ދިރާގުޕޭ މެދުވެރިކޮށް 1 ރުފިޔާއަށް ކޮފީ ލިބޭ ޕްރޮމޯޝަނެއް!
ދިރާގު ފިންޓެކްއިން ކަސްޓަމަރުންނަށް އެންމެ ރުފިޔާއަކަށް ކޮފީ ލިބޭ ޕްރޮމޯޝަނެއް އިއުލާނުކޮށްފިއެވެ. މި ޕްރޮމޯޝަންގެ ދަށުން މާދަމާ ހުޅުމާލޭގައި ހުންނަ 'ދަ ކޮފީ ބީން އެންޑް ޓީ ލީފް މޯލްޑިވްސް'އިން ތައްޔާރުކޮށް ވިއްކާ ޚާއްސަ ބުއިންތައް، މާދަމާ އެއް ރުފިޔާއަށް ތަޖުރިބާކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ދިރާގުން ބުންޏެވެ. 'ދަ ކޮފީ ބީން އެންޑް ޓީ ލީފް މޯލްޑިވްސް'އަށް ޒިޔާރަތްކުރާ ފަރާތްތަކަށް، ދިރާގުޕޭ މެދުވެރިކޮށް އެންމެ ރުފިޔާއެއް ޚަރަދުކޮށްގެން، އެ ތަނުން ލިބެން ހުންނަ 12 އައުންސްގެ ބުއިންތަކުގެ ތެރެއިން އިޚުތިޔާރުކުރާ އެއް ބުއިން ލިބިގެންދާނެ ކަމަށް ދިރާގުން ބުންޏެވެ. އަދި، ދިރާގުޕޭ މުޅިން އަލަށް ބޭނުންކުރާ ކަސްޓަމަރުންނަށް ވެސް، ދިރާގުޕޭ އެޕް ޑައުންލޯޑްކޮށް ރަޖިސްޓްރީކޮށްގެން މި ޕްރޮމޯޝަންގައި ބައިވެރިވެވޭނެ ކަމަށް ދިރާގުން ބުންޏެވެ. ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ ގޮނޑުދޮށް ސަރަހައްދުގައި ހުންނަ 'ދަ ކޮފީ ބީން އެންޑް ޓީ ލީފް މޯލްޑިވްސް'ގައި ޕްރިމިއަމް އިންގްރީޑިއެންޓްސް ބޭނުންކޮށްގެން ތައްޔާރުކޮށްފައި ހުންނަ ތަފާތު ވައްތަރުތަކުގެ ކޮފީއާއި ސައިގެ ބުއިންތައް ލިބެންހުރެއެވެ. ތިރީސް ތިން ކަސްޓަމަރުންނަށް އެއްފަހަރާ ޚިދުމަތް ދެވޭ ގޮތަށް ތައްޔާރުކޮށްފައިވާ 'ދަ ކޮފީ ބީން އެންޑް ޓީ ލީފް'ގެ ޚާއްސަ އުފެއްދުމެއް ކަމުގައިވާ އައިސް ބްލެންޑެޑް ބުއިންތަކާއި، އެކި ބާވަތްތަކުގެ ކާތަކެތި ވެސް ލިބެންހުރެއެވެ. މީގެ ތެރޭގައި ޕޭސްޓްރީސް، ސޭންޑްވިޗް އަދި ފޮނިކާތަކެތި ހިމެނެއެވެ. ދިރާގުގެ ސަބްސިޑަރީ ކުންފުންޏެއް ކަމުގައިވާ ދިރާގު ފިންޓެކްގެ މި ޚާއްސަ ޕްރޮމޯޝަނަކީ ދިރާގުޕޭގެ ކަސްޓަމަރުންގެ އަގުވަޒަންކުރުމުގެ އިތުރުން ރާއްޖޭގައި ފައިސާގެ މުއާމަލާތްތައް ކުރުމަށް ޑިޖިޓަލް ވަސީލަތްތައް ބޭނުންކުރުމަށް ޝައުގުވެރިކަން އިތުރުކުރުމުގެ މަގުސަދުގައި ކުރިއަށްގެންދާ ޕްރޮމޯޝަނެއް ކަމަށް ދިރާގުން ބުންޏެވެ. އެ ކުންފުނީގެ އަމާޒަކީ ކަސްޓަމަރުންނަށް އިތުރު ލުއި ފަސޭހަތައް ލިބޭ ފިންޓެކް ސޮލިއުޝަންތައް ފޯރުކޮށްދިނުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ