ދިވެހިރާއްޖޭގެ މިނިވަންކަން ދިފާއުކޮށް، މިނިވަންކަމުގެ ފަލަ، ރަތް ރޮނގު ހިމާޔަތްކުރުމަށްޓަކައި މުހިންމު ހުރިހާ ދާއިރާއަކުން ގައުމީ ދިފާއ ބާރު ވަރުގަދަކުރުމަށް، މިހާތަނަށް ކުރެވިފައި ނުވާފަދަ މަސައްކަތްތަކެއް ފާއިތުވީ އަހަރުގެ ތެރޭގައި ކުރެވިފައިވާ ކަމަށާ ކުރިއަށް އޮތްތަނުގައިވެސް މި ރޮނގުން އިތުރު މަސައްކަތްތައް ކުރައްވަމުން ގެންދަވާނެ ކަމުގައި ރައީސުލްޖުމްހޫރިއް ޔާޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައްޔިތުންނާއެކު ކުރިއަށް- ހަފްތާ 104 ފާހަގަކުރުމުގެ ރަސްމިއްޔާތު ގައި، ރައީސް ވަނީ ދިވެހީންގެ މިނިވަންކަމާއި، އަމިއްލަވަންކަމުގެ ހިމާޔަތުގައި އެމަނިކުފާނުގެ ސަރުކާރުން ކުރައްވަމުންގެންދަވާ މަސައްކަތްތަކާއި، މިހާތަނަށް ހޯއްދެވުނު ބައެއް ކުރިއެރުންތައް ހާމަކުރައްވާފަ އެވެ. އެގޮތުން ކޯސްޓްގާޑް ފްލީޓް ދެ ގުނައަށް ބޮޑުކުރުމާއި، މެރިންކޯގެ ގާބިލުކަން އިތުރުކުރުމާއި، އެއާކޯ އުފައްދަވާ، އެއާކޯގެ ގާބިލުކަން ވަރުގަދަ ކުރުމަށް މިހާރުވެސް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ވިދާޅުވި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ދިވެހި ދިފާއީ ބާރަކީ، ވަރުގަދަ ބާރަކަށް ހެދުމީ ޒިންމާއެއްކަމުގައި ދެކެންޖެހޭކަމުގައި ވިދާޅުވި އެވެ. އަދި ދިވެހީންނަކީ ނިކަމެތި ބައެއްގެ ގޮތުގައި ދުށުމުގެ ވިސްނުން އެއްވެސް ގޮތަކަށް ހުރެގެން ނުވާނެ ކަމަށާ، އާބާދީގައި މީސްކޮޅު މަދެއްކަމަކު، ކަނޑުގެ ސަރަހައްދާއެކު ދިވެހިރާއްޖެއަކީވެސް މުއްސަނދި ތާރީހެއް ލިބިފައިވާ، ބިޔަ، ބޮޑު ގައުމެއް ކަމަށާ، 24 ގަޑިއިރު، ދިވެހިރާއްޖޭގެ ކަނޑާއި ވައިގެ ސަރަހައްދު ހިމާޔަތްކުރެވިފައި އޮތުމީ ހުރިހާ ރައްޔިތުންވެސް އެދޭނެ ގޮތް ކަމުގައި ގަބޫލުފުޅު ކުރައްވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިދިޔަ ދުވަސްތަކުގައި އެކަންނުކޮށް އޮތީ ކީއްވެތޯ ކުރެވޭ ސުވާލަށް ޖަވާބުދެއްވައި، އެމަނިކުފާނު ވިދާޅުވީ މި މަސައްކަތް ކުރުމަކީ މި ސަރުކާރުގެ ސިޔާސަތު ކަމަށެވެ.
އެގޮތުން އަސްކަރިއްޔާ ވަރުގަދަ ކުރައްވަނީވެސް މިނިވަންކަން ހިމާޔަތް ކުރެއްވުމަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ. ދިވެހިރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދަކީ ކަނޑާއި ވައިގެ މަގުން 24 ގަޑިއިރު ބެލެހެއްޓޭ ތަނެއްކަން ކަށަވަރު ކުރުމަށް އެމަނިކުފާނުގެ ސަރުކާރުން މަސައްކަތް ކުރައްވަނީ، ދިވެހިރާއްޖޭގައި އިންވެސްޓްކުރަން އެދޭ ފަރާތްތަކުންވެސް މިކަންކަމަށް ބައްލަވާނެތީ ކަމުގައި ވިދާޅުވި އެވެ.
ގައުމީ ދިފާއީ ބާރު ވަރުގަދަކުރަން މިހާތަނަށް އެންމެ ބޮޑަށް މަސައްކަތްކުރީ މިދިޔަ އަހަރު: ރައީސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ