ސްރީ ލަންކާގައި މިއަދު ފަށާ ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން (ކާވާ)ގެ 19 އަހަރުން ދަށުގެ އަންހެން ވޮލީބޯޅަ މުބާރާތަކީ ރާއްޖެ އަށް ޗެލެންޖްތަކެއް ހުރި އެހެން ނަމަވެސް މުސްތަގުބަލަށްޓަކައި މުހިންމު މުބާރާތެއް ކަމަށް ރާއްޖޭގެ 19 އަހަރުން ދަށުގެ އަންހެން ވޮލީބޯޅަ ޓީމުގެ ކޯޗު މުނާ މުނީރު (މުންނަ) ބުނެފި އެވެ. 
އެ ގޮތުން، ރާއްޖޭގެ 19 އަހަރުން ދަށުގެ އަންހެން ވޮލީބޯޅަ ޓީމުގެ ސްކޮޑުގައި މިހާރު ތިބި ކުޅުންތެރިންގެ ތެރެއިން މެޖޯރިޓީ ކުޅުންތެރިންނަށް މިއީ ބައިނަލްއަގުވާމީ ފުރަތަމަ މުބާރާތެވެ. އަދި، މިއަދު ފުރަތަމަ މެޗުގައި ލަންކާއާ ދެކޮޅަށް ކުޅޭއިރު، މި ލެވަަލްގެ ތަޖުރިބާ އެއް ކުރާނީ މުޅިން އަލަށެެވެ. 
ވީއޭއެމްގެ މީޑިއާ އަށް ދިން އިންޓަވިއުއެއްގައި މުންނަ ބުނީ، ހުރި ޗެލެންޖްތަކާ އެކު ވެސް އުންމީދުގައި ހުރި ކަމަށެވެ. ޓީމުގެ ފަރާތުން އަންހެން ވޮލީގެ މުސްތަގްބަލަށް ވިސްނާއިރު ރަނގަޅު ކަންތައްތަކެއް ފެންނާނެކަމުގެ ކުލަވަރުތައް ކުޅުންތެރިންގެ މަސައްކަތުން ފެންނަމުން އަންނަ ކަމަށް މުންނަ ވަނީ ފާހަގަކޮށްފަ އެވެ.  
"ދިވެހި ޓީމުގެ ގިނަ ކުދިންނަކީ ފަހުގެ ވޮލީގެ ފޯމެޓަށް ޕްރެކްޓިސްކޮށްފައި ތިބި ބައެއް ނޫން، އެހެންވީމަ އެއީ އަންނާނެ ޗެލެންޖެއް، މިހާރު މަސައްކަތްކުރަނީ މަޑުމަޑުން ފަހުގެ ވޮލީ އަށް ބަދަލުކޮށްގެން ކުޅެން، އެޗީވްމަންޓަކަށް ވާނެ އެ ކުދިންނަށް ވުރެ އިސްކޮޅުން ދިގު ބައެއް ކައިރިން މަސައްކަތް ކޮށްގެން ކުޅެފިއްޔާ" ދުނިޔޭގެ ވޮލީބޯޅައިގެ މައި ޖަމިއްޔާ، އެފްއައިވީބީގެ ކޯޗިން ލެވަލް ތިނެއްގެ ކޯސް، ދާދި ފަހުން ފުރިހަމަކޮށް ތާރީހުން ޖާގަ ހޯދި މުންނަ ބުންޏެވެ. 
ފުރަތަމަ ކުޅެން ޖެހޭ ލަންކާ މެޗަކީ، ޓީމުގައި ހިމެނޭ ގިނަ ކުޅުންތެރިންގެ ބައިނަލްއަގުވާމީ ފުރަތަމަ މެޗުކަން ފާހަގަކޮށް މުންނަ ބުނީ ޓާގެޓަކީ މި މާހައުލަށް ހޭނި، މިހާތަނަށް މި މުބާރާތަށް ޓާގެޓުކޮށް ކުދިންނަށް ދަސްކޮށްދިން ހުނަރުތަކުގެ ބޭނުންކޮށްގެން މޮޅު ކުޅުމެއް ކުޅޭތަން ފެނުން ކަމަށެވެ. 
ކާވާ މުބާރާތުގެ ފުރަތަމަ މެޗުގައި މިއަދު ލަންކާއާ ކުޅުމަށް ފަހު، ދެ ވަނަ މެޗުގައި މާދަމާ ކިރްގިސްތާނާ ބައްދަލުކުރާނެ އެވެ. އަދި، ލީގު ބުރުގެ ފަހު މެޗުގައި، ނޭޕާލާ ކުޅޭނީ ބުރާސްފަތި ދުވަހު އެެވެ.
    
    ޗެލެންޖަކާ އެކު މުންނަ ވޮލީގެ މުސްތަގުބަލާ ގުޅޭ މަސައްކަތެއްގައި ޗެލެންޖަކާ އެކު މުންނަ ވޮލީގެ މުސްތަގުބަލާ ގުޅޭ މަސައްކަތެއްގައި
                
            އަރުޝީފަށް ނެގީ
            
        
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ