އޮތީ އެންމެ ފަރުވާއެއް، އެއީ އަވަހަށް 'ހިފައިގަތުން'
މޮންގޯލް އެމްޕަޔަރަކީ ދުނިޔޭގެ ތާރީޚު ދުށް އެންމެ ވަރުގަދަ އެއް ބާރެވެ. ޗައިނާއިން ފެށިގެން އިރުމަތީ ޔޫރަޕްގެ ގައުމުތަކާ ހަމައަށް 24 މިލިއަން އަކަ ކިލޯމީޓަރުގެ މުޅި ކޮންޓްރޯލް އޮތީ ޗިންގިސް ޚާންގެ އެ އެމްޕަޔަރުގެ ކޮންޓްރޯލްގައެވެ. އެ ވަރުގެ ބާރެއް 13 ވަނަ ގަރުނުގައި ނުދެކެއެވެ. ބޮޑެތި ރަސްކަންތަކާއި ގައުމުތަކާއި އެހެން އެމްޕަޔަރުތައް ވެސް އެ ވަރުގަދަ ލަޝްކަރު ދެކެ ބިރުގަނެއެވެ. އެކަމަކު، އެ މީހުން ނެތި ހަލާކުވެދިޔައީ ކިހިނެއް ހެއްޔެވެ؟ ޚާން އަވަހާރަވުމުން، ދަރިންނާއި ކާފަ ދަރިންގެ ކޯޅުން ބޮޑުވީއެވެ. އެންމެން އެއް ތަހުތަކަށް އަރައިރުންވެ، އެ ވަރުގަދަ އެމްޕަޔަރު ފުނޑުފުނޑުވެގެންދިޔައީ ބޭރުގެ ބާރެއްގެ އަތްދަށުވެގެންނެއް ނޫނެވެ. އެތެރޭގެ ކޯޅުންތަކުގައި އުފެދުނު ހަމަނުޖެހުންތަކުގައި ބައިބައިވެގެންނެވެ. ގާތްގަނޑަކަށް 900 އެއްހާ އަހަރު ކުރީގެ މި ހާދިސާއަކީ އަދިވެސް، އެތެރޭގެ ކޯޅުންތަކުން ބޮޑެތި ބާރުތައް ނެތިފަނާވެ ދާގޮތުގެ އެންމެ އަލިގަދަ އެއް ދަލީލެވެ. https://sun.mv/214357 އެމްޑީޕީއަށް ވެސް އެ ވަނީ މި ކަހަލަ ގޮތެއް ނޫން ހެއްޔެވެ؟ އެ ޕާޓީގެ ބައިބޯ ލީޑަރުންތައް އެ ތިއްބެވީ 2028ގައި ވެރިކަމަށް ވަޑައިގަންނަވާނީ ތިމަންނާމެންގެ ތެރެއިން މޮޅުވާ ބޭފުޅަކުކަން ޔަގީންކޮށްގެންނެވެ. ކުރިން ވެރިކަމުގެ ފޮނިކަން އަރުތެރޭގައި ލާފައި ތިއްބެވި އެންމެ ސީނިއާ ދެ ލީޑަރުންނާއި، ފަހަތުން ތިއްބެވި ކުދިކުދި ލީޑަރުންނާއި، އާންމު މީހުން ގަބޫލުނުކުރާ ވަރުގެ ތަންކޮޅެއް 'އަންޕޮޕިއުލާ' ބޭފުޅުން ވެސް އެ ގެންދަވަނީ ކޮންމެ ރެއަކު ވެރިކަމުގެ ހުވަފެން ބައްލަވަމުންނެވެ. ކޯޅުމުގައި އެމްޑީޕީ ހަލާކުވަނީ ރާއްޖޭގެ ތާރީޚު ދުށް އެންމެ ވަރުގަދަ ސިޔާސީ ޕާޓީ، އެމްޑީޕީއަށް ދެވަނަ ފަހަރަށް ވެރިކަން ލިބުނީ 2018 ވަނަ އަހަރެވެ. އެ ވެރިކަން މެދާ ހަމައަށް ދިއުމުގެ ކުރިން ފެށިގެން އަދިވެސް ޕާޓީގެ ތެރޭގައި އެ އޮތީ ބައިބައިވުމާއި ރުޅިވެރިކަމާއި ވާދަވެރިކަމެވެ. ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙާއި، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ޒާތީ 'ރުޅިވެރިކަން' އަދިވެސް ނުނިމެއެވެ. އޭގެ ފަހަތުން، ޗެއާޕާސަންކަމުން އިސްތިއުފާދެއްވި ފައްޔާޒް އިސްމާއިލާއި، ޕާޓީގެ ރައީސް އަބްދުﷲ ޝާހިދު ވެސް އެ ތިއްބެވީ ވެރިކަމަށް ފެންބޮވައިގެންފައެވެ. އެއަށް ވުރެ ދަށު ފަންތީގައި ވެސް ވާދަވެރިކަން އޮތް މިންވަރު އެއީ އެންމެން ދަންނަ ބޮޑު ސިއްރެކެވެ. އެކަމަކު، ހަގީގަތަކީ ކޮބާ ހެއްޔެވެ؟ އެ ބޭފުޅުން އެ ބޭފުޅުންނަށް "ނަގޫ ގޮށްޖެހިފައި" ތިބުމުން ޕާޓީއެއް ނުހިނގައެވެ. ޖޯޝު ވަރުގަދަ، އެމްޑީޕީގެ ސަޕޯޓަރުން އެ ތިބީ ނެގިމަޑުވެފައި އޮތް އެމްޑީޕީއާ ރުޅިންނެވެ. އެންމެން ތޮޅޭ ތޮޅުން މަތިން ފޫހިވެ، ތުން ދަމައިގެންނެވެ. އެމްޑީޕީ އެބައޮތްހޭ އަހަންޖެހޭ ވަރަށް ޕާޓީ ވަނދުވެއްޖެއެވެ. ޕާޓީގައި ލީޑަރުންނާއި ފެކްޝަން ގިނަކަމުން ޕާޓީ ހިންގާނެ އެއްވެސް ބޭފުޅެއް ރަންރީނދޫ ލަޝްކަރުގައި ނެތެވެ. ޕާޓީ އެ އޮތީ ވިއްސި ވިހާލިވާން ދޫކޮށްލާފައެވެ. https://sun.mv/209623 ފައްޔާޒްގެ އިސްތިއުފާއާ އެކު އަނެއްކާ ވެސް އެ ބޭފުޅުން، އެ ބޭފުޅުންނަށް ތޮޅެ ޝަހީދުވަނީއެވެ. އެކަކު އަނެކަކަށް ވަގަށް ވެސް ގޮވަނީއެވެ. މުޅި ޕާޓީ ޚަރާބުކޮށްލީއޭ ވިދާޅުވަނީއެވެ. ކުރިން ސިއްރު ސިއްރުން ޕާޓީގެ އާންމު މެންބަރުންނާ ވަގަށް ހެދި ޑީލްތައް ވެސް ފަޅާއަރުވަނީއެވެ. އެ ޖަޒުބާތުގައި ޖެހި، މުޅި ޕާޓީ 'ޕެރަލައިޒް' ކޮށްލައިގެން ކިތަންމެ ހުވަފެނެއް ދެކުނަސް، 2028 ގެ ތަގުދީރަކީ އެހާ ސާފުކޮށް އެމްޑީޕީއަށް ލިޔުއްވާފައި އޮތް އެއްޗެއް ހެއްޔެވެ؟ ނޫނެކެވެ. އެހެންވީމާ، އެ ޕާޓީގެ ކުދިބޮޑު އެންމެން ވެސް އެ ހަގީގަތް ގަބޫލުކުރަން ޖެހެއެވެ. ބައިބައިވެގެން އުފަލެއް ނެތް މިދިޔަ ރިޔާސީ ޕްރައިމަރީ ނިމުނުއިރު، އެމްޑީޕީގެ 'ހިތާއި ހިތުގެ ގުޅުން' ތެރޭގައި އަތާ އަތް ޖޯޑުކޮށް ސަލާންނުކުރެވޭހާ ފިތުނަވެފައި ތިއްބެވި ބޭފުޅުން ގިނައެވެ. ޕްރައިމަރީ ނިމިގެން އައި ގޮތުން، "އާންމު އިންތިޚާބުން ބަލިވާނޭ" ސާފުކޮށް ބުނަން ކެރޭހާ ފާޅުގައި އެ ނަފުރަތު އޮތީ ފެންނާށެވެ. ވީ ވެސް އެހެންނެވެ. ނަޝީދު ނުކުންނެވީ "އިބޫ ނޫން ގޮތެއް" ހޯއްދަވާށެވެ. ޞާލިޙް ހުންނެވީ "ނަޝީދު މުހިންމެއް ނޫނޭ" ހިތާއެވެ. އާޚިރުގައި ވެރިކަން ވެސް ބީވެ، މުޅި ޕާޓީ ބައިބައިވީއެވެ. އެއީ ހަމައެކަނި އޭރުގެ ހާލަތެއް ނޫނެވެ. މިއީ ޕާޓީއަށްޓަކައި އެކަތިވާންވީ ވަގުތޭ ކޮންމެ ބޭފުޅަކު ވެސް ވިދާޅުވެއެވެ. އެކަމަކު، އިސްތިއުފާދެއްވަމުން ފައްޔާޒް ވެސް ގަބޫލުކުރެއްވި ފަދައިން "ހިތަށްވީ ތަދުގެ ބަދަލު ހޯދަން އުޅެގެން ލިބޭނެ ކުރިއެރުމެއް ނުފެނެއެވެ." https://sun.mv/207684 އެމްޑީޕީއަށް ދިމާވެފައި އޮތް މައްސަލައަކީ ކޮބާ ހެއްޔެވެ؟ ކެތްނުލައްވައިގެން މި އުޅެނީ ކީއްވެ ހެއްޔެވެ؟ ޕްރައިމަރީއަކީ 2028 ގެ ކަމެކެވެ. މިއީ އަދި 2025 އެވެ. މި ވަގުތު މުހިންމީ ޕާޓީ ހިންގުން ނޫން ބާއެވެ؟ މިއީ ދިވެހި ސިޔާސީ ތާރީޚުގައި ވެސް ދެކެފައި ހުރި ކަންކަމެވެ. އެއަށް ވުރެ ތިލަކޮށް، އެންމެ އާދައިގެ މީހެއްގެ ވިސްނުމުން ވިސްނިޔަސް އެއީ ކަންވާނެ ގޮތެވެ. ތަބީއަތުން ވެސް މި ނުރުހުމާއި ހަމަނުޖެހުން އުފެދޭނެއެވެ. އަމުދުން 2028 އާ މެދުގައި އެހާ ބޮޑު އުންމީދެއް އޮތީމާ، ވެރިކަމުގެ ހުވަފެއް ބައްލަވާ ކޮންމެ ބޭފުޅަކު ވެސް "ޓްރައިކޮށްލަން" ބޭނުންވާނެއެވެ. އެމްޑީޕީއަށް ވެސް އޮތީ އެ ހަގީގަތް ގަބޫލުކުރުމެވެ. ބައިބައިވެގެން 2028 ވެސް ގެއްލޭނީކަން ހިތުގެ އަޑިން ގަބޫލުކުރުމެވެ. ހައްލަކީ ރަނގަޅަށް ހިފައިގަތުން؟ އެމްޑީޕީގައި އުފެދިފައި އޮތް ފިތުނައިގެ އަޑިއަކީ ވެރިކަމުގެ ދަހިވެތިކަން ނޫންބާއެވެ؟ ޕާޓީގެ ކޮންޓްރޯލް ނަންގަވަން ބޭނުންވާ ބޭފުޅުން ގިނަވުން ނޫންބާއެވެ؟ ދޫދޭނެ އެންމެ ބޭފުޅަކު ވެސް ނެތީ ނޫން ހެއްޔެވެ؟ މިއީ ޕާޓީތައް ބޮޑުވެ، ސިޔާސީ ވަރުގަދަ 'ސިކުނޑި'ތައް އުފެދުނީމާ ދުނިޔޭގެ ހުރިހާ ޕާޓީއެއްގައި ވެސް ކަން ހިނގާ ގޮތެވެ. މި ރާއްޖޭގައި ވެސް މި ހަގީގަތް އޮތީ އެހެންނެވެ. އެމެރިކާގެ ޑިމޮކްރެޓިކް ޕާޓީއާއި އިނގިރޭސި ލޭބާ ޕާޓީގައި ވެސް އެ ފަދަ ގަޑުބަޑުތައް އުފެދުނެވެ. ވާދަވެރިކަން ބޮޑުވެ، ޕާޓީ ބައިބައިވިއެވެ. https://sun.mv/201592 އެމްޑީޕީ ހިނގައިގަންނާނީ އެތެރޭގައި އެ އޮތް ވާދަވެރިކަން ނިންމާލައިގެންނެވެ. ޕާޓީގައި ތިބި ގިނަ ލީޑަރުންގެ ބަދަލުގައި، އެއް ލީޑަރެއް ހޮވައިގެންނެވެ. ބައިބައިވުން ކުޑަވާނެ، ދެފުށް ފެންނަ ގޮތަކަށް އަވަސް އިންތިޚާބެއް ބާއްވައިގެންނެވެ. ވެރިކަމަށް ތޮޅޭ ތޮޅުން، ލަސްނުކޮށް ނިންމާލައިގެންނެވެ. މިހާރު ރަނގަޅަށް 'ހިފައިގަނެގެންނެ'ވެ. ޕްރައިމަރީއެއް ނުވަތަ ޕާޓީ ހިންގާނެ ވަކި ބޭފުޅަކު އާންމު މެންބަރުންގެ ވޯޓުން ހޮވައިގެންނެވެ. އެކަތިގަނޑެއްގެ ގޮތުގައި 2028 ދެކެން ބޭނުން ނަމަ، އިންތިޚާބު އަވަސްކުރަންވީއެވެ. ދުނިޔޭގެ ވަރުގަދަ، މާ ބޮޑެތި ޕާޓީތަކުގައި އުފެދުނު މި ޒާތުގެ ހަމަނުޖެހުންތައް ސުލްހަކުރީ ވެސް އެ އުސޫލުންނެވެ. ޕާޓީގެ އާންމު މެންބަރުން، އޭގެ ތެރެއިން އެ މީހުންގެ ރުހުމާއި ލޯބި އޮތް ބޭފުޅާ ދައްކަނީއެވެ. އެއަށް ފަހު، ދެން ތިއްބެވި 'ބަލިވި' ލީޑަރުން އެ ބޭފުޅާގެ ފަހަތުގައި ރުކުރެނީއެވެ. އެންމެން އެއްބަސްވާ ގޮތަކަށް ކޭކު ފޮތިފޮތިކޮށްފައި، ޕާޓީ ހިންގަން ފަށަނީއެވެ. އެމްޑީޕީއަށް ވެސް އޮތީ އެ ފަރުވާއެވެ. ލަސްނުކޮށް، އަވަހަށް "ހިފައިގަންނަންވީ"އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ