ބިންވެރިޔާ ސްކީމުން ހައުސިން ޑިވެލޮޕްމަންޓި ކޯޕަރޭޝަން (އެޗްޑީސީ) އަށް ލިބުނު ގެއްލުމުގެ ބަދަލުގައި އެ ކުންފުންޏަށް ދިން ދެ ފަޅުގެ ތެރެއިން މާލޭއާ އެންމެ ކައިރީގައި އޮންނަ ކ. ގަލުފަޅު އެ ކުންފުނީގެ އަތުން އަތުލައި އެ ފަޅު ހިއްކައިގެން އިވެންޓު ސެންޓަރެއްގެ ގޮތުގައި ތަރައްގީކުރުމުގެ ޕްރޮޖެކްޓެއް ހިންގަން އިކޮނޮމިކް ކައުންސިލުން ނިންމައިފި އެވެ.
އެ މަޝްރޫއުއާ ގުޅޭ މައުލޫމާތު ސަރުކާރުން ރަސްމީކޮށް ހާމަނުކުރާތީ، އެޗްޑީސީ އަތުން ފަޅު ނެގި އިރެއް އަދި އެއްބަސްވުމަށް އައި ބަދަލެއް ނޭނގެ އެވެ. ނަމަވެސް، އިކޮނޮމިކް ކައުންސިލުން ވަނީ މި ޕްރޮޖެކްޓު ކުރިއަށް ގެންދަން ނިންމާ، ފިނޭންސް މިނިސްޓްރީގެ ބެލުމުގެ ދަށުން އެ މަސައްކަތް ފަށާފައިވާކަން ވަނީ ކަށަވަރުވެފަ އެވެ.
ފިނޭންސް މިނިސްޓްރީން ވަނީ ގަލުފަޅު ހިއްކަން އީއައިއޭއަށް ވެސް ހަދާފަ އެވެ. އެންވަޔަރަމެންޓު މިނިސްޓަރު ތޯރިގު އިބްރާހިމްގެ ހާއްސަ އެންގެވުމެއްގެ ދަށުން މި މަޝްރޫއުގެ އީއައިއޭ މަރުހަލާ ކުރިއަށް ދަނީ އާންމުކޮށް އޮންނަ އުސޫލުތަކުގެ ބޭރުން، އެހެން ޕްރޮޖެކްޓުތަކަަށް ވުރެ އަވަސްކޮށެވެ.
މިއީ މި އަހަރުގެ ކުރީކޮޅު އީއައިއޭ ހެދުމުގެ ގަވާއިދަށް ސަރުކާރުން ގެނައި ބަދަލެއްގެ ދަށުން ސަރުކާރުން ކަނޑައަޅާ "ސްޕެޝަލް ޕްރަޔޯރިޓީ" ޕްރޮޖެކްޓުތަކުގައި މިނިސްޓްރަށް ލިބޭ ހާއްސަ ބާރެކެވެ. މައުލޫމާތު ލިބޭ ގޮތުގައި މިއީ މި ގޮތަށް މިނިސްޓަރު ހާއްސަ ހުއްދައެއް ދިން ފުރަތަމަ ޕްރޮޖެކްޓެކެވެ.
މެދަށް އަޑިކޮށް އޮންނަ 60 ހެކްޓަރުގެ ގަލުފަޅުގެ ވަށައިގެން އޮންނަ ތިލަ ސަރަހައްދުން ހިއްކަނީ 19.8 ހެކްޓަރެވެ. އީއައިއޭގައިވާ ގޮތުގައި ހިއްކައިގެން އުފައްދާ ރަށް އޮންނާނީ ވަށްކޮށް، މެދުގައި އޮންނަ ފުން ވިލުތެރެއަށް ވަދެވޭ ގޮތަށް ދެ ނެރު ކަނޑާފަ އެވެ.
ގަލުފަޅު ތަރައްގީކުރަން ސަރުކާރުން ބޭނުންވާ ސަބަބުތަކުގެ ތެރޭގައި ޒަމާނީ ކޮންވެންޝަން ސެންޓަރެއް މާލޭ ސަރަހައްދުގައި ނެތުމުން ދިމާވާ ދަތިތަކަށް ދާއިމީ ހައްލެއް ހޯދުން ހިމެނެ އެވެ.
މިހާރު މި ގޮތަށް ބޭނުންކުރަން މާލޭގައި އޮންނަނީ ބާ ކަމުން އަބަދު މަރާމާތުކުރަން ޖެހޭ ދަރުބާރުގެ އެވެ. ފިނޭންސުން ބުނީ ދަރުބާރުގެ ތަރައްގީނުކުރެވިގެން އުޅޭނީ ވެސް ބަދަލުގައި ބޭނުންކުރާނެ ތަނެއް ނެތުމުން ކަމަށެވެ.
ގަލުފަޅުގެ ޑިވެލޮޕްމަންޓު ޕްލޭންގައިވާ ގޮތުގައި އެ ތަނުގައި އިވެންޓު ހޯލަކާއި ކޮންވެންޝަން ސެންޓަރެއްގެ އިތުރުން ކޮމާޝަލް ޕްލާޒާއަކާއި ވޯޓާ ސްޕޯޓްސް ސެންޓަރަކާއި ރެސްޓޯރަންޓުތައް ވެސް ހުރެ އެވެ. އަދި އެ ތަނަށް ދާ މީހުން ތިބޭނެ ވިލާތަކާއި އެ ތަނުގައި މަސައްކަތް ކުރާ މުވައްޒަފުން ތިބޭނެ ތަންތަން ވެސް ހިމެނެ އެވެ.
ޕްރޮޖެކްޓުގެ އީއައިއޭ ފާސްކުރިޔަސް، ޕްރޮޖެކްޓަށް ފަންޑު ކުރާ ގޮތެއް، ކޮންޓްރެކްޓަރެއް ވެސް އަދި ނެތެވެ. އީއައިއޭގައި އޮތީ ބިން ހިއްކަން ބޭނުންކުރާ ޑްރެޖަރުގެ މައުލޫމާތު ވެސް ފަހުން ހިއްސާކުރާނެ ކަމަށެވެ. މިހެން ނަމަވެސް، އީއައިއޭގެ ރިޕޯޓުގެ އެނެކްސްގައި ހިމަނާފައި ހުރި ލިޔެކިޔުންތަކުގައި ޕެނިންސޫލާ އިންފްރާސްޓްރަކްޗާގެ ތަތްގަނޑު ޖަހާފައި އޮތުމުން، ބެލެވޭ ގޮތުގައި ބިން ހިއްކަނީ މި ކުންފުނިންނެވެ.
ޕެނިންސޫލާ އިންފްރާސްޓްރަކްޗާއަކީ ބިން ހިއްކުމުގެ މަސައްކަތަށް ހާއްސަވެގެން، އެމްއޭސީއެލްއިން އުފައްދާފައިވާ ދެ ކުންފުނީގެ ތެރެއިން ކުންފުންޏެކެވެ. މާލޭ ސަރަހައްދުގެ ބިން ހިއްކުގެ ޕްރޮޖެކްޓުތައް ހިންގަނީ އެމްއޭސީއެލްއިން އުފައްދާފައިވާ ކުންފުނިތަކުގެ ބެލުމުގެ ދަށުންނެވެ.
ގަލުފަޅުގައި ސަރުކާރުން ޕްރޮޖެކްޓެއް ހިންގަން އުޅޭއިރު، އެޗްޑީސީން މިދިޔަ އަހަރު ދައްކާލި ޓްރާންސްފޯމިން ޓުމޯރޯ ޕްލޭންގެ ދަށުން މި ފަޅުގައި ތަރައްގީކުރަން އުޅުނީ އައިލެންޑް ރިޓްރީޓެކެވެ. ސަރުކާރުން މިހާރު ކުރިއަށް ގެންދާ ޕްލޭނަކީ، އެޗްޑީސީން އޭރު "ނޫވިލު" ގެ ނަމުގައި ހިންގަން އުޅުނު ޕްރޮޖެކްޓާ ހަމަ އެއްގޮތް ޕްރޮޖެކްޓެކެވެ.
ގަލުފަޅު އެޗްޑީސީން އަތުލައި، ކޮންވެންޝަން ސެންޓަރު ތަރައްގީކުރުމާ ސަރުކާރުން ހަވާލުވެއްޖެ ގަލުފަޅު އެޗްޑީސީން އަތުލައި، ކޮންވެންޝަން ސެންޓަރު ތަރައްގީކުރުމާ ސަރުކާރުން ހަވާލުވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ