ފުވައްމުލައް ސިޓީގެ މޭޔަރު އިސްމާއީލް ރަފީގު ދެވަނަ ދައުރަކަށް ވާދަކުރައްވަން ނިންމަވާފައިވާކަން ރަސްމީކޮށް އިއުލާންކުރައްވައިފި އެވެ.
ފޭސްބުކްގައި ރޭ ކުރެއްވި ޕޯސްޓެއްގައި މޭޔަރު އިސްމާއީލް ވިދާޅުވީ އެ ސިޓީގެ މޭޔަރަކަށް ވުމަކީ "ހަޔާތުގައި ލިބުނު އެންމެ ބޮޑު ޝަރަފު" ކަމަށެވެ.
މޭޔަރުކަމުގައި ކައުންސިލްގެ ހިންގުން ހަރުދަނާ ކުރުމަށާއި ރަށުގެ ކުރިއެރުމާއި ތަރައްގީއަށް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށް އިސްމާއީލް ވިދާޅުވި އެވެ. ނަމަވެސް ސިޓީގެ ތަރައްގީ އަށް ހާސިލްކުރަން ބޭނުންވާ ކަންކަންކޮށް ނުނިމޭ ކަމަށް އޭނާ ވިދާޅުވި އަދި ފެށިފައި ހުރި ކަންތައްތައް ހަރުދަނާ ގޮތަކަށް ކުރިއަށް ގެންދިއުމަށާއި ޕްލޭންކޮށްފައި ހުރި އިތުރު ކަންކަން ކުރިއަށް ގެންދަން އަދި އިދާރީ ހިންގުން އިތުރަށް ހަރުދާނާ ކުރުމަށް އިތުރު ދައުރެއް ބޭނުންވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ތިބޭފުޅުންގެ އެހީތެރިކަމާއި އެކު ދެވަނަ ދައުރެއްގައި ތިބޭފުޅުންނަށް، ފުވައްމުލައް ސިޓީއަށް، ހިދުމަތްކުރުމުގެ އިހުލާސްތެރި ނިޔަތުގައި 2026 ވަނައަހަރު އޮންނަ ލޯކަލް ކައުންސިލް އިންތިހާބުގައި ފުވައްމުލައް ސިޓީގެ މޭޔަރު ކަމަށް ކުރިމަތިލާން އަޅުގަނޑު ނިންމިވާހަކަ ފުވައްމުލަކު ލޮބުވެތި ރައްޔިތުންނާ ހިއްސާކުރަން،" އިސްމާއީލް ވިދާޅުވި އެވެ.
ސަރުކާރަކާއި ގުޅިގެން، އެއްބާރުލުންދީގެން ރަށުގެ ތަރައްގީ އާއި ކުރިއެރުމަށް ބޭނުންވާ ޕްރޮޖެކްޓްތަކަށް މަގުފަހިކޮށްދޭން އަބަދުވެސް މަސައްކަތް ކުރެވޭ ކަމަށް އޭނާ ވިދާޅުވި އެވެ.
ފުވައްމުލައް -- ފޮޓޯ: އަދަދު
ފުރަތަަމަ ދައުރުގައި ކޮށްފައިވާ ބައެއް ކަންކަން އިސްމާއީލް ހިއްސާކުރައްވާފައިވެ އެވެ. އޭގެ ތެރޭގައި ކުދި އަދި ގެވެށި ވިޔަފާރިތައް ކުރިއެރުވުމަށް ތަފާތު ޕްރޮގްރާމްތައް ހިންގައި، މައިކްރޯ ފައިނޭންސް ސްކީމެއް ފަށައި، ގްރާންޓް އެހީތައް ހޯދައިދީ، ރަށުގެ އުފެއްދުންތައް ވިއްކާ އިޝްތިހާރުކުރުމަށް ފުރުސަތުތައް ހުޅުވިގެންދިޔަ ކަމަށް އިސްމާއީލް ވިދާޅުވި އެވެ. ފުވައްމުލައް އިޝްތިހާރުކުރުމަށް ބޭރުގެ ފެއާތަކުގައި ބައިވެރިވެ، ޑިސްކަވާ ފުވައްމުލައް ވެބްސައިޓް ހިންގަން ފެށިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުން ވެސް އިދާރީ ހިންގުމާއި ރަށްވެހިކަމާ ގުޅޭ ކަންކަމުން، ދީނީ، އިޖުތިމާއީ، އުމްރާނީ ތަރައްގީގެ ދާއިރާއިން ކުރެވިފައިވާ ކަންކަން އޭނާ ހިއްސާކުރެއްވި އެވެ. އެކަންކަން ކާމިޔާބު ކަމާއިއެކު ކުރިއަށް ގެންދެވެނީ ފުވައްމުލައް ސިޓީ ކައުންސިލްގެ މެމްބަރުން އަދި ކައުންސިލްގެ ހީވާގި މުއައްޒަފުންގެ އެހީތެރިކަމާއި އެއްބާރުލުމުގެ ސަބަބުންކަން އިސްމާއީލް ފާހަގަ ކުރެއްވި އެވެ.
ފުވައްމުލައް ސިޓީގެ މޭޔަރު ދެވަނަ ދައުރަކަށް ވާދަކުރައްވަން ނިންމަވައިފި ފުވައްމުލައް ސިޓީގެ މޭޔަރު ދެވަނަ ދައުރަކަށް ވާދަކުރައްވަން ނިންމަވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ