އެޕަލް އެޕް ސްޓޯރަށް އާ ވެބް އިންޓަފޭސްއެއް!
        އެޕަލް އިން އެ ކުންފުނީގެ އެޕް ސްޓޯރަށް އާ ވެބް އިންޓަފޭސްއެއް ތަޢާރަފުކޮށްފިއެވެ.  މި ބަދަލާއެކު، އެޕަލްގެ ޑިވައިސްތައް ބޭނުންނުކުރާ ފަރާތްތަކަށްވެސް މިހާރު އެޕް ސްޓޯރު ބްރައުޒްކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.  މީގެ ކުރިން އެޕަލް ޑިވައިސްއެއް ނެތް މީހަކު އެޕް ސްޓޯރުގެ ވެބްސައިޓަށް ލޮގިންވެ، އެޕްތަކުގެ މައުލޫމާތު ފެނުނު ނަމަވެސް، ސްޓޯރުގެ ތެރޭގައި އެކި ކެޓަގަރީތަކަށް ވަދެ އެޕްތައް ބްރައުޒްކުރުމުގެ ފުރުސަތެއް ނޯވެއެވެ. މިކަމުގެ ސަބަބުން، މައިކްރޮސޮފްޓް ވިންޑޯޒް ފަދަ އެހެން އޮޕަރޭޓިން ސިސްޓަމްތައް ބޭނުންކުރާ ފަރާތްތަކަށް އެޕް ސްޓޯރު ބޭނުންކުރުމަކީ އުނދަގޫ ކަމަކަށް ވެފައި އޮތީއެވެ.  https://sun.mv/212375  އާ ވެބް އިންޓަފޭސްގެ އެންމެ ބޮޑު އެއް ލުއިފަސޭހައަކީ އެޕް ސްޓޯރުގައި ހުރި އެޕްތައް، އައިފޯން، އައިޕެޑް، އަދި ވޮޗް ފަދަ އެކި ޕްލެޓްފޯމްތަކަށް ބަހާލައިގެންނާއި އެކި ކެޓަގަރީތަކުން ބްރައުޒްކުރުމުގެ ފުރުސަތު ލިބުމެވެ. މިއީ ހާއްސަކޮށް އެޕަލްގެ އީކޯސިސްޓަމްއިން ބޭރުގައި މަސައްކަތްކުރާ ޑިވެލޮޕަރުންނާއި ރިސާޗަރުންނަށް ލިބިގެންދާނެ ވަރަށް ބޮޑު ފަސޭހައެކެވެ.  އެޕްސްޓޯރަށް އާ އިންޓަފޭސްއެއް ތައާރަފްކުރިނަމަވެސް، މިވަގުތަށް އާ ވެބް އިންޓަފޭސް މެދުވެރިކޮށް އެޕްތައް ޑައުންލޯޑްކުރުމުގެ ފުރުސަތެއް ލިބިފައެއް ނުވެއެވެ. އެހެންނަމަވެސް، ކުރިއަށް އޮތްތަނުގައި މި ފީޗާ އިތުރުކުރުމަކީ އެކަށީގެންވާ ކަމެއްކަމަށް ދިރާސާވެރިން ބުނެއެވެ.  މި ބަދަލަކީ އެޕަލްގެ އީކޯސިސްޓަމް އިތުރަށް ހުޅުވާލުމަށް އެކުންފުނިން ކުރަމުންދާ މަސައްކަތުގެ ތެރެއިން އެޅި ފިޔަވަޅެއްގެ ގޮތުގައި ގިނަ ބަޔަކު ދެކެއެވެ.  ދުނިޔޭގެ އެކި ސަރުކާރުތަކުން އެޕަލްއިން ވިޔަފާރި މޮނޮޕޮލީ ކުރާކަމުގެ ތުހުމަތުކޮށް، އެކުންފުނީގެ އުފެއްދުންތައް އެހެން ޕްލެޓްފޯމްތަކަށްވެސް ފަސޭހައިން ލިބޭނެ ގޮތް ހެދުމަށް ގޮވާލަމުންދާ ދަނޑިވަޅެއްގައި މިފަދަ ބަދަލެއް ގެނައުމަކީ އެފަދަ ގާނޫނީ ޕްރެޝާތަކާ ގުޅުންހުރި ކަމެއްކަމަށް ބެލެވެއެވެ.  އެޕަލް އަކީ އަބަދު ވެސް 'ވޯލްޑް ގާޑެން' ނުވަތަ 'ބަންދު ސިޔާސަތު' އެއް ގެންގުޅެމުން އަންނަ ކުންފުންޏެކެވެ. މީގެ މާނައަކީ އެ ކުންފުނީގެ ހާޑްވެއާ، ސޮފްޓްވެއާ، އަދި ޚިދުމަތްތައް އެކަތި އަނެކައްޗާ ވަރަށް ބޮޑަށް ގުޅުވާލައި، ބޭރުގެ ޕްލެޓްފޯމްތަކުން އެއަށް ވަނުމަށް ހުރަސްއެޅުމެވެ.  މި ސިޔާސަތުގެ އެންމެ މުހިންމު އެއް ތަނބަކީ އެޕް ސްޓޯރެވެ. އެއީ އައިއޯއެސް އާއި އައިޕެޑްއޯއެސްއަށް އެޕްލިކޭޝަން ހޯދޭ ހަމައެކަނި ރަސްމީ ގޮތެވެ. ނަމަވެސް، ފަހަކަށް އައިސް ޔޫރަޕްގެ އިއްތިހާދާއި އެމެރިކާ ފަދަ ބާރުތަކުން، ވާދަވެރިކަން ނައްތާލައި ވިޔަފާރި މޮނޮޕޮލީ ކުރާކަމުގެ ތުހުމަތުގައި އެޕަލްއަށް ގާނޫނީ ގޮތުން ބާރުއަޅަމުން ދިއުމުގެ ސަބަބުން، އެ ކުންފުނި މަޑުމަޑުން ނަމަވެސް އީކޯސިސްޓަމް ހުޅުވާލަން މަޖުބޫރުވެފައިވެއެވެ. އެހެންކަމުން، އެޕް ސްޓޯރުގެ ވެބް އިންޓަފޭސް އާންމުކުރުމަކީ މިފަދަ ބޭރުގެ ނުފޫޒުތަކަށް އެޕަލް ދެމުންދާ ޖަވާބެއްގެ ގޮތުގައި ބެލެވެއެވެ.
    
    
    
                
            އަރުޝީފަށް ނެގީ
            
        
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ