މާލެ ސިޓީ ކައުންސިލަށް ވެހިކަލް ފީ އިން އެކަނި އަހަރަކު 190 މިލިއަން ރުފިޔާ ލިބޭނެ، ތަންތަން މަރާމާތު ކޮށްދެވޭނެ: ރައީސް

ރަސްފަންނާއި އާޓިފިޝަލް ބީޗް ފަދަ ތަންތަން މަރަމާތު ކުރުމަކީ މާލެ ސިޓީ ކައުންސިލަށް ކުރެވޭނެ ވަރުގެ ކަންކަން ކަމަށާއި އެ ކައުންސިލަށް ސަރުކާރުން ދޭ ބްލޮކް ގްރާންޓްގެ އިތުރުން އާމްދަނީގެ ގޮތުގައި އަހަރަކު 190 މިލިއަން ރުފިޔާ ލިބޭ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މުއިއްޒު މިހެން ވިދާލުވީ ރޭ މައްޗަންގޯޅި ރައްޔިތުންނާ ބައްދަލު ކުރެއްވުމަށް އަމީނިއްޔާ ސްކޫލްގައި ބޭއްވި ބައްދަލުކުރެއްވުމުގައި ވާހަކަ ދައްކަވަމުންނެވެ.
މާޅޭގެ ރައްޔިތުންނަށް ދިމާވާ ދަތިތަކާއި ޝަކުވާތައް ހިއްސާ ކުރުމަށް ހުޅުވާލި ފުރުސަތުގައި މި ބައްދަލުވުމުގައި ގިނަ ބަޔަކު ވަނީ ޝަކުވާތައް ހިއްސާކޮށްފައެވެ. އެގޮތުން އާންމުންގެ މީހަކު ވަނީ އާޓިފިޝަލް ބީޗުގައި ފެންވެރޭ ގޮތަށް ހުރި ތަނާއި ހެދުން ބަދަލު ކުރާ ތަނުގެ އިތުރުން ފާހާނާ ހުރި ގޮތް ބަލައި އެތަންތަން ރަނގަޅުކޮށް ދިނުމަށް އެދިފައެވެ. ހަަމައެއާއެކު އިތުރު މީހަކު ވަނީ ރަސްފަންނު ސަރަހައްދުގެ މޫދު ސަރަހއްދަށް ވެލި ލައި ދިނުމަށާއި އެތަނުގައި ވެސް ކުރަން ޖެހޭ މަރާމާތުތައްކޮށް ދިނުމަށް އެދިފައެވެ.
އެ ދެ މީހުންގެ ޝަކުވާއަށް ރިއަޔަތްކުރައްވަމުން ރައީސް މުއިއްޒު ވިދާޅުވީ، މާލެ ސިޓީ ކައުންސިލަކީ އެފަދަ މަރާމާތުތައް ކުރެވޭނެ ކައުންސިލެއް ކަމަށާއި އެ ވަރަށް އެ ކައުންސިލަށް ފައިސާ ލިބޭނެ ކަމަށެވެ. އެގޮތުން ވެހިކަލްތަކަށް ލިބޭ ފައިސާ ޖަމާވާނީ ސީދާ ސިޓީ ކައުންސިލްގެ އެކައުންޓަށް ކަމަށާއި އެ ގޮތަށް އެ ކައުންސިލަށް އާމްދަނީގެ ގޮތުގައި އަހަަރު 190 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. މިއީ ސަރުކާރުން ދޭ ބްލްޮކް ކަރަންތުގެ އިތުރަށް ލިބޭ ފައިސާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނޫ މޭޔާރެއްގެ މަގާމުގައި ހުންނެވި އިރު މިގޮތަށް ހުރި އެތައް ކަމެއް ކޮށް ދެއްވި ކަމަށާއި ނަމަވެސް މިވޭތުވެ ދިޔަ ދެ އަހަރު ދުވަހު މި ކަންކަމަށް އެޓެންޑް ވެފައި ނުވާ ކަން ރައީސް ފާހަގަ ކުރެއްވިއެވެ. މީގެ އިތުރުން ވެސް އާސަހަަރާ މިސްކިތަށް ފެން ލީކް ވާ މައްސަލަ އަށް ވެސް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، ސަހަރާ މިސްކިތަށް ވެސް ފެން ފައިބަނީ ކަމަށާއި ސިޓީ ކައުންސިލުން މިކަންކަން ހައްލު ނުކޮށްދެވެންޏާ އެކަންކަން ސަރުކާރުން ހައްލުކޮށް ދޭނެ ކަމަށެވެ.
އާޓިފިޝަލް ބީޗާއި ރަސްފަންނަކީ ސިޓީ ކައުންސިލާ ހަވާލުކޮށްފަ ހުންނަ ތަންތަން ކަމަށާއި އެތަންތަން މަރާމާތު ކުރަން ޖެހޭނީ ސިޓީ ކައުންސިލުން ކަމަށް ރައީސް ވިދާޅުވިއެވެ. ނަމަވެސް އެކަން ވެސް ސިޓީ ކައުންސިލަށް ނުވަންޏާ ޕަބްލިކް ވޯކްސް އާ ހަވާލުކޮށްގެން އެކަންކަން ވެސް ހައްލުކޮށް ދޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ