ނިއު ޔޯކުގެ ފުރަތަމަ މުސްލިމް މޭޔަރުގެ މަގާމަށް ޒަހްރާން މަމްދާނީ ހޮވިދާނެތަ؟

އެމެރިކާގެ ނިއު ޔޯކް ސިޓީގެ މޭޔަރުކަމުގެ އިންތިޚާބު ކާމިޔާބުކުރައްވާނެ ކަމަށް ބެލެވޭ ޒަހްރާން މަމްދާނީ އެއް ދުވަހެއްގެ ތެރޭގައި 103،000 އަށް ވުރެ ގިނަ ގެއަށް ޒިޔާރަތްކޮށް ރެކޯޑު މުގުރާލާއިފިއެވެ. އޭނާގެ ކެމްޕޭނު ޓީމުން ބުނާ ގޮތުގައި ނިއުޔޯކުގެ 90،000 އަށް ވުރެ ގިނަ މީހުން ވަނީ މި މަސައްކަތުގައި ބައިވެރިވެފައެވެ. "އޭނާ ވަނީ އޭނާގެ ހަމައެކަނި ޝައުގުވެރިކަމަކީ އަހަރެމެންގެ ސިޓީ ހިންގުމާއި ނިއު ޔޯކުގެ ކޮންމެ މީހަކަށް ހިދުމަތް ކުރުންކަން ވަރަށް ބޮޑަށް ސާފުކޮށްދީފައި. އެއީ ހަމަ ނިއު ޔޯކަށް ބޭނުންވާ ކަމެއް." ބްރޫކްލިންގެ ޒުވާން ވޮލަންޓިއަރަކު ދަ ނޭޝަނަލްއަށް ބުންޏެވެ. އުމުރުން 34 އަހަރުގެ ޔޫގަންޑާގެ ނެޗުރަލައިޒްޑް މުސްލިމް އެމެރިކާ މީހެއް ކަމަށްވާ މަމްދާނީ އަކީ ކުއީންސްގެ ސްޓޭޓް އެސެމްބްލީ މެމްބަރެކެވެ. މިއަދު ބާއްވާ އިންތިޚާބުގައި ނިއު ޔޯކުގެ މޭޔަރު ކަމަށް އޭނާ އިންތިޚާބުވެއްޖެނަމަ އޭނާ ވެގެންދާނީ ގަރުނަކަށް ވުރެ ގިނަ ދުވަސް ފަހުން އެ ސިޓީގެ އެންމެ ޒުވާން މޭޔަރު އަދި އެ ސިޓީގެ ފުރަތަމަ މުސްލިމް އަދި ދެކުނު އޭޝިއާގެ ލީޑަރަށެވެ. މަމްދާނީއަށް ތާއީދުކުރާ ފަރާތްތަކުން މަގުމަތީގައި. ފޮޓޯ/ރޮއިޓާސް ނަމަވެސް އޭނާ ލީޑް ކުރަން ބޭނުންވާ ނިއު ޔޯކު ސިޓީގައި ބޮޑެތި ތަފާތުތަކެއް އެބަހުއްޓެވެ. ސިޓީގައި ދިރިއުޅެމުންދާ މީހުންގެ އަދަދު ދަށްވަމުން ދިޔަ ނަމަވެސް، ނިއު ޔޯކަކީ އެ ސިޓީގައި ދިރިއުޅޭ މުއްސަނދިންނަށް ވަރަށް ބޮޑަށް ބަރޯސާވެފައި އޮންނަ ސިޓީއެކެވެ. މީގެ އިތުރުން ނިއު ޔޯކުގެ މީހުންގެ މީޑިއަން ކުލި އެމެރިކާގެ އެންމެ ބޮޑު 50 ސިޓީގެ ގައުމީ އެވްރެޖްގެ ދެގުނައަށް ވުރެ މައްޗަށް ގޮސްފައިވާއިރު، އާއިލާތަކަށް އަންނަނީ ދެކޮޅު ޖައްސަން އުނދަގޫވަމުންނެވެ. މަމްދާނީ ވަނީ ކުޑަކުދިން ހިލޭ ބެލެހެއްޓުމާއި، ދަތުރުފަތުރު އަގުހެޔޮކުރުމާއި، 2030 ވަނަ އަހަރުގެ ނިޔަލަށް އެންމެ ކުޑަ އުޖޫރައިގެ ގޮތުގައި މަސައްކަތް ކުރާ ކޮންމެ ގަޑިއިރަކަށް 30 ޑޮލަރުގެ އުޖޫރައެއް ކަނޑައަޅާނެ ކަމަށް ވިދާޅުވެފައެވެ. އޭނާ ވައުދުވިގޮތުގައި އެ އެޖެންޑާއަށް ފައިސާ ހޯދާނީ ކޯޕަރޭޝަންތަކާއި މިލިއަނަރުންގެ އަތުން އާ ޓެކްސްތަކެއް ނަގައިގެންނެވެ. ނަމަވެސް އެއްވެސް ކަހަލަ އެގްޒެކްޓިވް ތަޖުރިބާއެއް ނެތް ބޭފުޅަކަށް އިންތިޚާބު ކާމިޔާބުވެއްޖެނަމަ، ފައިސާގެ ގޮތުންނާއި އެނޫންވެސް ގޮތްގޮތުން ފިއްތުންތައް ކުރިމަތިކުރައްވާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މިހާރުވެސް ވިދާޅުވެފައިވާއިރު، އެ ވައުދުތައް ފުއްދައިދެވޭނެތޯ ސުވާލު އުފެދޭ ކަމަށް މަޝްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. ނިއު ޔޯކުގެ ކުރީގެ ގަވަރުނަރު އެންޑްރޫ ކުއޯމޯ ނިއު ޔޯކު ސިޓީގައި ބޭއްވި ކެމްޕޭނު އިވެންޓެއްގައި ވާހަކަ ދައްކަނީ. ފޮޓޯ/އޭއެފްޕީ ފާހަގަކޮށްލެވޭ ގޮތުގައި މަމްދާނީ އިންތިޚާބުކޮށްފި ނަމަ ފެޑެރަލް ސަރުކާރުން ނިއު ޔޯކަށް ދޭ ފައިސާގެ އަދަދު ވަރަށް ބޮޑަށް މަދުކޮށް ދަތިކުރާނެ ކަމުގެ އިންޒާރު ޓްރަމްޕް ވަނީ ދެއްވާފައެވެ. ޚިޔާލު ހޯދުމުގެ ވޯޓުތަކުން ދައްކާ ގޮތުގައި ނިއު ޔޯކުގެ ކުރީގެ ގަވަރުނަރު އެންޑްރޫ ކުއޯމޯ އާއި ގާޑިއަން އެންޖެލްސްގެ ބާނީ އަދި ރިޕަބްލިކަން ޕާޓީގެ ކެންޑިޑޭޓް ކާޓިސް ސްލިވާއަށް ވުރެ، މަމްދާނީ އުޅުއްވަނީ މޭޔަރުކަމުގެ ރޭހުގައި މާ ކުރީގައެވެ. މޭޔަރުކަމުގެ ރޭހަށް މަމްދާނީ ނުކުންނެވި ހިސާބުން ފެށިގެން ޓްރަމްޕާއި އޭނާގެ ޓީމުން ގެންދަނީ މަމްދާނީއަށް އެކި ގޮތްގޮތުން ހުރަސްތައް ކުރިމަތިކޮށް ބަހުގެ ހަމަލާތައް ދެމުންނެވެ. މަމްދާނީ އަކީ ޕްރޮފެސަރެއް ކަމަށްވާ މަހްމޫދު މަމްދާނީ އާއި ފިލްމު އުފައްދާ މީހެއް ކަމަށްވާ މީރާ ނައިރްގެ ދަރިއެކެވެ. މަމްދާނީގެ ބައްޕަ އަކީ ޔުގެންޑާއަށް އުފަން އިންޑިއާ ދަރިކޮޅުގެ މީހެކެވެ. އަދި މަންމަ އަކީ އިންޑިއާ ދަރިކޮޅުގެ އެމެރިކާ މީހެކެވެ. އިންތިޚާބުގެ ވޯޓުލުން ފަށާނީ އެމެރިކާ ގަޑިން މިއަދު ހެނދުނު 6:00 ގައެވެ. އެއީ ރާއްޖޭ ގަޑިން މިއަދު ހަވީރު 4:00 އެވެ. އިންތިޚާބުގައި ވޯޓުލުމަށް ގާތްގަޑަކަށް 50 ލައްކަ މީހުން ވަނީ ރަޖިސްޓްރީކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ