ދިވެހިރާއްޖެ އާއި، އޮމާން އާއި، އަދި އޮސްޓްރޭލިއާގެ ކްރިސްމަސް އައިލެންޑް ގުޅުވާލުމަށް، ރާއްޖޭގެ ދެކުނުން ކަނޑު އަޑިން އަޅާ ކޭބަލް، "ދިވަރު" ގެ ނަމުގައި ގޫގުލްއިން އިއުލާން ކުރުމާ ގުޅިގެން، ރައީސް މުހައްމަދު މުއިއްޒު އާއި އެ މަނިކުފާނަށް ތާއިދުކުރާ ފަރާތްތަކުން މި އަގުބޮޑު މަޝްރޫއުގެ ވާހަކަ ދައްކަން ފަށައިފި އެވެ. މުއިއްޒުގެ ދައުވާއަކީ، މި އިންވެސްޓްމަންޓް "ފެށިގެން އައީ" 2024 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ނިއުޔޯކުގައި ގޫގުލްގައި އިސްވެރިންނާއެކު އެ މަނިކުފާނު ބޭއްވި ބައްދަލުކުރެއްވުމަށް ފަހު އެވެ.
"ޔޫއެންޖީއޭއަށް 2024 ވަނަ އަހަރު އަޅުގަނޑު ދިޔައިރު، ނިއު ޔޯކަށް ގޮސްފައި، އަޅުގަނޑު ބައްދަލުކުރި ގޫގުލްގެ ޓީމާ. އެ ތަނުގައި ކުރެވުނު މަޝްވަރާއެއް، އެ ބޭފުޅުން ޝައުގުވެރިކަން ފާޅުކުރީ. މަޝްވަރާކޮށްފައި ދިން ކޮމިޓްމެންޓެއް، ސަރުކާރުގެ ފަރާތުން ދޭން ޖެހޭ ހުރިހާ އެއްބާރުލުމެއް ދޭނަމޭ، ގާނޫނާއި ގަވާއިދުގެ ތެރެއިން ކުރެވެން ހުރި ހުރިހާ ކަމެއް ކޮށްދޭނަމޭ، ތި ބޭފުޅުން ރާއްޖެއަށް އައިސް އިންވެސްޓް ކުރައްވާށޭ. އެ ދުވަހުން ފެށިގެން މިއަދާ ހަމައަށް ކުރެވުނު ވަރަށް ގިނަ މަސައްކަތްތަކުގެ ނަތީޖާއެއްގެ ގޮތުން،" ސޯޝަލް ސެންޓަރުގައި ރޭ މުއިއްޒު ވިދާޅުވި އެވެ.
ނަމަވެސް، މުއިއްޒުގެ މި ވާހަކަ އަށް ބާރު ލިބޭ ހެއްކެއް، ގަރީނާއެއް ލިބެން އެބަ އޮތް ހެއްޔެވެ؟ މުއިއްޒު އާއި މުއިއްޒު އަށް ތާއިދުކުރާ ފަރާތްތަކުން މި މަޝްރޫއުގެ ފެށުމުގައި އެ މަނިކުފާނުގެ ދައުރު ބޮޑުކަން ދައްކުވަން މަސައްކަތް ކުރި ނަމަވެސް ގޫގުލްގެ ރަސްމީ ލިޔުންތަކާއި، ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ވެބްސައިޓުތަކުގެ ފަތްފުށްތަކާއި މީޑިއާ ރިޕޯޓުތަކުން އެކަން އެނގެން ނެތެވެ.
ދިވަރު ކޭބަލްއާ ގުޅޭ ގޮތުން ގޫގުލް ކްލައުޑް ބްލޮގްގައި އަންނަނިވި ގޮތަށް އިއުލާންކޮށްފައިވެ އެވެ؛
"މިއަދު އަހަރެމެން މި އިއުލާން ކުރަނީ އިންޑިއާ ކަނޑު ހުރަސްކޮށް އަޅާ، ދިވެހިރާއްޖެ ގުޅުވާލާނެ އައު ސަބްސީ ކޭބަލް ކަމަށްވާ 'ދިވަރު' އެވެ..."
މި ކޭބަލަށް ދިވެހި ނަމެއް ދިން ނަމަވެސް، ގޫގުލްއިން ސިފަކޮށްފައިވާ ގޮތުގައި އެއީ އެ ކުންފުނީގެ "އަމިއްލަ އިންވެސްޓުމެންޓެއް"ގެ ގޮތުގަ އެވެ. އެ ކުންފުނީގެ އިންފްރާސްޓަރަކްޗާ ބައްރުތަކަށް ފުޅާކުރުމުގެ މުހިއްމު މަޝްރޫއު އެކެވެ. މި މަޝްރޫއުގެ ދަށުން ގޫގުލްއިން އައްޑޫގައި "ކަނެކްޓިވިޓީ ހަބެއް" ގާއިމު ކުރާނެ އެވެ. މި މަޝްރޫއުގެ ހިޔާލާއި ރޭވުން ފެށިގެން އައީ މުއިއްޒު ނުވަތަ ދިވެހި ސަރުކާރާ ހަމައިންކަން ގޫގުލްގެ ބަޔާނުގައި ނެތެވެ.
އާންމުކޮށް ގޫގުލްއިން ނުވަތަ އިންޓަނޭޝަނަލް ބޮޑެތި ކުންފުންޏަކުން، އެހެން ބައެއް/ގައުމެއްގެ އިސްނެގުމަށް ނުވަތަ އެހެން ބަޔަކާ ޕާޓްނާޝިޕެއް އޮވެގެން ކުރާ ކަމެއް ނަމަ، އެ ފަރާތަކަށް ފުރިހަމަ ކްރެޑިޓު ދެއެވެ. އެކަމުގެ މިސާލުތައް ގޫގުލް ކްލައުޑުން ފެންނަން އެބަ ހުއްޓެވެ.
ގޫގުލްގެ ކޭބަލާ ގުޅޭ ގޮތުން މުއިއްޒު ވާހަކަ ދެއްކެވީ އެ މަނިކުފާނުގެ ވެރިކަމަށް ދެ އަހަރު ފުރުން ފާހަގަ ކުރުމަށް ރޭ ޒުވާނުންގެ މަރުކަޒުގައި ބޭއްވި ރަސްމިއްޔާތުގަ އެވެ. ހުއްޓުމެއް ނެތި ދެ ގަޑިއިރު ވާހަކަ ދެއްކެވި ފުރަތަމަ ރައީސްގެ ރިކޯޑު ހާސިލުކުރީ ދެ އަހަރުގެ ކާމިޔާބީ އާއި ކުރިއަށް ހުރި ރޭވުންތައް ހިމަނާފައިވާ ސްލައިޑުތައް ދައްކަމުންނެވެ.
ނަމަވެސް ގޫގުލް ކޭބަލްގެ ވާހަކަ އޭގެން ސްލައިޑެއްގައި ހިމަނާފައި ނެތްކަން އެނގެނީ، އެ ކޭބަލްގެ ވާހަކަ ދެއްކެވީ، ދިއްކޮށްލި ނޯޓަކަށް ބައްލައިގެން ކަމަށްވާތީ އެވެ. އެ މަނިކުފާނު ނޯޓަށް ބައްލަވަމުން ވިދާޅުވީ، ދިވަރު ކޭބަލްގެ ފެށުމަކީ 2024 ސެޕްޓެމްބަރުގައި، އދ. އާންމު މަޖިލީހުގައި ބައިވެރިވެވަޑައިގަތުމަށް ނިއުޔޯކަށް ކުރެއްވި ދަތުރުގައި، ނިއުޔޯކްގައި ހުންނަ ގޫގުލް އޮފީހަށް ވަޑައިގެން ބޭއްވި މަޝްވަރާ ކަމަށެވެ.
މި ބޮޑު އިންވެސްޓުމެންޓަކީ އެ ބައްދަލުވުމުމާއި އެމަނިކުފާނުގެ ފޮރިން އިންވެސްޓުމެންޓު ސިޔާސަތު ކަމަށް ރައީސް ސިފަ ކުރެއްވި ނަމަވެސް އެކަން ސާބިތުކޮށްދޭނެ އެއްވެސް ހެއްކެއް ނެތެވެ. އެފަދަ އެއްބަސްވުމެއްގައި ސޮއެއް ނުކުރެ އެވެ. ދެ ފަރާތުން ނެރުނު ބަޔާނެއް ނެތެވެ. މުއިއްޒުގެ އެ ދައުވާ ގޫގުލްއިން ކަށަވަރެއް ނުކޮށްދެ އެވެ. އެކަމަށް ބާރު ލިބިދޭ އިބާރާތެއް ވެސް ނެތެވެ.
މުއިއްޒުގެ ކާމިޔާބެއްގެ ގޮތުގައި ދައްކަމުން ދިޔަސް، ގޫގުލްގެ ބަޔާނުގައި މިފަދަ އިބާރާތެއް ނެތެވ؛ "މި މަޝްރޫއު ހުށަހެޅީ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުހިއްޒު އެވެ،"
ރައީސް މުއިއްޒު ނިއުޔޯކް ގޫގުލް އޮފީހަށް ވަޑައިގަތީ އެތަން ބައްލަވާ ލެއްވުމަށެވެ. ގައުމެއްގެ ވެރިއެއްގެ ފަރާތުން އެފަދަ ހުށަހެޅުމެއް ލިބިއްޖެ ނަމަ ގޫގުލް ނުވަތަ އެފަދަ ބޮޑެތި ކުންފުނިތަކުން މަރުހަބާ ކިޔާނެ އެވެ. ގޫގުލްގެ އޮފީސް ބައްލަވާ ލެއްވުމަށް ފަހު މުއިއްޒު އެތަނުގެ އިސް ބައެއް ބޭފުޅުނާ ބައްދަލުވި އެވެ. އެއަށް ފަހު ރައީސް އޮފީހުން އާންމުކުރި ހަބަރުގައި އޮތީ މި އިބާރާތެވެ؛
"ގޫގުލް އޮފީސް ބައްލަވާލެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ ގޫގުލްގެ ޓީމާ ބައްދަލުކުރައްވާފަ އެވެ. މި ބައްދަލުކުރެއްވުމުގައި، އާންމު ހިދުމަތްތައް ފޯރުކޮށްދިނުމުގައި އާޓިފިޝަލް އިންޓަލިޖެންސް ބޭނުންކުރުމާއި ޑިޖިޓަލް ލިޓަރަސީ އަދި މޫސުމަށް އަންނަ ބަދަލުތަކަށް ވިލުންތެރިކަން އިތުރުކުރުމުގައި ޑޭޓާގެ މައްޗަށް ބިނާވެފައިވާ ޙައްލުތައް ހޯދުންފަދަ ދާއިރާތަކުގައި ގުޅިގެން މަސައްކަތްކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފަ އެވެ،"
އެ ހަބަރުގައި ވެސް، ރާއްޖެއަށް ސަބްމެރިން ކޭބަލެއް އެޅުމަށް މަޝްވަރާ ކުރެއްވި ކަމަށް، އަދި އައްޑޫގައި ޑޭޓާ ސެންޓަރެއް ހެދުމަށް މަޝްވަރާކުރިކަން ބަޔާންކޮށްފައި ނެތެވެ. ހަބަރުގެ އެއްވެސް ޖުމުލައެއްގައި، ސަބްސީ ކޭބަލް، ކަނެކްޓިވިޓީ ހަބް، ދިވަރު މަޝްރޫއު ފަދަ އިބާރާތެއް ވެސް ނެތެވެ. އެހެންވެ، ރައީސް އޮފީހުގައި އާންމުކޮށްފައިވާ ހަބަރުން ވެސް، މުއިއްޒުގެ ދައުވާއަށް ބާރެއް ނުލިބެ އެވެ.
މި ކޭބަލްއަކީ މުއިއްޒުގެ އިސްނެގުމާއި ވިސްނުންފުޅެއް ކަމަށް، މި މަޝްރޫއުގައި ބައިވެރިވާ އުރީދޫ އާއި ދިރާގުން ވެސް ބުނެފައެއް ނެތެވެ. އެފަދަ މީޑިއާ ރިޕޯޓެއް ވެސް ނެތެވެ.
އާންމުކޮށް ލިބެން ހުރި، އަދި ކަށަވަރުކުރެވޭ ހުރިހާ މައުލޫމާތަކަށް ބަލާއިރު، 'ދިވަރު' ސަބްސީ ކޭބަލް މަޝްރޫއުއަށް އިސްނެގީ ވެސް ގޫގުލްއިންނެވެ. ދިވެހިރާއްޖެއަކުން ނޫނެވެ. މި ހަބަރާ ގުޅިގެން މުއިއްޒު ބޭނުންކޮށްފައިވާ "މަޝްވަރާތަކާ ގުޅިގެން" މި އިބާރާތަކީ ސިޔާސީ އިބާރާތެކެވެ. ކަން ހިނގާފައިވާ ގޮތުގެ ހަގީގަތެއް ނޫނެވެ. އެ މަނިކާނު މަސައްކަތް އެ ކުރައްވަނީ ހައްގު މަސައްކަތުގެ ނަތީޖާއަކަށް ވުރެ ބޮޑަށް، ޝަރަފަށެވެ.
ގޫގުލްގެ 'ދިވަރު': ކޮން ބައެއްގެ އިސްނެގުމެއް؟ މިއީ ހެއްކާއެކު ހަގީގަތް! ގޫގުލްގެ 'ދިވަރު': ކޮން ބައެއްގެ އިސްނެގުމެއް؟ މިއީ ހެއްކާއެކު ހަގީގަތް!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ