ޗައިނާއަކީ ފުރުސަތުތަކުގެ މާސިންގާ ކަނޑެއް، ރާއްޖެއާއި ޗައިނާގެ ތަރައްގީގެ ސިޔާސަތު އެއްގޮތްކުރެވޭނެ: ސަފީރު

ޗައިނާއިން ތަރައްގީ ހާސިލްކުރި މަގުން ކުރިއަށް ދިިއުމަށް ޓަކައި، ރާއްޖެއަށް، ރާއްޖޭގެ ތަރައްގީގެ ސިޔާސަތުތައް، ޗައިނާގެ ތަރައްގީގެ ސިޔާސަތާ އެއްގޮތްކުރެވޭނެ ކަމަށް ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކޮންގް ޝިންހުއާ މިއަދު ވިދާޅުވެއްޖެއެވެ. ޝިންހުއާ މިގޮތަށް ވިދާޅުވީ މިއަދު ހެނދުނު ބާސެލޯ ނަސަންދުރާގައި ބޭއްވި "މީޑިއަމް އެންޑް ލޯންގް-ޓާމް ޑިވެލޮޕްމެންޓު ޕްލޭނިންގް: ކީ ޓު ނޭޝަނަލް މޮޑަނައިޒޭޝަން" ސެމިނާގައި ވާހަކަދައްކަވަމުންނެވެ. މި ސެމިނާ ފެށުމުގެ ގޮތުން ވާހަކަދައްކަވަމުން ޝިންހުއާ ވަނީ އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް، ޗައިނާގެ ރައީސް ޝީ ޖިންޕިންގްއާއެކު މިދިޔަ މަހުގެ 30 ވަނަ ދުވަހު ބޭއްވި ބައްދަލުކުރެއްވުމުގައި ޝީ ދެއްކެވި ވާހަކަފުޅަށް އިޝާރާތްކުރައްވާފައެވެ. ސަފީރު ވިދާޅުވީ އެ ބައްދަލުވުމުގައި ޝީ ފާހަގަކުރެއްވި އެންމެ މުހިންމު އެއް ކަމަކީ ޗައިނާއަކީ އިގްތިޞާދީ ފުރުސަތުތަކުން ފުރިފައިވާ ކަނޑެއް ކަމަށެވެ. "ރައީސް ޝީ ޖިންޕިންގް ވިދާޅުވީ ޗައިނާގެ އިގްތިސާދަކީ ހަރުދަނާ ފުރުސަތުތަކުން ފުރިފައިވާ މާސިންގާ ކަނޑެއް ކަމަށް. ފުރުސަތުން ފުރިގެންވާ މި ކަނޑާ، ރާއްޖެއިން ވެސް ގުޅިގެން ތަރައްގީގެ ބަދަލަށް އެކުއެކީގައި މަސައްކަތްކުރާނެ ކަމަށް އުންމީދުކުރަން،" ޗައިނާގެ ސަފީރު ވިދާޅުވެފައިވެއެވެ. ސަފީރު ކޮންގް ވިދާޅުވީ ޗައިނާއަކި މީގެ ޒަމާންތަކެއް ކުރިން އިގްތިސާދީ ގޮތުން ވަރަށް ދަށްފަންތީގެ ގައުމެއް ކަމަށެވެ. އެކަމަކު މިހާރު އެ ގައުމަކީ 'ދުނިޔޭގެ ކާރުޚާނާ"ގެ ލަގަބު ލިބިފައިވާ އުފެއްދުންތެރިކަމުގެ ބޮޑު ހަބެއްކަމަށް އޭނާ ވިދާޅުވިއެވެ. އަދި ރާއްޖެ ފަދައިން އަމިއްލަ މިނިވަންކަން ދަމަހައްޓައިގެން ތަރައްގީ ގެންނަން ބޭނުންވާ ގައުމުތަކަށް ޗައިނާއިން މުޅިން އައު ފުރުސަތުތައް ހުޅުވާލާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. ރާއްޖެއަކީ ވެސް އެންމެ ދަށްފަތިން، ތަރައްގީވަމުން އަންނަ ގައުމެއްގެ ދަރަޖައަށް ބަދަލުވި ގައުމެއްކަން ޝިންހުއާ ފާހަގަކުރެއްވިއެވެ. އަދި ފަތުރުވެރިކަމުގެ ސިނާއަތާއި ތިމާވެށީގެ މައްސަލަތަކަށް ވަކާލާތުކުރުމުގައި އެންމެ ކުރީ ސަފުގައި ރާއްޖެ ހިމެނޭ ކަމަށް ވެސް އޭނާ ވަނީ ފާހަގަކުރައްވާފައިވެއެވެ. އެހެންކަމުން ރާއްޖެއާއި ޗައިނާއަށް ތަރައްގީގެ ކަންކަމުގައި އެއްބާރުލުން ދިނުމުގައި ސިޔާސަތުތައް އެއްގޮތް ކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ދެ ގައުމުން ގުޅިގެން ފުރުސަތުތައް ހޯދައި، ދެފަރާތަށް ފައިދާވާނެ ކަންކަމުގައި އެއްބާރުލުން ދެވޭނެ ކަމަށް ސަފީރު ވަނީ ވިދާޅުވެފައެވެ. ޗައިނާ ސަފީރު ކޮންގް ޝިންހުއާ "މީޑިއަމް އެންޑް ލޯންގް-ޓާމް ޑިވެލޮޕްމެންޓު ޕްލޭނިންގް: ކީ ޓު ނޭޝަނަލް މޮޑަނައިޒޭޝަން" ސެމިނާގައި ----ފޮޓޯ: ސަން/ އަޙްމަދު ފިރްޔާލް ސަފީރު ދެެއްކެވި ވާހަކައިގައި ވަނީ "ޗައިނީޒް ލެންގުއޭޖް+ސްޓެމް" އެޑިއުކޭޝަން ޕައިލަޓް ޕްރޮގްރާމެއް ރާއްޖޭގައި ލޯންޗުކޮށް، ފުޅާކުރުމަށް ގަސްދުކުރައްވާ ކަމަށް އިއުލާންކުރައްވާފައެވެ. ސްޓެމް އެޑިއުކޭޝަންގެ ޒަރީޔާއިން ރާއްޖޭގެ ފެންވަރު ރަނގަޅު އިގްތިސާދާއި އިޖުތިމާއީ ތަރައްގީގައި ސައިންސްއާއި ޓެކްނޮލޮޖީގެ އައު އީޖާދީ ގޮތްތައް އުފެއްދުމަށް އެހީތެރިވެދޭނެ ކަމަށް ވެސް ވިދާޅުވިއެވެ. ޗައިނާއަކީ ރާއްޖޭގެ ތަރައްގީގެ މުހިންމު ބައިވެރިއެކެވެ. އެގޮތުން، މިހާރު ވެސް މި ސަރުކާރުގެ މުހިންމު ތިން މަޝްރޫއެއް ހިންގަނީ ޗައިނާގެ އެހީގައެވެ. އެއީ، 50 ކައުންސިލް އިމާރާތުގެ މަޝްރޫއާއި ވިލިމާލޭގައި ތަރައްގީކުރާ ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ހޮސްޕިޓަލްގެ އިތުރުން މާލެއާއި ވިލިމާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަޝްރޫއުތަކެވެ. https://sun.mv/212080 ޗައިނާގެ އެހީގައި މީގެ ކުރިން ވެސް ރާއްޖޭގައި ބޮޑެތި މަޝްރޫއުތަކެއް ހިންގާފައިވެއެވެ. އެގޮތުން، މާލެއާއި ހުޅުމާލެ ގުޅުވައިލި ސިނަމާލެ ބުރިޖަކީ ޗައިނާ ސަރުކާރުގެ އެހީގައި ތަރައްގީކުރި ބުރިޖެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ