صلّى اللّـه عليه وسلّم ހުކުރު ދުވަހެއްގައި އެކަމަނާގެ ގެކޮޅަށް ވަޑައިގެންނެވިއެވެ. އެދުވަހު އެކަމަނާ އިންނެވީ ރޯދަފުޅަށެވެ. އެހިނދު މާތް ރަސޫލާ صلّى اللّـه عليه وسلّم ޙަދީޘް ކުރެއްވިއެވެ. [އިއްޔެ ރޯދަފުޅަށް ހުންނެވިންތޯއެވެ.] އެކަމަނާ ދެންނެވިއެވެ. [ނޫނެކެވެ.] އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ. [މާދަން ރޯދަފުޅަށް ހުންނަވާނަންތޯއެވެ.] އެކަމަނާ ދެންނެވިއެވެ.[ނޫނެކެވެ.] އެކަމަނާ އެހެން ވިދާޅުވުމުން މާތް ރަސޫލާ އެކަމަނާ ރޯދަފުޅު ވީއްލެއްވުމަށް އެންގެވިއެވެ. އެއީ ހަމައެކަނި ހުކުރު ދުވަހު ރޯދައަށް ހުރުމަކީ އިސްލާމްދީން ތަރުހީބުދޭކަމެއް ކަމުގައި ނުވާތީއެވެ.
ޖުވައިރިއްޔަތުގެފާނަކީ ވަރަށް ޒުހުދުވެރި ބޭކަނބަލެކެވެ. މުދަލާއި ފައިސާ އެއްކުރެއްވުމަކީ އެކަމަނާގެ ސާފު ތަބީއަތުގައި ހުރި ކަމެއް ނޫނެވެ. އެއްޗެއް ލިބިވަޑައިގަންނަވާ އިރަށް އެ އެއްޗެއް މީސްތަކުންނަށް ބައްސަވައި ހުސްކުރައްވައެވެ. އެއްފަހަރު މާތް ރަސޫލާ صلّى اللّـه عليه وسلّم އެކަމަނާގެ ގެކޮޅަށް ވަޑައިގެން ފަރީއްކުޅުއްވާނެ އެއްޗެއް ހުރި ތޯ އެކަމަނާ ކުރެ އެއްސެވިއެވެ. އެކަމަނާ ވިދާޅުވިއެވެ. [މިގޭގައި މިވަގުތު ކާނޭ އެއްޗަކަށް ހުރީ ތިމަންކަމާގެ ހާދިމާ ގެނެސްދިން ބަކަރި މަސްކޮޅެކެވެ.] އެހިނދު މާތް ރަސޫލާ صلّى اللّـه عليه وسلّم ޙަދީޘް ކުރެއްވިއެވެ. [ޞަދަޤާތްވަނީ އެ ޞަދަޤާތްދެވުނު މީހާއަށް ރައްދުވެގެންނެވެ.] ޖުވައިރިއްޔަތުގެފާނު އެ މަސްކޮޅު ގެންނަވައި މާތް ރަސޫލާއަށް ދެއްވުމުން އެކަލޭގެފާނު އެ މަސްކޮޅު ފަރީއްކުޅުއްވިއެވެ.
ޖުވައިރިއްޔަތުގެފާނުގެ ބޭބޭފުޅު އަމްރު ބިން ޙާރިޘް ވިދާޅުވާގޮތުގައި މާތް ރަސޫލާ صلّى اللّـه عليه وسلّم ސުވަރުގެ ވަޑައިގެންނެވިއިރު އެކަލޭގެފާނު ތަރިކައިގެ ގޮތުގައި ދޫކުރެއްވީ ހަމައެކަނި އެކަލޭގެފާނުގެ ހުދު ބަޣަލާއި ދަހަނާކޮޅެވެ. ދީނާރެއް ދިރުހަމެއް ފިރިހެން އަޅުކުވެސް އަދި އަންހެން އަޅަކުވެސް ނުވަތަ އިތުރު އެހެން އެއްވެސް އެއްޗެއް ދޫނުކުރައްވައެވެ.
މިދެންނެވުނީ ޢަރަބި ކަރައިގައި އޭރު ރައީސެއްގެ މަގާމުގައި ހުންނެވި މީހެއްގެ ދަރިކަނބަލުން އަދި މި އުއްމަތުގެ މާތް ނަބިއްޔާ صلّى اللّـه عليه وسلّم ގެ އަނބިކަނބަލެއްގެ ގެކޮޅުގެ ހާލަތެވެ. މިކަމުންވެސް އެކަމަނާގެ ދުނިޔޭގެ އެދުންވެރިކަމެއް ނެތްކަމާއި ތަޤުވާވެރިކަމާއި ދީންވެރިކަން ހާމަވެގެން ދެއެވެ.
ޖުވައިރިއްޔަތުގެފާނުގެ ވާހަކަ-: މުސްތަލިޤުވަންހައިގެ އަމީރާ 04: ރަސޫލާގެ ގަނޑުވަރަށް ވަޑައިގަތުމަށްފަހު މުއްސަނދި ދިރިއުޅުއްވުން ދޫކޮށްލެއްވުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ