މެކްސިކޯގެ މޭޔަރު ކާލޯސް މަންޒޯގެ އަވަހާރަކޮށްލުމާ ގުޅިގެން އޭނާގެ ސެކިއުރިޓީ ޓީމުގައި ހިމެނޭ ހަތް ބޮޑީގާޑަކު ހައްޔަރުކޮށްފައިވާ ކަމަށް ޕުރެސެކިއުޓަރުންގެ އޮފީހުން އިއްޔެ ބުނެފި އެވެ.
ޕްރޮސެކިއުޓަރުގެ އޮފީހުން ބުނީ ގާޑުން ހައްޔަރު ކުރީ މޭޔަރު އަވަހާރަކޮށްލުމުގައި އެ މީހުންގެ ބައިވެރިވުން އޮތް ކަމަށް ބެލެވޭތީ ކަމަށެވެ. މޭޔަރުގެ ސެކިއުރިޓީ ބަލަހައްޓާ ގާޑުންނަކީ ފުލުހުންނެވެ.
އުރުއަޕަންގެ މޭޔަރު އަވަހާރަކޮށްލާފައި ވަނީ މި މަހުގެ 1 ވަނަ ދުވަހު ދުވާލުގެ ވަގުތުގައި އޭނާގެ އާއިލާގެ ވެސް ކުރިމަތީގަ އެވެ. އެ މައްސަލާގައި ތުހުމަތު ކުރެވެނީ 17 އަހަރުގެ ފިރިހެން ކުއްޖަކަށެވެ. މޭޔަރުގެ ގާޑުން ވަނީ އޭނާ މަރާލައިފަ އެވެ. އެއީ ރޭވިގެން ހިންގި ޖަރީމާއެއް ކަމަށް ބެލެވޭ ކަމަށް ފެޑެރަލް އިދާރާތަކުން ބުނެ އެވެ.
މަންޒޯ އަވަހާރަކޮށްލުމާ ގުޅިގެން މުޅި ގައުމުގައި ވަނީ ހައިރާންކަމާއި ރުޅިވެރިކަން އުފެދިފަ އެވެ.
މިކަމުގެ ސަބަބުން ސަރުކާރާ ދެކޮޅު މުޒާހަރާތައް ފެށި، ހުޅަނގު މެކްސިކޯގެ މިޗޯއާކަންގައި ފެޑެރަލް ފައުޖުތައް ވަރުގަދަ ކުރަން ޖެހުނެވެ.
މަންޒޯ، 40، މަޝްހޫރުވެފައި ވަނީ އެ ސްޓޭޓުގައި ރޭވިގެން ހިންގާ ކްރައިމްއާ ދެކޮޅަށް ކެމްޕޭން ކުރައްވާ ބޭފުޅެއްގެ ގޮތުގަ އެވެ.
އުރުއަޕަންގެ މޭޔަރަކީ މެކްސިކޯގެ ބާރުގަދަ ޑްރަގް ކާޓެލްތަކާ ދެކޮޅަށް މަސައްކަތް ކުރެއްވި ބޭފުޅެކެވެ.
އެ ހަތް ބޮޑީގާޑުން ހައްޔަރު ކުރުމާ ހަމައަށް ވެސް އެ މީހުން ދިޔައީ މަންޒޯގެ ހުވަފަތް އަނބިކަނބަލުން ގްރޭޝިއާ ކުއިރޯޒްގެ ސަލާމަތީ ކަންކަން ބަލަހައްޓަމުންނެވެ.
މޭޔަރުގެ މަރާ ގުޅިގެން ދައުލަތުގެ ކަމާ ބެހޭ ފަރާތްތަކުން ވަނީ "އެލް ލައިސެންސިއާޑޯ"ގެ ނަމުން މަޝްހޫރުވެފައިވާ ޖޯޖް އަރްމަންޑޯ "އެން" ހައްޔަރު ކޮށްފަ އެވެ. އޭނާއަކީ މޭޔަރު އަވަހާރަކޮށްލުމަށް ރޭވި އެންމެ އިސް މީހާ ކަމަށް ތުހުމަތު ކުރެވެ އެވެ.
ފެޑެރަލް ސެކިއުރިޓީ ސެކްރެޓޭރިއޭޓުން ބުނީ އެލް ލައިސެންސިއާޑޯއަކީ ޖަލިސްކޯ ނިއު ޖެނެރޭޝަން ކާޓެލްގައި ހިމެނޭ، ޖިނާއީ ސެލްގެ ވެރިޔާ ކަމަށެވެ.
މޭޔަރުގެ ބޮޑީގާޑުން ހައްޔަރު ކުރުމަށް، މޭޔަރުގެ އޮފީސް ސަރަހައްދުގައި ސިފައިންގެ އޮފިސަރުން ރެއިޑް ކުރި މަންޒަރު ފެންނަ ފޮޓޯތަކެއް މީޑިއާތަކުން ވަނީ އާންމުކޮށްފަ އެވެ.
ޕްރޮސެކިއުޓުގެ އޮފީހުން ސޯޝަލް މީޑިއާގައި އާންމުކުރި ކުރު ރިޕޯޓުގައި ބުނެފައި ވަނީ ހައްޔަރު ކުރި މީހުންނަކީ "ޕަބްލިކް އޮފިޝަލުން" ކަމަށާއި އެ މީހުން ޖަލަކަށް ބަދަލުކުރީ ފަނޑިޔާރެއްގެ ކުރިމައްޗަށް ގެންދިޔުމަށް ކަމަށެވެ.
ފުލުހުން ބުނީ މަންޒޯގެ ސެކިއުރިޓީ ޓީމުގައި ތިބި މީހުންނަކީ މުނިސިޕަލް ޕޮލިސް އޮފިސަރުން ކަމަށެވެ.
މަންޒޯގެ މަރާ ގުޅިގެން މެކްސިކޯގެ ރައްޔިތުން ވަނީ އެ ގައުމުގެ ވެރިރަށް މެކްސިކޯ ސިޓީގައި މުޒާހަރާ ކޮށްފަ އެވެ. މުޒާހަރާގެ ބައިވެރިންނާއި ފުލުހުންނާ ދެމެދު ހިނގި ކުރިމަތިލުންތަކުގައި 100އަށް ވުރެ ގިނަ މީހުން ޒަހަމްވެ، 19 މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ.
މޭޔަރު އަވަހާރަކޮށްލުމާ ގުޅިގެން ރައީސް ކްލައުޑިއާ ޝެއިންބާމްގެ ސަލާމަތީ ސްޓްރެޓެޖީ އިސްލާހު ކުރުމަށް ޕްރެޝަރު ވަނީ ބޮޑުވެފަ އެވެ. އޭގެ ފަހުން އޭނާ ވަނީ އެ ސްޓޭޓުގައި ހަރަކާތްތެރިވާ ކުށްކުރާ ޖަމާއަތްތަކުގެ ކޮންޓްރޯލް ނެގުމުގެ ގޮތުން 10،000 ސިފައިން އެ ސްޓޭޓުގެ އެކި ސަރަހައްދުތަކުގައި ބޭތިއްބުމަށް މަސައްކަތް ކޮށްފަ އެވެ.
މެކްސިކޯގެ މޭޔަރު އަވަހާރަކޮށްލި މައްސަލާގައި 7 ބޮޑީގާޑަކު ހައްޔަރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ